Monday, December 5, 2011

Programme 28

އިންސާފުން ކަންތައްތައް ދުނިޔޭގެ ފެންވަރުގައި ބައެއް ގައުމުގެ ފެންވަރުގައި އަދި އަފުރާދުންގެ ފެންވަރުގައި ވެސް ނޯންނަ ވާހަކަ އަކީ މިހާރު އެންމެ ގިނައިން ދެކެވޭ އެއް ވަހަކަ. ނަމަވެސް އިންސާފަކީ ހަމަ ކޮންމެ ކަމެއްގައި ގިނަ މީހުން އެންމެ ލިބެން ބޭނުންވާ އަދި އެއަށް ޓަކައި އެތައް ހަނގުރާމައެއް ހިނގާ ކަމެއް. ވީއިރު އިންސާފަކީ ކޮބައިބާ؟ އަދި އިންސާފު ޙާސިލު ކުރާނީ ކިހިނަކުންބާ؟ މިއީ ހަމައެކަނި މިހާރު ކުރެވޭ ސުވާލުތަކެއްނޫން. އަބަދުވެސް އިންސަނުން ކުރަމުން އައިސްފައިވަ ސުވާލުތަކެއް. އަޅުގަނޑު ދެކޭގޮތުގައި ގޮތުގައި އިންސާފަކީ ގަބޫލުކުރެވޭ ވަކި ހަމަތަކަކާއި ޚިލާފުނުވާ ގޮތަށް ކަންތައްތައް ހިނގުމުން ކިޔާއެއްޗެއް. އިންސަނާގެ ޙަޔާތުގެ ހުރިހަ ދާއިރާއެއްގަ. އިޖްތިމާޢީ، އިގްތިސާދީ، އަދި ސިޔާސީ ދާއިރާގަ. އިންސާފަށް މުޖްތަމަޢުއެއްގެ ގިނަ ބަޔަކު ޢަމަލު ނުކުރާނަމަ، އެ މުޖުތަމަޢު އަކު ދާއިމީ ސުލްޙައެއް ނޯންނާނެ. އިންސަފުގެ އަނެއް ކޮޅަކީ ބޭއިންސަފު. ކޮންމެ ބައެއްގެ ތެރޭގައިވެސް ހިތްހަމަ ޖެހުމާއި، އުފާވެރިކަން އަދި ހަމަޖެހުން އޮންނާނީ އިންސާފުވެރި ގޮތަކަށް ގިނަ ކަންތައްތައް ހިނގާކަމަށް ޢާންމުކޮށް ގަބޫލު ކުރެވިގެން. ގާނޫނާ ގަވާޢިދުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވެގެން. އެކަކު އަނެކަކަށް އަޅާލައިގެން. ތިމާއާއި އެއްވަރަށް ހެޔޮ ގޮތްތައް ތިމާގެ އަޚުންނައި އުޚުތުންނަށް ވާން އެދިގެން. ވަކިބައެއް ނުވަތަ ޢާއިލާ ތަކަކީ ޚައްސަ ޢިނާޔަތްތަކެއް ލިބިފައިވާ ބަޔަކަށް ނުވެ، އެންމެންނަށް ހަމަހަމަ ފުރުސަތު ތައް ހުޅުވާލެވިފައި އޮވެގެން. 
އަޅުގަނޑު ދެކޭ ގޮތުގައި މުޖްތަމަޢުއެއްގައި އިންސާފަށް ލޯބި ކުރާ އަދި ޢަމަލުކުރާ ބަޔަކު އުފެއްދުމަކީ ވަކީން ޚާއްސަކޮށް ވަކި ބަޔަކުގެ ކޮނޑުގައި ބޮޑަށް އެޅިފައިވާ މަސްއޫލިއްޔަތެއް. އެއީ މައިން ބަފައިން. މުދައްރިސުން. އެކި ދަރަޖަ ތަކުގައި އަމުރު ކުރުމާއި ކަންތައްތައް ހިންގަން ތިބޭ ވެރީން. ޝަރީޢަތުގެ ދާއިރާގައި އުޅުއްވާ ބޭފުޅުން. އަޅުގަނޑު އަނހާ މިސާލެއްގައި އަޅުގަނޑުމެންގެ ޢަގީދާގައި އިންސާފުގެ ފުރިހަމަކަން އޮންނަން ޖެހޭ ގޮތުގެ މިސާލަކީ ވަކި މީހަކީ މޮޅު މީހަކަށްވާތީ އެމީހައާއި މެދު ދެރަ ގޮތެއް ހެދުމެއް ނެތުން. ނުވަތަ އެމީހާ އަކީ ދެރަ މީހަކަށް ވާތީ ވަކި މޮޅުގޮތެއްވެސް އޭނާ އާއިމެދު އިންސާފު ކުރުމުގައި ހެދުމެއް ނެތުން. އިންސަފުގެ ކުރިމަތީގައި އެންމެންގެ ޙައްގުތައް ރައްކަތެރި ކުރެވެންވާނެ. ފުރިހަމަ ބާއްޖަވެރި ޙަޔާތެއް ގާއިމު ކުރުމަށް ކިހާ ބާރު އަޅާ އުސޫލެއްތޯ؟ އިންސަނީ ޙަޔާތުގެ އެންމެ މައިގަނޑު އެއް މަގުސަދަކީ އުފާވެރިކަން ހޯދުން. ދީނީ ނަޒަރަކުން ބަލާނަމަ، ރަޙުމަތް. އެއްވެސް މީހަކަށް ލޯތްބާއި އަޅާލުމާއި އަމިއްލަ އެދުމެއް ނެތް ގޮތެއްގައި ޢަމަލު ކުރެވިގެން އަދި އިންސަފަށް ލޯބިކޮށްގެން މެނުވީ ޙަގީގީ އުފާވެރިކަމެއް  ޙާސިލު ނުވަނޭ ކަމީ ޝައްކެއް އޮތް ކަމެއްނޫން. އެހެން މީހުންނަކީވެސް ތިމާފަދަ ކިތަންމެ ގޮތަކުން އެއްގޮތް މީހުންކަން އިޙުސާސް ކުރަންޖެހޭ. އަދަބުވެރިކަމާއި އޯގާތެރިކަމާއި އަމަނާތްތެރިކަން ނުހުންނަ ނަމަ، އަދި ޚާއްސަކޮށް "ވިތާހިރު މޮޅު އެ ރަންމުތަކީ އިތާގެ ބަނޑުން ވިހޭ ދަރިއެއް" ފަދަ  ފިލާވަޅުތައް ދަސްކޮށްގެން މެނުވީ ޙަގީގީ އިންސަފުވެރިކަމާއި ހަމައަށް ތިމާގެ ހިތާއި ޢަމަލު ތަކެއް ނުގެންދެވޭނޭކަން ކަށަވަރު. އަޅުގަނޑުވެސް ގަބޫލު ކުރަން ޙަގީގީ އިންސަފު ލިބޭނޭ ދުވަހެއްވޭ. ނަމަވެސް އަޅުގަނދުމެންގެ ޙަޔާތުގެ ކޮންމެ ދުވަހަކުވެސް އިންސަފުވެރި ވުމަށް މަސައްކަތް ކުރަންޖެހޭނެ. ނަމަވެސް ދުނިޔޭގައި އިންސަފު ޙާސިލުކޮށްދިނުމަށް މަސައްކަތްކުރާ މީހުންނަށް އެންމެ ބޮޑަށް ބޭއިންސަފާއި ކުރިމަތިލާންޖެހޭ ކަމަކީވެސް ޙަގީގަތެއް. އަޅުގަނޑުމެންގެ ހިތްތިރި ކުރައްވައި ޢިލްމާއި ވިސްނުން މިންވަރު ކުރައްވާށި! އަދި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަކީ އިންސާފަށް ލޯބިކުރާ ބައެއް ކަމުގައި މާތްރަސްކަލާނގެ ލައްވާށި!

އެއްކަޅިން ތާރީޚު               

މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖޭއާއިމެދު. އެގޮތުން މިރޭ އަޅުގަނޑުމެން ބަލައިލާނީ ދިވެހި ސަގާފީ ކުޅިވަރު ތަކުގެ ތެރެއިން މަންގަލަން ދަނޑިއާއި ބެހޭ ގޮތުން.
މަންގަލަން ދަނޑިއަކީ މަންގަލަން ދަނޑި ޖެހުން. މިއީ ފިރިހެނުންގެ ގެއިން ބޭރު ގްރޫޕް ކުޅިވަރެއް. ދެކުނު އިންޑިޔާއިން ގެނެވިފައިވަ ކުޅިވަރެއް ކަމުގައި ބުނެވޭ. ބޭރުން ގެނެސް ދިވެހި ކޮށްފައިވަ މި ކުޅިވަރަކީ ޢީދުފަދަ އެކިއެކި މުނާސަބާގައި ހުސް ބޮޑެތި މައިދާން ތަކުގައި މީހުން އެއްވެގެން ކުޅޭ އެންމެ ގިނަ މީހުން ބައިވެރިވެގެން ކުޅޭ ކުޅިވަރެއް. މި ކުޅިވަރު މީގެ ދެ ގަރުނު ކުރިން ފެށިފައިވާ ކަމަށް ވެދާނެ.
މަންގަލަން ދަނޑި ކުޅިވަރަކީ މައިދާނެއް، އެކަމަށް އޭރިޔާ ކަނޑައެޅިގެން ކުޅޭ ކުޅިވަރެއްނޫން. މީސްތަކުން އެއްވެވޭ ގޮތަށް އޮންނަ ބޮޑެތި ހުސް ބިންބިމުގައި ބާއްވަ ކުޅިވަރެއް. މަންގަލަން ދަނޑި ޖެހުމުގައި ބޭނުން ކުރަނި ތާރަ އާއި ދުންމާރި އާއި އަދި ކޮންމެ މީހަކަށް ގާތްގަނޑަކަށް ދޭއް ޕޮއިންޓް ފަހެއް ފޫޓް ދިގު މިނުގެ ދަނޑިއަކާއި ހަތަރު ފޫޓް ދިގު މިނުގެ ދަނޑިއެއް. އަދި އިތުރަށް ދިވެހި ހެވި ކަމުގައި ބޭނުންކުރާ ހަލާ ދަނޑިއާއި ކަނޑި އައްޑަނަ ބޭނުންކުރޭ. މި ކުޅިވަރުގެ ދިވެހި ހެދުމަކީ ހަރުވަޅުމަތިން މުންޑެއް އަރުވާ ޖަހާފައި އުނަގނޑުން މަތީގައި ގަންޖުފަރާސް ނުވަތަ ދިވެހި ލިބާހެއް. ބޮލުގައި ހުދު ފޮށައެއް. މުޅި ހެދުން ހުދު ކުލައިގައި ހުރެފައި ހަރުވާޅު ރަތް ނުވަތަ ކަޅުން. ހަރުވާޅު ކަކުލުން ތިރިޔަށް ފައިކުރި ބަނދެފައި ދެން ހުސް ފަޔާ.

މަންގަލަން ދަނޑީޣައި ކިޔާނީ  ހަރުބީ ލަވަ. ހަރުބީ ލަވަ ހަދާފައި ހުންނަނީ ދިވެހީންގެ ތަރަ ޖެހުމުގެ ހަމަތަކަށް ދިވެހި ބަހުން. ލަވަ ބަދަލުކުރުން އޮންނާނެ. މަންގަލަން ދަނޑި ޖެހުމުގައި ނުވަތަ ކުޅުމުގައި ފުރަތަމަ ޙަރަކާތްވާނީ ކުޅިވަރު އޮންނަ މައިދާނުގެ ފަންސާހަކަށް ފޫޓް ދުރުން. ދެފައްޗަށް ތިބެގެން ހަރުބީ ހަމަޔަށް ފައި ދުރަށް ޙަރަކާތް ކުރަމުން ނެށުމެއްގައި ފުރަތަމަ ދެ ސަފަށް ކުރިޔަށް ދަނީ. އަދި އަތުގައިވަ ދިގު ދަނޑިން ކުރިޔަށާއި ދެ އަރިއަށް ހަރުބީ ހަމަޔަށް ވާގޮތަށް ޙަރަކާތްވަނީ. މިގޮތަށް ކުރިޔަށް އައިސް ކުޅިވަރު ބާއްވާ އޭރިޔާ ތެރެއަށް ވަންނަނީ. އެހިސާބަށް އެ ލަވަ ހުއްޓުނީ. މި ޙަރަކާތަށް ކިޔަނީ ދިގުމަގު ނެގުން. އެއްބަޔަކު ތާރައިގައި އެއްހަމަޔަށް ތިން ލަވަ ކުޅޭ. އެ ހަމަޔަށް ސާޅީސް ނުވަތަ ސާޅީސް ފަސް މީހުންގެ ގްރޫޕް ތިން ގުރޫޕަކަށް ބަހާލެވިގެން. ތިންބާވަތެއްގެ އާލާތާއެކު ޙަރަކާތް ކުރަމުން ގެންދާނެ. އެއީ ގާތްގަނދަކަށް ފަހަކުން ދިހަޔަކާއި ދޭތެރޭގެ ޙަރަކާތްތަކެއް. އެއް ގްރޫޕެއް ކުރު ދަނޑިން ޙަރަކާތް ކުރަނީ. އަނެއް ގްރޫޕް ދިގު ދަނޑިން. އަނެއް ގްރޫޕް ދިވެހި ހެވިކަމުގެ އެކިއެކި އާލާތުން. އެއީ ކަލާ ދަނޑިޔާއި ކަނޑިއައްޑަނަ އާއި އަދި ލޮންސިއާއި ސިލޭހައިން. އެ އެއްޗަކަށް އެންމެ ކުޅަދަނަ މީހަކު ނުވަތަ ދެތިން މީހުން އެ އެއްޗަކާއެކު ޙަރަކާތް ކުރާނީ. ހެވިކަމުގެ އާލާތްތައް ހިފައިގެން ތިބޭ މީހުން ކުޅެމުން ގެންދަނީ ހެވިކަމުގެ އެކިއެކި ޙަރަކާތް. މިސަލަކަށް ލޮންސިން އަމާޒު ކުރާންވީ ގޮތް. އައްޑަނައިން ދިފާޢުވެވިގެން ކަނޑިން ޙަމަލާދޭ ގޮތް. ބޮންތި އަނބުރައި ބުރު ނޭނގޭ ވަރު ކޮށްގެން، އަންނަ ހަތިޔާރުން ސަލާމަތްވާ ގޮތް ދައްކައި ލަވަ ހަމަޔަށް ކޮރުލަމުން ގެންދަނީ. އަނެއް ގްރޫޕުން ދިގު ދަނޑި ވަށްބުރެއްގެ ސިފަ ގެނެސްގެން ލަވަ ހަމަޔަށް ފިރިހެން ނެށުމަކުން ނަށާނީ. ކުރުދަނޑި ގްރޫޕް ކޮންމެ ދެމީހަކު ދެމީހަކާއި އެނބުރުމަކުން ހަރަކާތް ކުރަމުން އަދި މިހެން ގޮސް ތިންމީހުން ހަތަރު މީހުންނަށް ދަނޑި ކަތިކޮށް ޖައްސައި ޙަރަކާތް ކުރަނީ. މިކަން ހިނގާނީ ތާރައިގައިތިބޭ ތިން ނުވަތަ ފަސް މީހުން ލަސް ހަމައިން މެދު ހަމަޔަށް. އަދި އެންމެ ފަހުން އަވަސް ހަމަޔަށް ގެނެސްފައި އެންމެންގެ ޙަރަކާތް  އެއް ޙަރަކާތަކަށްވެ ހަމަޔަށް އެޅިގެން ދެ މިނިޓަށް ވީމާ ކުލިވަރު ހުއްޓުނީ. ކުލިވަރު ހުއްޓާނި ތާރަވެރީން. ދެން ތާރައިގައި ދިގުމަގު ނެގުމުގެ ލަވަޔަށް އަޅުވައި، އެންމެން ދެ ސަފަށްވެ، މައިދާނަށް އައި ހަރަކާތުގައި ހަރުބީ ހަމަގައި އެނބުރި ދާނީ. މީހުން ރޫޅި ވަކިވާނީ އެމީހުންގެ މަރުކަޒަށް ގޮސްފަ. 

No comments:

Post a Comment