Friday, November 18, 2011

Programme 03

އެއްދުވަހަކު ކުޑަ ފިރިހެން ކުއްޖަކު އޭނަގެ ބައްޕަ އާއި އެކުގައި ހިނގައިލާން ދިޔަ. އެއީ ފިނި މޫސުމުގެ ދުވަހެއް. މަގުމައްޗަށް ސްނޯ ފޭމުގެ ސަބަބުން އޮތީ މުޅީން ހުދުވެފަ. ދެބަފައިން ހިނގަމުންގޮސް ހަރުފަތް ތަކެއްގެ މަތީން އަރާން ޖެހިއްޖެ. ބައްޕަ ތަންކޮޅަކަށް އަރާފައި ދެފަރާތް ބަލައިލި އިރު، ދަރިފުޅު ފެންނަކަށް ނެތް. ވެއްޓުނިކަމަށް ހިތާ އެނބުރި ފަހަތަށް ބަލައިލިއިރު، ދަރިފުޅު އޭނަގެ ފަހަތުން އެބަ އާދޭ. އަންނަނި އޭނާގެ ފިޔަވަޅުމަތިގައި ފިޔަވަޅު އަޅަމުން. އާދެ. ސްނޯމަތީގައި އޭނާ ފިޔަވަޅުއަޅަމުން ދިޔަތަން ވަރަށް ރަނގަޅަށް ފެންނާންހުރި. ދަރިފުޅު އައީ އެ ފިޔަވަޅުގެ ނިޝަނުގެ މަތީގައި ފިޔަވަޅު އަާލމުން. ބައްޕަ ބަލައިލީމާ ދަރިފުޅު ހިނިތުންވެލާފައި ބުނި. ބައްޕާ ހާސްވެ ނުލައްވާ! އަޅުގަނޑެއް ނުވެއްޓޭނެ. އަޅުގަނޑު މިއަންނަނީ ބައްޕަގެ ފިޔަވަޅުމަތީގައި ފިޔަވަޅު އަޅަމުން. ކޮންމެ ދައުރަކަށް ބެލިނަމަވެސް އިންސާނުންގެ އުޅުން ހުންނަނީ ދެންމެ މިދެންނެވި ކުޑަކުއްޖާގެ އުޅުން ހުންނަ ގޮތަށް. އާދެ. ކޮންމެ ބަޔަކުވެސް ހިނގަމުން ދަނީ އެހެން ބަޔަކު ހިނގިގޮތް ބަލައިގެން އެބަޔަކު ހިނގި މަގުން. މިއީ ދުނިޔޭގެ އާދަ. ވުމާއެކު އަޅުގަނޑުމެން ވިސްނާންވީ އަޅުގަނޑުމެންގެ ފިޔަވަޅު ސީދާ ކުރެވޭތޯ. އަޅުގަނޑުމެންތިބި ޙާލަތާއިމެދު ވިސްނާލުމަކީ ކޮންމރހެންވެސް ކުރާންޖެހިފައިވާ ކަމެއް. އަމިއްލަ ނަފްސާއި ކޮށްލާންޖެހޭ ސުވާލުތަކެއް އެބަހުރި.
އަޅުގަނޑުމެން މިތިބި އެހެންބަޔަކު އަޅުގަނޑުމެންގެ ފިޔަވަޅުމަތިގައި ފިޔަވަޅުއަޅަން އެންމެ ރަނގަޅު ފެންވަރެއްގައިތޯ. އަޅުގަނޑުމެންގެ ފިޔަވަޅުގެ މަތީގައި ފިޔަވަޅުއަޅަ މީހަކު ނުވެއްޓި ސަލާމަތްވާނޭތޯ. އަދިވެސް އެހެން ސުވާލެއް. އަޅުގަނޑުމެންނަށް ފިޔަވަޅު އެޅެމުން މިދަނީ އަޅުގަނދުމެންގެ ކާބަފައިންގެ ފިޔަވަޅުމަތީގައިތޯ. މިއީ ޖަވާބެއް ހޯދަންޖެހޭ ސުވާލުތަކެއް. އެހެންނޫނީ ކުރިމަގަށް ޓަކައި އަޅުގަނޑުމެންކުރާ ފޮނި އުއްމީދުތަކެއް ފުރިހަމައެއް ނުވާނެ. ޒުވާން ޖީލު ދަތުރުކުރާންވީ މަގު ސީދާ ކޮށްގެން ނޫނީ ކުރިމަގު އުޖާލާކުރެވޭނޭ ގޮތެއް ނޯޏްނާނެ. އެމަގު ސީދާކުރެވޭނީ ޚުދު ތިމާގެ އަމިއްލަ ފިޔަވަޅު ސީދާ ކޮށްގެން. ބަޔަކު ތިމާ ހިނގާމަގުން ހިނގާނޭކަން ނުވަތަ މިހާރުވެސް ހިނގަމުން އެބަ ދާކަން ދަނެގެން އެބަޔަކު ވެއްޓުނަ ނުދީ ސަލާމަތްކުރަން ބޭނުންނަމަ، މިނޫން އެއްވެސް ގޮތެއް ނެތްކަން ކަށަވަރު. ފިޔަވަޅު ސީދަކުރަން ބަލާއިރު އިސްލާޙުކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި. ގާނުނާ ގަވާޢިދުތަކަށް ޙުރުމަތްތެރިކޮސް ހިތުމާއި އަނެކުންގެ ހެވާ ލާބައަށް އިސްކަންދިނުމާއި، ދީނަށް ލޯބިކުރުމާއި، މިހެން ގޮސް އެތައް ކަމެއް އެބަހުރި. ހިތާމައާއިއެކު ދަންނަވަން ޖެހެނީ އަޅުގަނޑުމެންގެ ގިނަ ކަންތައްތައް މިހާރުވެސް ހުރީ އިސްލާޙުކުރާން ޖެހިފައި ކަމުގައި. ވުމާއެކު ލަސްނުކޮށް ކަތިފިޔަވަޅު ސީދާ ކުރެވޭތޯ ބަލަމާ ހިންގަވާ. އެޑްމަން ބޯކަކީ އިނގިރޭސިވިލާތުގެ ވަރަށް މަޝްހޫރު ފަލްސަފާވެރިއެއް. އޭނާ ދުނިޔެއަށް ވަޑައިގަތީ ސަތާރަ ސަތޭކަ ނަވާވީސް ވަނަ އަހަރު. އަވަހާރަވީ ސަތާރަ ސަތޭކަ ނުވަދިހަ ހަތްވަނަ އަހަރު. އޭނާ ވިދާޅުވެފައިވޭ. އިންސާނިއްޔަތުގެ އެންމެ ފުރިހަމަ މަދުރަސާއަކީ ނަމޫނާއޭ. ނުވަތަ ނަމޫނާއަކަސް ވުމޭ. އެހެންނަމަވެސް އެހެން އެއްވެސް ވަސީލަތަކުން މި މަދަރުސާއަށް ވުރެން މޮޅަކަށް އުނގެނިއެއް ނުގަނެވޭނޭ.

އެއްކަޅިން ތާރީޚު: 

 އެއްކަޅިން ތާރީޚު (މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު) މިލާދީ ސަނަތުން ފުރަތަމަ ގަރުނުގެ ތެރޭގައި ދެކުނު އިންޑިޔާގެ ނައުފަހަރު ދިވެހި ރާއްޖެއަށާއި ލަކުޑިދީބަށް ފޮނުވިކަމަށް ދެކުނު އިންޑިޔަގެ ސަންގަމް ލިޔުން ތަކުގައި ލިޔެފައިވާ ވާހަކަޔާއި،  ދެކުނު އިންޑިޔާގެ ޕައްލަވަ ދަރިކޮޅުގެ ނަރަސިންހަ ވަރްމަން ރަސްގެފާނު ދިވެހިރާއްޖެއަށާއި ލަކުޑިދީބުގެ މައްޗަށް ބާރު ހިންގެވިކަމަށް މީލާދީ ސަނަތުން ހަތްވަނަ ގަރުނުގެ ލިޔުމެއްގައި ލިޔެފައިވަކަން މިގޮތުން ފާހަގަ ކުރެވޭ. މިގޮތުން މުހިންމު އެއް ލިޔުމެއް ފެނިފައިވަނީ ދެކުނު އިންޑިޔާގެ ޗޯޅާއިންގެ ލިޔުން ތަކުގެ ތެރެއިން. އެ ލިޔުންތަކުގައިވަ ގޮތުގައި ޗޯޅާއިންގެ ރަސްގެފާނު ރާޖަރާޖާ އެކެއް ނުވަސަތޭކަ އަށްޑިހަ ފަސްވަނަ އަހަރުން ފެށިގެން އެއްހާސް ސާދަ އާއި ހަމައަށް ދެކުނު އިންޑިޔަގެ ހުރިހަ ރަށެއް ފަތަޙަ ކުރައްވައި އޮޅުދޫކަރައިގެ އުތުރު ބައި އަތުލައްވައި ދިވެހިރާއްޖެ ހިއްޕެވި. 


މީލާދީ ސަނަތުން އެގަރާ ސަތޭކަ ސަތާރަވަނަ އަހަރަކީ މަލަބާރީންގެ ޢިއްޒަތްތެރި ދަރިކޮޅުގެ ބޭކަލެއް ކަމުގައިވާ ކޮއިމަލާ ރާއްޖެ ވަޑައިގެންނެވި އަހަރު. ކޮއިމަލާ ރާއްޖެ ވަޑައިގަތީ އޭނާގެ ޢައިލާ އާއި އަރިހުގައި ގެންގުޅުއްވާ މީހުންނާވެސް އެކުގައި. އޭނާ ފުރަތަމަ ވަޑައިގެން ހުންނެވީ މިހާރުގެ ނަމުން ނަމަ މާޅޮސްމަޑުލު އުތުރުބުރީ ރަސްގަތީމުގަ.  އޭނާ މާލެ ވަޑައިގަތުމަށް ދައުވަތު އެރުވީ ގިރާވަރު މީހުން ކަމުގައި ބުނެވޭ. މި ކޮއިމަލާއަކީ އޭރު ރާއްޖޭގެ މައްޗަށް ބާރު ފޯރުވައިގެން ތިބި ޗޯޅާއިންނާއި ހަނގުރާމަ ކުރައްވައި އެމީހުން ބަލިކުރައްވައި މުޅި ދިވެހި ރާއްޖެ އެއް ވެރިކަމުގެ ދަށަށް ފުރަތަމަ ގެންނެވި ރަދުން. ތީމުގޭ ދަރިކޮޅު ފެށުނީ މި ދަރިކޮޅާއި ހަމައިން. މި ރަދުންގެ ކޮލީ ނަންފުޅަކީ ތީމުގޭ މަހާބަރަނަ މަހާރަދުން.  

Programme 02

އެއްދުވަހަކު މަތީމަގާމެއްގައި ދުވަހަކުވެސް އުޅެފައިނުވާ މީހަކަށް ރަސްގެފާނުގެ ފަތްކޮޅެއް ލިބިއްޖެ. އެ ފަތްކޮޅުގައިވަނި ކޮންމެވެސް ނައިބެއްގެ މަގާމަށް އެމީހާ ހަމަޖެއްސި ވާހަކަ. އެ ފަތްކޮޅު ލިބުމާއެކު އެމީހާ އުފަލުން ކެކި އަރައިގެންފި. މިހާރު އަހުރެންވާނީ ވަރަށް މަތީ މީހަކަށް. ރަސްކަމުގެ ދަރުބަރަށް ދާން އެންގެވުމުގެ ކުރީން އަވަހަށް އައު ކޯޓެއްފަހައި ތައްޔާރުވާންވީ. އެމީހާ ކޮޅުކޮޅަށް ދުވެދުވެފައި ކިޔަމުންދޭ. ތިބާއަށް ވަރަށް މޮޅަށް ކޯޓު ފަހައިދޭނޭ ތަޖުރިބާހުރި މޮޅު ފެހުންތެރިޔަކު އެބަހުރި. އެ ފެހުންތެރިޔާއަކީ އޭނާގެ ކައިރިޔަށް ކޮންމެ ސިފައެއްގައި ހުރި މީހަކު ދިޔަ ކަމުގައި ވީނަމަވެސް އެމީހެއްގެ ގަޔަށް ވަރަށް ރީތިކޮށް ކޯޓުފަހައިދޭނޭ ފެހުން ތެރިއެއް. ކައިރީގައިތިބި އޭނާގެ ރައްޓެހިން ބުނެލި. މިހެން ބުނުމާއެކު އަވަސް އަވަހަށް ފެހުންތެރިޔާގެ ގާތަށް މިކަލޭގެ ހިނގައްޖެ. ފެހުންތެރިޔާ މީނާގެ ހަށިގަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ވަރަށް ރަނގަޅަށް ނަޒަރު ހިންގުމަށްފަހު އެކިއެކި މިންތައް ތުނޑުތުނޑަށް ވަކިވަކިން ނޯޓުކޮށްލި. އަދި މިންނަގަން ބޭނުންކުރި ފީތާއާއި ނޯޓުފޮތްވެސް ބޭއްވުމަށްފަހު، އަޑުގޮވާވަރަށް ދެއަތް ފޮޅާލާފައި، ވިސްނުންތެރިކަމާއެކު ބުނެލި. ސާހިބާ! އަދި މަނިކުފަނާއި ބެހޭ ގޮތުން އަޅުގަނޑަށް އެނގެންޖެހޭ މަޢުލޫމަތެއް އެބައޮތް. މަނިކުފާނު ނާއިބަކަށް އުޅުއްވާތާ ކިހާ ދުވަހެއް ވެދާނެތޯ؟ ކީކޭ. ކީއްކުރަން. އަހުރެން އެކަމުގައި ހޭދަކުރި މުއްދަތު ކަލޭ އޮޅުންފިލުވަން ޖެހެނި. ފަހަން މިއުޅޭ ކޯޓާއި މަގާމާއި އަހުރެން ހޭދަކުރި މުއްދަތާއި ހުރީ ކޮން ގުޅުމެއް؟ ނައިބު ވަރަށް ހައިރާންކަމާއެކު ސުވާލުކޮށްލި. ފެހުންތެރިޔާ ސާބިތުކަމާއެކު ކެރިހުރެ ފަށައިގަތް. ސާހިބާ! އެ މަޢުލުމާތު ނުލިބި މަނިކުފާނުގެ ހަށިކޮޅަށް ރީތިވާނޭހޭން ފުރިހަމައަށް  ރީތިވާނޭހެން ކޯޓެއް ނުފެހޭނެ. ސާހިބާ އަޑުއައްސަވާ. މީހަކަށް އަލަށް މަގާމެއް ލިބިއްޖެނަމަ އެމީހެއްގެ ހުރިހާ ފިކުރަކާއި ޚިޔާލެއް ހުއްޓިފައި ހުންނާނީ ހަމައެކަނި މަގާމުގެ ބޮޑުކަމާއި، ޖާހުގެ ހައިބަތާއިމެދުގަ. މިނޫން ދެވަނަކަމެއް ޚިޔާލަކަށް ނާންނާނެ. މީހުންނާއި ބައްދަލު ކުރާއިރުވެސް، އޮފީސްތެރޭގައިވެސް، އެއްތަނުން އަނެއްތަނަށް ދާއިރުގައިވެސް، އަބަދުވެސް ހުންނާނި ބޮޑުކަން ދެއްކުމަށް ޓަކައި މެފުއްޕާފަ. ދެއަތްވެސް ހުންނާނި ފިޔޮއް ކުކުޅުގެ ދެފިޔަގަނޑުހެން ގަޔަދުރަސް ފޭކޮށް މުއްކަވާފަ. މިފަދަ މީހަކަށް ކޯޓެއް ކަނޑާނަމަ އެ ކޯޓެއް ކަނޑާން ޖެހޭނީ ގަހަށް ވުރެން ކުރިމަތި ދިގުކޮށް. ދެފަރާތް އެއްވަރަސް ކަނދައިފިނަމަ ކުރިމަތި މާ ކުރުކަމަށް ދައްކަނެ. ނަމަވެސް މަގާމުގައި އުޅެ އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާނަމަ، ކޯޓު ކަނޑަން ޖެހޭނީ ދެފަރާތް އެއްވަރަސް. ސަބަބަކީ އެފަދަ މީހަކުނަމަ ކޮންމެ ކަމަކާއިމެދުގައިވެސް، ކޮންމެ މީހަކާއިމެދުގައިވެސް، އެތައް ގޮތަކަށް ބަލައި ހަދަނެ. އަދަކުރަން ޖެހިފައިވާ މަސްއޫލިއްޔަތާއި ކޮނޑުގައި އެޅިފައިވާ ޒިންމާއަކީ ކޮބައިކަންވެސް ބަލާނެ. ލިބިފައިވަ ބާރާއި ތަކެއްޗާއި މީހުންގެ އިޙުސާސްތަކާއިމެދުގައިވެސް ވަރަސް ފުންކޮސް ވިސްނައި އިންސާނި ވަސީލަތްތަކުގެ ބޭނުން ފުރިހަމައަށް ހިފާނެގޮތްތަކާއިމެދުގައިވެސް ބަލައި ހަދާނެ. އެހެންކަމުން އެކިއެކި ދިމަދިމާޔަށް  ބޯލަނބައި ބަލާން އެބަޖެހޭ.  ކަނާތްފަރާތަށް އެނބުރި ބެލިނަމަ، ވާތްފަރާތަށް ވެސް އެނބުރި ބަލަންޖެހޭ. އަދި ފަހަތަށް އެނބުރި ބެލިނަމަ، ކުރިމައްޗަށްވެސް އެނބުރި ބަލާންޖެހޭ. ކުރިމަގަށް ބަލާ ބީދައިން ފަސްމަގަށްވެސް އެބަ ބަލާންޖެހޭ. އެފަދަ ބެލުންތައް ބަލާ މީހަކަށް އެންމެ ހިނދު ކޮޅަކަށްވެސް މޭފުއްޕައިގެން މުށި ބުދެއްހެން އެންމެ އިރުކޮޅަކުވެސް ނުހުރެވޭނެ. އެހެން ކަމުން މިފަދަ މިޙެއްގެ ކޯތުގެ ދެފަރާތް ދެވަރަކަށް ހުންނަ ގޮތަކަށް ފަހައިފިނަމަ، އައިބުވާނެ. ވަޒީފާގައި މުޅި ޢުމުރު ހޭދަކޮށް އަމިއްލަ ޙަޔާތުގައި ކަންތައްތައް ގެންދެވުނު ގޮތާއިމެދު ވިސްނައި ފިކުރު ކުރަ މުސްކުޅިޔަކަށް ކޯޓެއް ފަހާނަމަ، ކަނޑަންޖެހޭނީ ކުރިމައްޗަށް ކުރުކޮށް ހުންނަ ގޮތަށް. ސާހިބާ، މަނިކުފާނު މަގަމުގައި ހޭދަކުރި މުއްދަތު އަޅުގަނޑު އެނގެން ބޭނުންވާ ސަބަބުތައް މިދެންނެވީ. މި މަޢުލޫމާތު ނޭގި ހަމައެކަނި ލޮލަށް ފެންނަ މިންތަކަކަށް ބަލައިގެން ކޯޓު ކިތަންމެ ފުރިހަމައަށް ފެހި ނަމަވެސް ކޮންމެވެސް އެއްފަރާތެއްގެ ފަސްބަޔަށް ދިގުވާނެ.  މިހެން ބުނުމާއެކު އޭނަގެ ރައްޓެހިން މި ތަޖުރިބާކާރު  ފެހުންތެރިޔަގެ ގާތަށް ކޯޓުފައްސަން އޭނާ ފޮނުވީ ކީއްވެގެންތޯ ހިތަހިތަ ސުވާލު ކުރަމުން އިސްދަށަށް ޖަހައިގެން ހުރެ، ނުކުމެގެން ހިގައްޖެ.

އެއްކަޅިން ތާރީޚު: 

(މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު) ދިވެހި ރާއްޖޭގެ އެކި ހިސާބުތަކުގައި ބުދު ދީނަށް އަޅުކަންކުރި ހިސާބުތަކުގެ ވިރަނާވެފައިވާ ގާތަށް ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް ފެންނަން އެބަހުރި. މިފަދަ ގިނަ ތަންތަނަކީ މީލަދީ ސަނަތުން ތިންވަނަ ގަރުނާއި ހަމައިން ފެށިގެން ބިނާކުރެވިފައިވާ ތަންތަން ކަމުގައި މިހާތަނަށް ލިބިފައިވާ މަޢުލޫމަތުން ހާމަކޮށްދޭ. މިފަދަ ތަންތަނުގެ ތެރެއިން އެންމެ ޒަމާންވީ އެއްތަނަކީ ކ އަތޮޅު ކާށިދޫ ކުރުހިންނަ ތަރަގަނޑޭ ކިޔާތަނުގައިވާ ތަނެއް. މިތަން ބިނާ ކުރެވިފައިވަނީ މީލާދި ސަނަތުން ތިނެއް ނުވަތަ ހަތަރުވަނަ ގަރުނުގަ.
ރޫމީންގެ ރަސްގެފާނު ޖޫލިޔަންގެ އަރިހުގައި އުޅުނު ގުރީކުގެ ލިޔުންތެރިއެއް ކަމުގައިވާ އެމިޔުނެލަސް މަރުސޭލުނަސް ލިޔުއްވާފައިވާ ލިޔުމެއްގައި ބަޔާންކުރައްވާފައިވަ ގޮތުގައި އެ ރަސްގެފަނުގެ އަރިހަށް މީލާދީން ތިންސަތޭކަ ފަސްދޮޅަށް ދެވަނަ އަހަރު ދިވެހީންގެ ވަފުދެއް ވެދުން ހިފައިގެން ދިޔަ. އެފަހަރު ވެދުން ހިފައިގެންދިޔަ ވަފުދުތަކުގެ ތެރޭގައި ދީވީންގެ ވަފުދަކާއި ސަރަންދީވީންގެ ވަފުދެއްވޭ. މި ދީވީންނަކި ދިވެހީން. މީލާދީ ސަނަތުން ހަސަތޭކަ ފަންސާސް އަށްވަނަ އަހަރު ތަޚުތުގައި ރެދަލި ކުރެއްވި ސިރީ ބަނާދީއްތިޔަ ރަދުން ސީނު ކަރައިގެ ރަސްގެފަނު ކާއޯޓުސުންގްގެ އަރިހަށް ސަފީރުން ފޮނުއްވި. ކާއޯޓުސުންގް އަކީ މަޝްހޫރު ތޭންގް ދަރިކޮޅުން ވަޑައިގެން ހުންނެވި ރަސްކަލެއް. މީލާދީ ސަނަތުން ހަސަތޭކަ ފަސްދޮޅަސް ދެވަނަ އަހަރުގައިވެސް ދިވެހީންގެ ވަފުދެއް ކާއޯޓުސުންގް ރަސްގެފާނުގެ އަރިހަށް ވެދުމާއިގެން ދިޔަ. 

Programme 01


ޙިކުމަތުގެ ބަސް:

މިސްޓަރ ރަތަންލާން ކަޕްލާ އަކީ އެއަރ ކަންޑިޝަނާއި އައިސްއަލަމާރީގެ ވިޔާފާރި ކުރާ މީހެއް. އޭނާގެ ކުންފުނީގެ ނަމަކީ އެޕްސަންސް. ކުންފުނީގެ މައިއޮފީސް ހުންނަނީ ނިއުދިއްލީގެ އާސިފް ޢަލީ މަގުގަ. މިސްޓަރ ރަތަންލާލް ކަޕްލާއަށް އޭނާގެ ކުންފުނިން ބޭނުންކުރާނޭ ސްލޯގަންއެއް ބޭނުން ވެއްޖެ. ވީހައިވެސް ކުރު ރަނގަޅު ސްލޯގަންއެއް ހުށަހެޅި މީހަކަށް އެކަށީގެންވާ އިނާމެއް ދޭނޭކަމަށް އޭނާ ނޫހުގައި އިޢުލާނުކުރި. އެތައްފަހަރަކު އިޢުލާންކޮށްގެންވެސް ރަނގަޅު ސްލޯގަންއެއް ހުށަހެޅި މީހަކާއި ދިމާވާ ގޮތެއްނުވި. ގިނަމީހުން ފޮނުވާ ޢިބާރާތް އޭނާއަކަށް ކަމަކު ނުދޭ. ސްލޯގަންވާންޖެހޭނީ މީހުންގެ ސިނކުޑިއަށް ފުރޭނިގެންދާ ސްލޯގަނަކަށް. މިއީ ފުރޭނިގެންދާ ކަހަލަ ސްލޯގަނެއްނޫން.
4 ޑިސްމްބަރ 1983މގައި. ދިން ބަސްދިގަތުމެއްގައި. އޭނާ ބުނެފައިވޭ. ސްލޯގަން ވާންޖެހޭނީ މީހުންގެ ސިނކުޑިއަށް ފުރޭނިގެންދާ ސްލޯގަނަކަށޭ. ލިބިފައިހުރި ސްލޯގަން ތަކަކީ މިފަދައިން ފުރޭނިގެންދާ ކަހަލަ ސްލޯގަން ތަކެއް ނޫނޭ. މިސްޓަރ ކަޕްލާ މި ވިސްނުމުގައި ރެޔާއި ދުވާލު ގުނަމުން ގެންދިޔަ. ކެނޑިނޭޅި ވިސްނަމުން ގެންދިޔައީ އެކަމާ. އޭނާގެ ސިކުނޑި ހުއްޓަނުލާ މަސައްކަތް ކުރަމުން ދަނީ ސްލޯގަނެއް ހޯދުމުގައި. އެކަމަކު ކާމިޔާބިއަކާއި ހަމައަށް ދެވޭގޮތެއްނުވި. މި ފިކުރުގައި ގާތްގަނޑަކަށް ހައެއްކަ އަހަރު ދުވަސް ވޭތުވެގެން ހިނގައްޖެ. އޭގެފަހުން އެއް ރެއަކު މިސްޓަރ ކަޕްލާއަށް ހުވަފެނެއް ފެނިއްޖެ. ހުވަފެނުގައި ފެންނަނީ އޭނާ ބަގީޗާއެއްގައި ހުއްޓަ. އެއި ވަރަށް މޫސުމް ރަނގަޅު ރީތި ދުވަހެއް. ގަސްގަހުގައި އެކިކަހަލަ މާ ފޮޅިފައިހުރި. މޭވާ އަޅާފައިހުރި. މި މަންޒަރު ފެނުނީމާ އޭނާ ވަރަށް ބޮޑަށް އުފާވި. ކުއްލިއަކަށް ބުނެލެވުނު. މޫސުމެއް ވެއްޖިއްޔާ އޮންނާންވާނީ މިހެން. މިހެން ބުނެވުމާއެކު އޭނާއަށް ހޭލެވިއްޖެ. އެވަގުތު އޭނާއަށް އިޙުސާސް ކުރެވުނީ އެތައް އަހަރެއްވަންދެން އޭނާ ހޯދަމުން އައި ސްލޯގަން ލިބުނީ ކަމުގައި. އޭނާގެ ސިކުނޑީގައި ވަރަށް ރަނގަޅު ޖުމުލައެއް ރާވައިލެވިއްޖެ. "ކެޕްޝަންސް ދަ ވެދަރ މާސްޓަރސް". ހުވަފެނަކީ ނިދީގެ ޙާލަތުގައި އިންސާނާއަށް ފެންނަ އެއްޗެކެވެ. އެއީ އޭނާގެ ސިކުނޑީގައި ހަރުލާފައިވާ އެއްޗެހީގެ ތަސްވިރެކެވެ. ތިބާ މުޅި ދުވާލު ހަތަރުދަމު ސިކުނޑީގައި ކޮންމެވެސް އެއްޗެއް ބާއްވައިގެން އެ އެއްޗަކާއިމެދު ވިސްނަމުން ގެންދަވައިފިނަމަ، ރޭގަނޑު އެއް އެއްޗެއް ހުވަފެނުގައި ފެނިވަޑައިގަންނަވާނެއެވެ.
ތާރީޚަށް ބަލާއިރު ހުވަފެނުގައި ފެނިގެން ވަރަށް ގިނަ އީޖާދުތައް ކުރެވިފައި އެބަހުރި. ސަބަބަކަށް ވަނީ އެ އީޖާދެއްކުރާ މީހަކު ސިކުނޑީގައި އެކަމެއް ބާއްވައިގެން ރެއާއި ދުވާލު އެކަމާއިމެދު ވިސްނަންފެށީމާ، އެކަމެއް ހުވަފެނުގައި ފެންނަން ގޮތް ވުން.  ޙަގީގަތުގައި ހުވަފެނަކީ ކަމެއް ފުރިހަމައަށް ސިކުނޑިއަށް ނަގައިގަނެވުމުގެ ނަތީޖާ. އެފަދަ މީހެއްގެ ޢަމަލުގެ ވަގުތު ބާރަ ގަޑިއިރުގެ ބަދަލުގައި ސައުވީސް ގަޑިއިރަށް ބަދަލުވެދެއެވެ. މަގުސަދުތައް ކާމިޔާބުވުމުގެ ސިއްރަކީ މިއީ.
މިފަދަ ފުން ގުޅުމަކާއި ނުލައި، ބޮޑެތި ކަންތައްތަކެއް ނުކުރެވޭނެ. ދުނިޔެއަށް ބެލިކަމުގައި ވިޔަސް ނުވަތަ އާޚިރަތަށް ބެލިކަމުގައި ވިޔަސް ކަންތައް އޮތްގޮތަކީ މިއީ.

 އެއްކަޅިން ތާރީޚު:

އެއްކަޅިން ތާރީޚު (މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު) މީގެ ދުއިސައްތަ ފަންސާސް މިލިއަން އަހަރު ކުރިން ދުނިޔޭގެ ބިން އޮތީ އެއް ބައްރަކަށް ހިކިފަ. މި ބިމަށް ޕެންގާއިއާއޭ ކިޔުނު. މި ބިން މީގެ ސަތޭކަ ފަންސާސް މިލިއަން އަހަރު ކުރިން ބައިބައިވާންފެށި ދުވަސްވަރު އުފެދުނު ކަންތައްތަކުގެ ތެރޭގައި އިންޑިޔާ ކަނޑުވެސް ހިމެނުނު. ޕެންގާއިއާ ދެބައިވެ، ގޮންޑުވާނާ ލޭންޑާއި ލޯރޭޝިޔާ މީގެ ސަތޭކަ ތިރީސް ހަ މިލިޔަން އަހަރު ކުރިން ވަކިވުމާއި ހަމައިން ފެށިގެން ދިނިޔޭގެ އެތެރޭގައި ވިރި ކެކެމުން ދިޔަ ހިލައިގެ ކަނޑުމަތީގައި ދުނިޔޭގެ ބައްރުތައް އުފުލާ ޕްލަނެޓްތައް ދަތުރު ކުރަން ފެށި. މިގޮތުން އިންޑިޔާ އެ ޕްލަނެޓެއްގެ މަތީގައި ދަތުރު ކުރަމުން ދިޔަ ޕްލަނެޓް މީގެ ފަންސާސް ތިން މިލިޔަން އަހަރު ކުރިން ވަރަސް ހޫނު ގަދަ ސަރަޙައްދެއްގެ މަތިން ދަތުރުކުރި. މިކަމުގެ ސަބަބުން އެ ޕްލަނެޓްގައި އަލިފާން ފަރުބަދަ އުފެދެން ފެށި. މި ސަރަޙައްދުން އުތުރަށް މި ޕްލަނެޓް ދަތުރު ކުރަމުން ދިޔައިރު މި ސަރަޙައްދުން އުތުރަށް ދަތުރު ކުރަމުން ދިޔަ ފަރުބަދަތައް ހިހޫ ވަމުން ފަހަތުން އައު ފަރުބަދަތައް އުފެދެމުން ދިޔަ. އިންޑިޔާ ގޮސް އޭޝިޔާގެ ޕްލަނެތްގައި ޖެހިގެން މަޑުޖެހިލުމަށްފަހު، މި ފަރުބަދަތައް ކަނދަށް ގެނބެމުން ދިޔަ. އަދި ގެނބެމުން ދިޔަ ފަރުބަދަތައް ވަށައިގެން ލޮނުގަނޑު ޖެހޭ ހިސާބުގައި މުރަކަ އުފެދި، ފަރުތައް އުފެދި މިގޮތުން ރާއްޖޭގެ އަތޮޅުތައް އުފެދުނު.
ދިވެހިރާއްޖޭގައި މީހުން އުޅޭތާ މަދުވެގެން ދެހާސް ފައްސަތޭކަ އަހަރުވެދާނެ. ޢީސާގެފާނު ދުނިޔެއަށް ފޮނުއްވުމުގެ ސާދަސަތޭކަ އަހަރު ކުރިން ނިމިގެން ދިޔަ އިންޑަސް ވާދީގެ ރައްވެހިކަމުގެ ތެރެއިން މަޝްހޫރުވި، ބަނަދަރެއް ކަމުގައިވާ ލޯތާލްގެ ބިނާތަކުގެ ތެރެއިން ދިވެހި ބޮލި ފެނުން މިކަމުގެ ހެއްކެއް ކަމުގައިވި. ޝްރީލަންކާގެ މަހަވަންސާގައި ބަޔާން ކުރެވިފައިވާ ފަދައިން ޢީސާގެފާނު ދުނިޔެއަށް ފޮނުއްވުމުގެ ފައްސަތޭކަ އަހަރު ކުރިން އުތުރު އިންޑިޔާގެ ރަށެއް ކަމުގައިވި، ސިންހަޕޫރާއިން ޕްރިންސް ވިޖެޔާ އޮޅުދޫ ކަރަޔަށް ވަޑައިގެންނެވިއިރު އެބޭފުޅުންގެ އަރުމާޒުގައި  އެކުލެވުނު ނަވެއް ބެހިގެން ރާއްޖެއައި ވާހަކަވޭ.

ދިވެހި ރާއްޖެއަށް ބުދު ދީން އައިސްފައިވަނީ ޢީސާގެފާނު ދުނިޔެއަށް ފޮނުއްވުމުގެ ތިންސަތޭކަ އަހަރު ކުރިން ކަމުގައި ލަފާ ކުރެވޭ. އެދުވްސަވަރު އިންޑިޔާގައި ރަސްކަން ކުރެއްވި މޯރިޔާ ރަސްގެފާނު، އަޝޯކާ 238 ބީސީ އިން 265 ބީސީ އަށް ދެކުނު އޭޝިޔާގެ ގައުމުތަކަށް ބުޑިޒަމް ދީން ފެތުރުއްވުމަށާއި އެ ދީން އުނގަންނައިދީ އޮޅުންފިލުވައި ދިނުމަށް މީހުން ފޮނުއްވައިގެން ކުރެއްވި މަސައްކަތްޕުޅުގެ އަސަރު ރާއްޖެއިން ފެންނާން އެބަހުރި.