Saturday, December 3, 2011

Programme 06

ކޮންމެ މީހަކަށްވެސް އެހެން މީހުންގެ ރުހުމާއި ތަރުޙީބާ އެއްބާރުލުން ބޭނުންވާނެ. މިއީ ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. ނަމަވެސް ކުރިއަސް ދިއުމާއި މޮޅުވުމަކީ ހަމައެކަނި ލިބޭ ތަރުޙީބާއި ހިތްވަރުގެ މައްޗަށް ބިނާވެފައި އޮތް ކަމެއް ނޫން. އެންމެ ބޮޑު އެއް ކަމަކީ އަމިއްލައަށް ހިތްވަރު ލިބި ޢަޒުމް ވަރުގަދަ ކުރުން. ހަމައެއާއިއެކު ރަނގަޅު މަގުގައި ހުރެގެން ކުރާ މަސައްކަތް. އެހީތެރިކަމާއި ފަހިކަން ހިތްވަރާއި ސާބަސްދޭން ތިބި މީހުންގެ ފަރާތުން އެކަންތައްތައް ނުލިބުނު ނަމަވެސް އުއްމީދާއެކު ހުއްޓުމެއްނެތި ކުރިއަށް ދިއުމަށް ކުރަ މަސައްކަތް. ޙަގީގަތަކީ މިއީ ކަމަށްވި ނަމަވެސް ހިތްވަރާއެކު ކުރިމަތިލުމަކީ ކޮބައިކަމާއި ކެތްތެރިވާންޖެހޭ ތަންތަނުގައި ކެތްތެރިވުމުގެ ވާހަކަ ނުދެކެވޭ. ބެލި ކޮންމެ ދިމާލަކުންވެސް ގަބޫލު ކުރެވެމުން ދަނީ މީހަކު ބުނާކަމެއް ކޮށްލާ ކޮންމެ ފަހަރަކު ސާބަހާ ބެޖާއި މެޓާފަދަ ތަކެތި ލިބެންޖެހޭކަން. ނުލިބިއްޖެނަމަ، ހިތްވަރުއެލި މަސައްކަތް ނުކުރެވި ރުޅިއައިސް ބޮޑާ ހާކައި ގޭތެރޭގައި ހުންނަ އަގު ބޮޑެތި ތަކެތި ތަޅައި ހަލާކު ކުރަން މަޖުބޫރު ކަމެއް. އުފަލުގައި އުޅުމަކީ ދުނިޔޭގައި ލެއްވި ހުރިހަ އެއްޗެއް ބޭނުން އިރަކު ލިބުން ކަމަށްވެސް ސިކުނޑީގައި ބިންވަޅު ނެނގެމުންވެސް ދާނެ. ބޭނުން މީހަކަށް ބޭނުން ގޮތެއް ހަދާތަންވެސް ފެންނާނެ. ކިރިޔާވެސް ހިތްހަމަ ނުޖެހޭ ކަމެއް ދިމާވާ އިރަސް ކެތްތެރިކަމެއް ނެތި ހަރު އަޑުން ރޯންޖެހޭ ކަމަށްވެސް ފެންނާނެ. ނަމަވެސް މިފަދަ ތަރުޙީބަކާއި އުފަވެރިކަމެއް ޙަގީގި ފުރިހަމަ ދިރިއުޅުމަކުން ދުވަހަކުވެސް ނުފެންނާނެ. ފެންނާނި ސްކްރީންތަކުން. ނަފްސު ބަލިކޮށްލުމުގެ ވަސްވާސްތަކުން. މި ވަސްވާސްތަކަށް ހެއްލުމުގެ ނަތީޖާއަކީ އަމިއްލަ ކުރިއެރުމާއި މޮޅުވުމަކީ ހަމައެކަނި މީހުންގެ ފަރާތުން ލިބޭ ތަރުޙީބާ ހިތްވަރުގެ މައްޗަށް ބިނާ ވެފައި އޮތް ކަމެއް ކަން ގަބޫލުކޮށް ނަފްސު ބަލިކަށި ކޮށްލުން. މިއީ ބައްޔެއް. މި ބަލީގެ މީހުން ދެކޭ ގޮތުގައި އެބައިމީހުންނާއި އިދިކޮޅަށް އެންމެ ބަހެއްވެސް ބުނެގެން ނުވާނެ. ކުރަ ވިޔަނުދާ ޢަމަލެއް ރަގަޅު ކުރުމުގެ ގޮތުންވެސް އިޝާރާތެއްވެސް ކޮށްލައިފިނަމަ، މިބައިމީހުން ރުޅި އަންނާނެ. ދެރަވާނެ. ހިތްހުއްޓޭނެ. އަދި މޮޔަ ވާނެ. މިބައިމީހުންގެ ޙަގީތަކީވެސް މިއީ. އިދިކޮޅަށް އެންމެ ބަހެއްވެސް ބުނެލައިފިނަމަ، ހިތް ހުއްޓިދޭ. ނުކައިނުބޮއި ގިސްލާ ރޮއިރޮއި ތިބެންޖެހިދޭ. ހޭނެތިގެން ވެއްޓި ތަންތަން ފަޅަފަޅައި ބިންދަބިންދައިގެން ގޮސް ޢުމުރަށް ނުކުޅެދޭ މީހުންނަށް ބަދަލުވެދޭ. ގޭތެރޭގައި ހުންނަ އަގުބޮޑެތި މުދާ ވެސް ސުންނާފަތި ކޮށްލަ. ވިޔާނުދާ މިފަދަ ޢަމަލުތައް ހިންގުމަށްފަހު، މީގެ ޒިންމާވެސް އަޅުވާނީ ރަނގަޅު ކުރުމަށް އެއްޗެއް ބުނިމީހާގެ ބޮލުގަ. ނަފްސު ކޮންޓްރޯލް ނުކުރެވޭ މި މީހުން ބުނާނެ. އަހަރެން އެކަން ކުރަން އުޅުނު އިރު ތިބާ ނޫނެކޭ ނުބުނި ނަމަ އަހުރެން ރުޅި އަންނާކަށް ނުޖެހުނީހޭ. މި ހުރިހަ މުދަލެއް ހަލަކުވާން ވެސް މި ޖެހުނީ ތިބާއާއި ހުރެޔޭ. އަހުރެން ރުޅި އެރުވި ތިބާއޭ.
ދަރިފުޅާ! މީހަކަސް މީހަކު ރުޅިއަރުވައިވެސް ނުލެވޭނެ. އަދި އުފަވެސް ކޮށްނުދެވޭނެ. ރުޅި އަރަނީވެސް އަމިއްލަ އަށް. އުފާ ވަނީވެސް އަމިއްލައަށް. އުފާވާން ބޭނުން ނުވަނަމަ، އުފަ ނުވެވެސް ހުރެވިދަނެ. ރުޅިއަންނާން ބޭނުން ނުވަނަމަ، ރުޅި ނައިސްވެސް ހުރެވިދާނެ. މަގު ފުރެދެން ބޭނުން ނުވަނަމަ، މަގު ނުފުރެދިވެސް ހުރެވިދަނެ. ތެދެއް. ބައެއް މީހުންގެ ޢަމަލުތައް ހުންނަ ގޮތުން ނުވަތަ މީހަކު ބުނެލާ ތަޢުރީފްގެ ބަހަކުން އިވޭ ރީތި ލަވަޔަކުން އަހަރެމެންގެ ހިތަށް އުފާވެރިކަން އިޙުސާސް ކުރެވިދަނެ. ނަމަވެސް އެ ލަވަޔަކަށް ނުވަތަ އެ މީހަކަށް އަހަރެމެން އުފަ ކުރުވުމުގެ ބާރު ލިބިގެންނެއް ނުވޭ. އެބާރު ލިބިގެންވަނީ އަހަރެމެންނަށް. އަމިއްލަ ހުރިހާ އިޙުސާސެއްވެސް ކޮންޓްރޯލް ކުރުމަކީ އެމީހަކު އަމިއްލައަކަށް ކުރާކަމެއް.

ދަރިފުޅާ! ހޭލާ! ނަފްސު ބަލިކަށިކުރާ ވަސްވާސްތަކާއި ދަޅަތަކަށް ނުހެއްލޭ. ވަކިމީހަކަށް ނުވަތަ ވަކި އެއްޗަކަށް ނަފްސު ބަރޯސާކޮށް ނުލައި، ނަފްސުގެ ޒިންމާ އަމިއްލައަކަށް އުފުލާ. ނަފްސު ބަލިކަށި ކޮށްލުމަށް ހަތަރު އުދަރެހުންވެސް ވަކި ހިއްޕަމުންދަނީ އަތްފަޔަށް އޮބި އޮންނަ ވަރަށްވުރެން މާ ބާރަށް. މިކަމުގައި އެންމެ ވަރުގަދަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަނީ ދުނިޔެ ހެއްދެވީއްސުރެ، ބޭނުން ކުރަމުން އަންނަ ބުހުތާނު ވަސްވާސްތައް. ތަރުޙީބު ނުލިބޭނަމަ، މަސައްކަތެއް ނުކުރެވޭނެ. ބޭނުން އެއްޗެއް ނުލިބޭނަމަ ނުކިޔެވޭނެ. ކުރަ ކަންތައްތަކާއިމެދު ނޫނެކޭ ބުނާނަމަ، ރުޅި އަންނާނެ. މި ވަސްވާސްތައް ފަތުރަމުން ދަނީ ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކޮންމެ ފަރުދަކަށްވެސް ލިބެންޖެހޭ، ތަރުޙީބާ ރުހުމާއި، ލޯބި، ހޯދައިދިނުމުގެ ބަހަނާގެ ނިވަލުގައި. ހުރިހާވެސް ލަނޑުދަނޑިއަކީ ބަލިކަށި ތަރަޙައެއްގެ މަތީގައި ބޭތިއްބުން. ދަރިފުޅާ! ހޭ އަރާ! މީހެއްގެ ފަރާތުން ލިބެންޖެހޭ ވަކިކަމެއް ނުލިބިގެން އަމިއްލަ ނަފްސު ބަލިކަށިކޮށް ނުލާ. އަދި ނަފްސުގެ ލަގަން ވަކި މީހަކަށް ނުދީ. ނަފްސުގެ ޒިންމާ އަމިއްލައަކަށް އުފުލާ. 

އެއްކަޅިން ތާރީޚު
މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު. ޢަލީ ރަސްގެފާނު ޝަހީދުވެ ޕޯޗުގީޒޫންގެ އަނިޔާވެރި އަޅުވެތި ކަމުގައި ރާއްޖެ ފަނަރަ އަހަރު ރާއްޖެ އޮތުމަށްފަހު، ފޯޗުގީޒުންނާއި ހަނގުރާމަކޮށް ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވީ އުތީމު މުޙައްމަދު ތަކުރުފަނު. މާތްﷲގެ ވާގިފުޅާއި ހެޔޮ ރަޙުމަތްފުޅުން ދިވެހީންނަށް ނަސްރާ ކާމިޔާބު ލިބުނީ ހިޖުރައިން ފަނަރަ ސަތޭކަ ހަތްދިހަ ތިންވަނަ އަހަރުގެ ޖުލައިމަހުގެ އެއް ވަނަ ދުވަހު. މުޙައްމަދު ތަކުރުފާނު ރަސްކަމަށް އިސްވެ ވަޑައިގަތީ އައްސުލްތާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް ޢައުޒަމް ސިރީ ސަވާދީއްތަ މަހަރާދުންގެ ނަންފުޅުގަ. އައްސުލްތާނު މުކައްރަމް މުޙައްމަދު ޢިމާދުއްދީން ތިންވަނަ ސިރީ ނަވަރަންނަ ކީރިތި މަހާރަދުން މީލާދީން ސަތާރަސަތޭކަ ފަންސާހުން މީލާދީން ސަތާރަ ސަތޭކަ ފަންސާސް ހަތަކަށް ރަސްކަމުގެ ތިންވަނަ އަހަރުގެ ތެރޭގައި އޭރުގެ ފަނޑިޔާރު ކަމުގައި ހުންނެވި މުޙައްމަދު ޝަމްސުއްދީނާއި އޭނާގެ އެއްބަޑު އެއްބަފާ ޚަތީބު އަޙުމަދު މުޙުޔިއްދީނާއި ދެބެއިން ޚިޔާނާތްތެރިވެ، ކަންނަންނޫރު ޢަލީ ރާޖާގެ ވާގިވެރިކަމާއެކު ރާއްޖޭގެ ވެރިކަން ހޯދަން މަސައްކަތް ކުރި.
މި މަސައްކަތުގެ ނަތީޖާއަކަށްވީ ހަނގުރާމަމަތީ ތިން ނަވެއް ޢަލީ ރާޖާ ފޮނުވުން. މި ނައުތަކުގެ ތެރެއިން ދެ ނައުގައި އައި މީހުން މާލެ އަރައި، އަނެއް ނައު ފަދިއްޕޮޅުގައި އޮތީ. މި ނައުތަކުގެ ތެރެއިން ދެ ނައުގައި އައި މީހުން މާލެ އަރައި އެތެރެ ކޮއިލަށް ވަދެ އެތަނުގައްޔާއި މާލެއިން ބޮޑު ބަޔެއްގައި ހުޅު ޖަހައި، އަންދާލުމަށްފަހު، އެނބުރި ދިޔަމީހުން ދަމުން ދިޔައީ ރަދުންނާއި ރަދުންގެ ބޮޑު ބޭބޭފުޅާއި ދައުލަތުގެ ގަދަރުހުރި ބައެއް ޢިއްޒަތްތެރީން ގޮވައިގެން. 

Programme 05

އެއްޒަމާނެއްގައި ސީނު ކަރައިގައި ދަރު ކޮށައި ވިއްކައިގެން އުޅުނު ވަރަށް ދަހި މީހަކު އުޅުނު. ކޮންމެ ދުވަހަކުވެސް މީނަގެ މަސައްކަތަކީ އިރި އރުމާއެކު ވަލަށްވަދެ ދަރު ކޮށުން. ހަވީރު ވުމުން ދަރު ވިއްކުން. ލިބޭ ހުރިހަ ފައިސައެއް އެއްކުރަމުން ގެންދޭ. މިގޮތުން މީނާ ވަރަށް ގިނަ ފައިސާ އެއްކޮށްފި. ނަމަވެސް އެއިން އެންމެ ލާރިއެއްވެސް ޚަރަދު ކުރަކަށް އޭނަ ބޭނުމެއް ނުވޭ. ކިތަންމެ ފައިސާއެއް އެއްކޮށްފައި ހުރިނަމަވެސް އޭގެ ބޭނުމެއް ނުހިފަ. ފައިސާ ޚަރަދުކުރާން ޖެހިދަނޭތީ ދަހިކަމުން ގިނައިރު ހުންނަނީ ނުކައި. އަދި ގިނަ ދުވަސް ދުވަހު އަނބިދަރީން ވެސް ބައިތިއްބަނީ ކާން ނުދީ.
އެއްދުވަހަކު މީނަގެ އާދައިގެ މަތީން މީނަގެ ދަރިފުޅުވެސް ގޮވައިގެން ވަލަށް ހިނގައްޖެ. ދަރު ކޮށަމުން ފުނި ޖަހަމުންދޭ. މިގޮތަށް ދަނިކޮށް ކުއްލިއަކަށް އައި މިނިކާވަގެއް އައިގޮތަށް އައިސް މިކަލޭގެ ޖަހައިގަނެ، ދަމަމުން ދުއްވައިގަނެފި. މިތަން ބަލާކަށް ނުހުރެ ދަރިފުޅު ދަރުކޮށާން ގެންގުޅުނު ކަތިވަޅި ހިފައިގެން ބައްޕަ ސަލާމަތް ކުރެވޭތޯ ފަހަތުން ދުވަން ފަށައިފި. ފަހަރަކަށް ވުރެން ފަހަރެއް ދުވުން ބަރު ކުރަމުންދޭ. އެންމެފަހުން މިނިކާވަގާއި އަރާ ހަމަކޮށްފި. ހަމަކުރުމާއެކު މިނިކަވަގު ބައްޕަ ދޫކޮށްލައިފި. ބައްޕައަސް ކޮޅަށް ތެދުވެވިއްޖެ. ނަސީބަކުން މާބޮޑު ހާނީއްކައެއް ވެފައެއް ނެތް. އެއީ މިނިކާވަގު އޭނާ ގަހައިގަނެގެން ގެންދިޔަ އިރު ހިފައިގެން ހުރީ އަނދެގެން ހުރި މުންޑުގައި ކަމަށްވާތީ. އޭނާ ކޮޅަސް ތެދުވެ ދަރިފުޅަދިމާލަސް ބެލިއިރު، މިނިކާވަގުގެ ގައިގައި ގެހުމަށް މިކުއްޖާ ކަތިވަޅި މަޅައިގަންނަނީ، މިތަންފެނިފައި މީނާ އަޑުގައި ނެތްތަނަށް ގޮވައިގަތް. ނަމަނަމަ މިނިކާވަގުގެ ހަމަށް ގެއްލުމެއް ނުދޭތި. އެއްވެސް ލޯވަޅެއް ނޭޅޭނޭހެން މިނިކާވަގުގެ ހަންގަނޑު އަތުލައިގަނެވިއްޖެނަމަ، ހާދަ ބޮޑު އަގެއްގައި ވިއްކާލެވޭނޭ. ހާދަ ގިނަ ފައިސާ ލިބޭނޭ. ހަމަށް ގެއްލުމެއް ނުދޭތި. ހަންގަނޑު ސަލާމތް ކުރޭ. މިކުއްޖާ މިއަޑު އަހާފައި ކަތިވަޅި ދޫކޮށްލި ވަގުތު މިނިކާވަގު އަނެއްކާވެސް ފުންމައިގެން އައިގޮތަށް އައިސް ސީދާ ބައްޕަގެ ކަރުގައި ހިފައިފި. ދަމަމުން ދުވެފައިގޮސް ގަސްތަކުގެ ތެރެއަށް ވަދެ ބައްޕަ ކާލައިފި.
ދަރިފުޅާއެވެ. މިނިކާވަގުގެ ދުވަސް ދުއްވާލެވެން އޮތް ހެއްޔެވެ؟ މި މީހާއަށް މިނިކާވަގުގެ ކިބައިން ސަލާމަތް ވާނޭ ފުރުސަތު ލިބުނު ހެއްޔެވެ؟ ސަލާމަތް ނުވެވުނީ ކީއްވެގެން ހެއްޔެވެ؟ މަރުވާން ދިމާވީ އަމިއްލަ ފުރާނައަށް ވުރެންވެސް ބޮޑަށް ފައިސާގެ ދަހިވެތިކަން ކުރިއަށް ނެރުމުގެ ސަބަބުންނެވެ. އޭނަގެ ފުރާނަ ސަލާމަތް ނުވެގެން އުޅުނު އިރުވެސް، އޭނާ ވިސްނީ މިނިކާވަގުގެ ހަންގަނޑު ވިއްކައިގެން ފައިސާ ހޯދާށެވެ. ދަރިފުޅާއެވެ. ދަހިވެތިކަން ހިތަށް ވަދެއްޖެ މީހަކު އަމިއްލަ ސަލާމަތަކަށްވެސް ބަލައެއް ނުލަނެ. އަމިއްލަ ފުރާނަ ދާއިރުވެސް ނޭނގޭނެ. ދަހިވެތިކަން އުފެދިއްޖެ މީހެއްގެ ހިތެއް ދުވަހަކުވެސް ނުފުރޭނެ. ކިތަންމެ ގިނައިން ލިބުނަސް އިތުރަށް ބޭނުންވާނެ. ބޭނުން ނުވާނެ އކައްޗެއްވެސް ނޯންނާނެއެވެ. އަމިއްލަ އެދުން ނޫން އެހެން އެއްވެސް އެއްޗެއް އެފަދަ މީހެއްގެ ލޮލަށް ނުފެންނާނެ. އެހެން އެއްވެސް އެއްޗަކާމެދު ޚިޔާލެއް ފިކުރެއް ވެސް ނުހިނގާނެ. ވަކި ވަގުތަކަށް ވަކި މީހަކަށް ވެސް ބަލައެއް ނުލާނެ. އަބުރާ ޢިއްޒަތަކަށްވެސް ބަލައެއް ނުލާނެ. ރައްކަލަކަސް ނުރައްކަލަކަށް ވެސް ބަލައެއް ނުލާނެ. ހަމައެއް ލަމައެއް، ގޮތެއް ފޮތެއްނެތި މޭ ހަށި ނަގައި ކުރިމަތިލާނެ. ނަތީޖާއަކީ ހޯދަންއުޅޭ އެއްވެސް އެއްޗެއް ނުލިބި، ނުރައްކާތެރިކަން ކުރިމަތިވެ، އަމިއްލައަކަށް ހަލާކުވެ ދިއުން.

އެއްކަޅިން ތާރީޚު 
މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު. ރާއްޖެ އިސްލާމްވުމުގެ ސާޅީސް އެއް އަހަރު ފަހުން މީލާދީ ސަނަތުން އެގާރަ ސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރު އިސްދޫ ލޯމާފަނޭ ކިޔުނު ލިޔުމެއް ލޮއިގައި ލިޔެވުނު. އޭރު ރާއްޖޭގެ ސިންގާ ސަނާގައި އިންނެވީ ސިރީ ގަޑަނާއްދީއްތިޔަ ނުވަތަ ސިރީ ފަންނާއްދީއްތިޔަ ރަދުން. ލޯމާފާނުގައިވާ ލިޔުންތަކުގައި އެދުވަސްވަރުގެ ކުރިންވެސް ތަޚުތުގައި ރެދަލި ކުރެއްވި ރަސްރަސްކަލުންނާއި، ރަނިރަނި ކަނބަލުންގެ ނަންފުޅުވޭ. ނަމަވެސް ފެންނާންހުރި ލޯމާފާނު ތަކުގައި ތީމުގޭ ސޯމަވަން ދަރިކޮޅުގެ ސިރީ މަހާބަރަނަ ރަދުންގެ ނަންފުޅުގެ ކުރީގެ ރަސްކަލެއްގެ ނުވަތަ ރަނިކަނބަލެއްގެ ނަންފުޅެއް ނެތް. ރަސަ ރަދުން ކިޔުނު ރަސްކަލެއްގެ ނަންފުޅު އިސްދޫ ލޯމާފާނުގެ ލިޔުމުގެ ތެރޭގައި އެއްފަހަރު ލިޔެވިފައިވޭ. ނަމަވެސް އިސްލާމްދީން އައުމުގެ ކުރީގެ މި ރަދުންގެ އެއްވެސް އިތުރު މަޢުލޫމާތެއް ނެތް.
އައްސުލްތާން ޖަލާލުއްދީން ޢުމަރުވީރު ސިރީ ލޯކަ އަބާރަނަ މަހަރާދުންގެ ދަރިކަނބަލުން އައްސުލްތާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާ ރެހެންދި، މަޗްހޫރު ނަންފުޅުން ދަންނަވަނަމަ، ރެހެންދި ޚަދީޖަ ތިންފަހަރެއްގެ މަތީން ދިވެހި ތަޚުތުގައި ރެދަލި ކުރައްވަފައިވާކަމަށް ތާރީޚުގައި ލިޔުއްވާފައިވޭ.  މިކަމަނާ ތަޚުތަށް އެންމެ ފުރަތަމަ އިސްވެ ވަޑައިގަތީ މީލާދީން ތޭރަސަތޭކަ ސާޅީސް އެއްވަނަ އަހަރު. ތާރީޚުން އެނގޭ ގޮތުގައި ދިވެހި ތަޚުތުގައި ރެދަލި ކުރެއްވި އެންމެ ފުރަތަމަ ސާހިބާއަކީ ރެހެންދި ޚަދީޖާ.
ރާއްޖެއާއި ތޮޅެން ޕޯޗުގީޒުން އައި ތިންވަނަ ފަހަރު އައީ މީލާދީން ފަނަރަ ސަތޭކަ ފަންސާސް އަށްވަނަ އަހަރު. ވަރަށް ބޮޑަށް ތައްޔަރު ވެގެން ހަތިޔާރުލައި ފުރާފައި އޮތް ބޮޑު ތިން ގުރަބުގައި. މިމީހުންގެ ވެރިއަކަށް ހުރީ ކެޕްޓަން މެނުއަލް ޑަ ސިލްވޭރާ ޑި އަރައުރޯ. މިމީހުން މާލެ ފޭބީމާ، ދެބައި ލަޗްކަރީންނާއިގެން ހަނގުރާމައަށް ނުކުމެ ވަޑައިގަތީ އޭރު ތަޚުތުގައި އިންނެވި ޢަލީ ރަސްގެފަނު. ވަރަށް ހިތްވަރާއެކު ނުކުމެވަޑައިގެން ހަނގުރާމަ ކުރެއްވުމަށްފަހު، ޢަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގަތީ ހިޖުރައިން ނުވަސަތޭކަ ފަސްދޮޅަށް ފަސްވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހު.  

Programme 04

ކާމިޔާބަށް މަސައްކަތްކުރާ ދެ ނިޒާމެއް ހަށިގަނޑުގައި ލައްވާފައިވޭ. ފުރަތަމަ ނިޒާމަކީ އެމިހައަށް އެއްވެސް އެނގުމެއް ނެތި އެމީހަގެ ހަށިގަނޑުގެ ތެރޭގައި މަސައްކަތް ކުރުމުގެ ކުޅަދާނަކަން ދެއްވާފައިވަ ނިޒާމު. މި ނިޒަމުގެ މަސައްކަތް ފަށައިގަންނަނީ އެމީހަކު ދުނިޔެއަށް އައުމުގެވެސް މާކުރިން. މި ނިޒާމުގައި މުޅީންވެސް އޮތީ ހިތްވަރާއި ކުޅަދަނަކަން ސާބިތުކޮށްދިނުން. ގޮންޖެހުން. ކާމިޔަބު ހޮދުން. މަންމަގެ ބަނޑުތެރޭގައި އަށަގަންނަނިވެސް ކުރަ ހަނގުރާމައަކުން ކާމިޔާބު ހޯދުމަށްފަހުގަ. މި ހަނގުރަމައިގައި ފަންސާސް މިލިޔަން ދަރިފަނީގެ ލަޝްކަރަކާއި ކުރިމަތިލައި ފަތަހަ ހޯދަންޖެހޭ. މި މަރުޙަލާ ކުރިމަތި ނުކުރައްވައި ދުނިޔެއަށް ނުފޮނުއްވަ. ފޮނުއްވުމަށްފަހުގައި ވެސް ދިރި ދެމި ހުރުން ބިނާ ކުރައްވާފައިވަނި ވެސް މި ނިޒާމް ހޯދާ ކާމިޔާބުގެ މައްޗަށް. މިއީ ކެރިފޯރުން ތެރިކަމާއި ކުޅަދާނަކަން ދެއްވާފައިވާ ވަރަށް ވަރުގަދަ ނިޒާމެއް. ދިރިހުރުމަށް ބޭނުންވާ ހުރިހާ ހަކަތައެއް ހޯދައިދީ. ބަލިތަކުން ސަލާމަތް ކޮސްދިނުމުގެ އާރާއި ބާރު ދެއްވާފައިވޭ. މި ނިޒާމު އަހަރަކު އެތައް ސަތޭކަ ބަޔަކާއި ހަނގުރާމަކޮށް ގަދަވެގަނޭ. ނަމަވެސް މި ނިޒާމް ހައްދަވާފައިވާ ގޮތުގެ ފުރިހަމަކަމުން. އެއްވެސް އިންސާނަކަށް މިކަމެއް ނޭނގޭ. އެމީހެއްގެ ހަށިގަނޑުގެ ތެރޭގައި ހިންދެމިލުމެއްނެތި. އެތައް ސަތޭކަ ބަޔަކާއި ހަނގުރާމަ ކުރަމުން ދާއިރުވެސް އެކަމެއް ކުޑަކޮށްވެސް އެމީހަކަށް ރޭކާވެސް ނުލަ. އަދި ހިލަމެއްވެސް ނުވޭ. އެހާވެސް ފުރިހަމަ. މި ނިޒާމު ހިންގާ ކަންތައްތަކާއިމެދު ކިތަންމެ ކުޑަކޮށް ބަލައިލި ނަމަވެސް ހައްދަވާފައިވާ ގޮތުގެ ފުރިހަމަ ކަމާއި އޭގެ މޮޅުކަން ހާމަވެގެންދޭ. އެހެންކަމުން އެންމެ ސައުވީސް ގަޑިއިރަށް ނިސްބަތްކޮށް ދެތިން ކަމެއް އަދަދުން ބަލައިލަމާ ހިންގަވާ.
ތޭވީސް ހާސް ފަހަރު ނޭވާލައި ހަތަރު ސަތޭކަ ހަތް ކޮޑި ފޫޓުގެ ވައި ނޭވާލުމުގެ ތެރޭގައި އެތެރެކޮށް ބޭރު ކުރެވޭ. އެއްލައްކަ ފަހަރު ހިތް ޕަންޕު ކުރޭ. ނުވަތަ ހަތްދިހަ އަހަރު ދުވަހުން ދޭއް ޕޮއިންޓް ފަހެއް ބިލިއަން ފަހަރު ޕަމްޕު ކުރޭ. ހަތަރުހާސް ތިންސަތޭކަ ގިލަން ލޭ ޕަމްޕުކޮށްދޭ. މި ޢަދަދު ޢުމުރަށް ނިސްބަތްކޮށް ބަލާނަމަ އެއީ ތޭރަ މިލިއަން ފީފާގެ ލޭ. ލޭ މުޅި ހަށިގަނޑުގައި އެއްކޮޅުން އަނެއް ކޮޅަށް އެއްހާސް ހަތަރު ސަތޭކަ ފަހަރު ބުރުޖަހާ. މި ޢަދަދު ހަށިގަނޑުގެ ތެރޭގައި ލޭ ދައުރު ކުރާ ދުރުމިނަށް ނިސްބަތް ކުރާނަމަ އެއީ ހަލައްކަ މޭލުގެ ރާސްތާއެއް.
އިންސާނެއްގެ ހިތަށް ސިފަވެސް ކޮށްނުލެވޭ ފަދަ އެތައް ކަމެއް ހަށިގަނދުގެ ތެރޭގައި މި ނިޒާމް އަދާ ކުރަމުން ގެންދޭ. އެކަމަކު މިއިން އެއްވެސް ކަމެއް ހިނގާކަމެއް ކުޑަކޮށްވެސް އިންސާނާއަކަށް ނޭގޭ. އެއާއި ޚިލާފަށް ކާމިޔާބު ހޯދައިދޭ ދެވަނަ ނިޒާމުގައި ހުރިހާ ކަމެއް ތަދުބީރު ކުރައްވާފައިވަނީ އެމީހަކު ކުރާ ކޮންމެ ކަމެއް އެމީހެއްގެ އިޚުތިޔާރުގައި ކުރެވޭ ގޮތަށް. އެމީހަކަސް އެނގިގެން ނޫންގޮތަކަސް އެމީހަކަސް އެއްވެސް އަމަލެއް ނުހިންގޭ ގޮތަށް. ކުރަންޖެހޭ ކަންތައްތައް ކުރުމާއި ކުރާން ނުޖެހޭ ކަންތައްތަކުން އެއްކިބާވެ ގަތުމާއި ނުވުމުގެ ބާރު އެމީހެއް އިޚުތިޔާރަށް ދޫކުރައްވާފަ. ހީވާގިވުމާއި ފިނޑިވެ ގަތުމުގެ އިޚުތިޔާރުވެސް ދެއްވާފަ. ހުރިހައި ގޮތަކުން ބެލި ނަމަވެސް މި ނިޒާމު ކުރީގެ ނިޒާމަށް ވުރެން މަތިވެރި. މިއީ ނިޒާމް ތަކުގެ ވެރި ނިޒާމް. ނޭނގި ހިނގާ ނިޒާމުގެވެސް އަމުރުވެރިޔާ. ޖިސްމާއި ނަފްސަށް މަގުދެއްކުމުގެ އިމާމު. އެމީހާ ކުރާ ކޮންމެ ޢަމަލެއްގެ ޒިންމާ ނަގަންޖެހޭ ނިޒާމަކީވެސް މިއީ. މި ނިޒާމުގައިވެސް އޮތީ މުރާލިކަމާއި ހިތްވަރާއި ކުޅަދާނަކަން ސާބިތުކޮށް ދިނުން. ކުރިމަތިލުމާއި، ފިނޑިވެ ނުގަތުން. ތިމާގެ ހަށިގަނޑުގެ އަގު ވައްޓާނުލައި، އޭގެ އަގުބޮޑުކަން ހާމަކޮށްދިނުން. ހައްދަވާފައިވާ ގޮތުގެ ފުރިހަމަކަން ހާމަކޮށްދިނުން. މި ވާޖިބު އަދާ ނުކޮށްފިނަމަ، ލައްވަވާފައިވާ މޮޅުކަމާއި، ކުޅަދާނަ ކަމުގެވެސް އަގެއް ނެތް. ކިތަންމެ ފުރިހަމަ ގޮތެއްގައި ހައްދަވާ ފޮނުއްވި ނަމަވެސް ދެރަ ނިކަމެތި ސޫތްޕަކާއި އެއްވެސް ތަފާތެއް ނެތް. އެހެނީ އިނާމަކީ ހަށިގަނޑުގައި ހުރި ގާބިލުކަމަށް ލިބޭ އެއްޗެއްނޫން. އެއީ އެމީހަކު އަމިއްލައަށް ހާމަކޮށް ދައްކައިދޭ ކުޑަ ބޮޑު މިނެއްގެ މައްޗަށް ބިނާކޮށް ލިބޭއެއްޗެއް.
އާދެ، ތިމާގެ ހަށިގަނޑު ހައްދަވާފައިވާ ގޮތް ކިތަންމެ ފުރިހަމަ ނަމަވެސް އޭގެ މޮޅުކަމާއި ކުލަދާނަ ކަމުގެ ފައިދާ ލިބޭނީ ކަނޑައެޅިގެ ފާޅުގައި ކާމިޔާބު ހޯދަން މަސައްކަތްކުރާ މީހުންނަށް. ދެއްވި ކުޅަދާނަކަން ސާބިތު ކޮށްދޭ މީހުންނަށް. 


އެއްކަޅިން ތާރީޚު 
މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު މީލާދީ ސަނަތުން އެގާރަ ސަތޭކަ ފަންސާސް ތިންވަނަ އަހަރު ރާއްޖޭގެ ސިންގާ ސަނާގައި އިންނެވި ސިރީ ތިރި ބުވަނަ އާދީއްތިޔަ މަހާރަދުން މަޣުރިބު ކަރައިގެ ބޭކަލެއް ކަމުގައިވާ މައުލާނާ އަބުލް ބަރާތުލް ޔުސުފުލް ބަރުބަރީގެ އަތްޕުޅު މައްޗަށް އިސްލާމްވެ ވަޑައިގަތުން ވެގެން ދިޔައީ، ރާއްޖެ އިސްލާމް ވުމުގެ ފެށުން ކަމުގައި. ހިޖްރައިން ފައްސަތޭކަ ސާޅީސް އަށްވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ ދެވަނަ ދުވަހު މި ރަދުން އިސްލާމްވެ ވަޑައިގަތުމަށްފަހު ރަދުންގެ ނަންފުޅަކީ މުޙަންމަދު އިބްނި ޢަބުދުﷲ. މިއީ ދަރުމަވަންތަ ރަސްގެފާނު.

މިހާރު މާލޭގައި ފެންނާންހުރި ހުކުރު މިސްކިތުގެ ބިންގާ އެޅުނީ ހިޖުރައިން އެއްހާސް ފަސްދޮޅަސް ހަވަނަ އަހަރުގެ ޝަޢުބާން މަހުގެ ބާވީސް ވީ ހުކުރު ދުވަހު. ބިންގާ އަޅުއްވައިދެއްވީ އައްސުލްތާން އިބްރާހީމް އިސްކަންދަރު (އެކެއް) ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުންގެ އަތްޕުޅުން. މި މިސްކިތަކީ ހިޖްރައިން ފައްސަތޭކަ ސާޅިސް އަށްވަނަ އަހަރު އައްސުލްތާން އަޙުމަދު ޝިހާބުއްދީން އައު ކުރެއްވި މިސްކިތް ހުރި ތާނގައި އަލުން ބިންގާ އަޅުއްވައިގެން ހެއްދެވި މިސްކިތެއް. މިސްކިތް ބިނާކޮށް ނިމުނީ ހިޖްރައިން އެއްހާސް ފަސްދޮޅަސް އަސްވަނަ އަހަރު ސަފަރު މަހުގެ ސޯޅަ ވަނަ ދުވަހު. މާލޭގެ ހުކުރު މިސްކިތް ސޯޅަ ސަތޭކަ ފަންސާސް އަށްވަނަ އަހަރު  އައްސުލްތާން އިބްރާހީމް އިސްކަންދަރު އައު ކުރެއްވުމަށްފަހު، އެރަދުންގެ ރަސްކަމުގެ ވިހި ވަނަ އަހަރުގެ ތެރޭގައި މީލާދީން ސޯޅަ ސަތޭކަ ފަސްދޮޅަސް ހަތްވަނަ އަހަރު ހުކުރު މިސްކިތުގެ ދޮރޯށި ހައްދަވައި އެތަނަށް ފިގުހުވެރީން ލައްވައި ހެއްދެވުމާއި ގުޅިގެން އެތަނުގައި ކީރިތި ގުރުއާނާއި ފަރުޟު ޢިލްމު އުނގަންނައި ދެވޭން ފެށުނު. މިއީ ރާއްޖޭގެ ރަސްމީ ފުރަތަމަ މަދަރުސާވެސްމެ.