Monday, December 5, 2011

Programme 16

ލޯރޑް ޗެސްޓަރ ފީލްޑް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ސޯޅަ ސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރު ލަންޑަންގަ. އަވަހާރަވީ ލަންޑަނުގައި ސަތާރަ ސަތޭކަ ހަތްދިހަ ތިންވަނަ އަހަރު. އޭނާ އޭނާގެ ދަރިކަލުން ފިލިޕް ސްޓެން ހޯޕްގެ ނަމުގައި ވަރަށް ގިނަ ސިޓީ ލިޔުއްވި. އެ ސިޓީ ތަކުގައި ވިދާޅުވެ ދެއްވާފައިވަނީ ދިރިއުޅުމުގެ ކާމިޔާބީގެ ހުނަރު. އެ ސިޓީތައް ފަހުންވަނީ ޝާއިޢުކޮށްގެން ޢާންމުކޮށް ނެރެފަ. އެތަނުން އެއް ސިޓީއެއްގައި ލޯރޑް ޗެސްޓަރ ފީލްޑް ލިޔުއްވާފައިވޭ. އަހަރެން ތިބާއަށް ލަފާ މިދެނީ މިނިޓް ކޮޅު ރައްކާތެރި ކުރާށޭ. ގަޑި އަމިއްލައަށް ސަލާމަތްކަން ހޯދާނެއޭ. ތިބާ މިނިޓް ކޮޅު ބޭކާރުވިޔަ ނުދީ ސަލާމަތް ކޮށްފިނަމަ ގަޑި ބޭރު ނުވެ ސަލާމަތްވެގެން ހިނގައިދާނެ. އެހެނީ ގަޑިއެއްގެ އިރު ހަމަވަނީ މިނިޓަކުން މިނިޓަކުން އިތުރުވަމުން ގޮސް.
ކުދިކުދި ކަންތައްތަކަށް ސަމާލުވާ މީހާ ބޮޑެތި ކަންތައްތަކަށް ސަމާލުވީ ފަދައިން. އެހެނީ ބޮޑި ކަންތައް އުފެދެނި ކުދި އެތައްކަމެއް އެކުލެވިގެން. ގިނަ މީހުންނަށް ވާ ގޮތަކީ މާ ބޮޑެތި އެއްޗިއްސަށް ނަޒަރު ހުއްޓައިގެން ގޮސް ސިކުނޑިން ކުދިކުދި އެއްޗެތީގެ ޚިޔާލު މުޅީން ނުކުންނަނީ އަޚިރު ނަތީޖާއަކަށްވަނީ އެއްވެސް އެއްޗެއް ނުލިބި ބާކީވުން. ލިބިފައިވާ ވަގުތުގެ އެންމެ ސިކުންތެއްވެސް ބެކާރުކޮށް ނުލާ. ސިކުންތު ކޮޅެއްގެ ބޭނުން ރަނގަޅަށް ކޮށްފިނަމަ، މައްސަރުތަކާއި އަހަރު ތަކުގެ ވެރިއަކަށް ވެވިދާނެ. ސިކުންތު ކޮޅު ނަގާލަން އާދަ ކޮށްފިނަމަ، މައްސަރު ތަކާއި އަހަރުތައް ވެސް އަތުން ބީވެގެން ދާނެކަމީ، ކަށަވަރު ކަމެއް.
ތިބާ ކޮންމެ ދުވަހަކު އެއްގަޑި އިރުން ފަސް މިނިޓް ބޭކާރު ކޮށްލިޔަސް ރެއަކާއި ދުވާލެއްގެ ތެރޭގައި އެ ގެއްލެނީ ދެ ގަޑިއިރު. އެއީ މަހަކު ފަސްދޮޅަސް ގަޑިއިރު. އެހެންވިމާ އަހަރަކު ހަތަރު ސަތޭކަ ވިހި ގަޑި އިރު ގެއްލިގެން ދާނެ.
މިހެން ގޮސް ކޮންމެ މީހަކު އެމިހަކަށް ލިބިފައިވާ އަގުހުރި ވަގުތުގެ ވަރަށް ބޮޑު ބައެއް ނަގާލަ. އަށްޑިހަ އަހަރު ވަންދެން ދުނިޔޭގައި ހުންނަ މީހާއަށް ޢުމުރުގެ ސާޅީސް އަހަރުވެސް ރަނގަޅު ގޮތުގައި ބޭނުމެއް ނުކުރެވޭ. ތިބާގެ އެންމެ ބޮޑު ރައުސުލްމާލަކީ ވަގުތު. އެހެންވީމާ، ވަގުތު ބޭކާރު ނުކޮށް ސަލާމަތް ކުރެވޭތޯ ބަލާ.
ބޮޑު ކޮންމެ ކާމިޔާބީ އަކީ ކުދިކުދި އެތައް ކާމިޔާބީއެއްގެ މަޖްމޫޢާއެއް. ކުދި ކާމިޔާބީތަކަށް ރުހެންވާނެ. އޭގެ ފަހުން ބޮޑެތި ކާމިޔާބީ ލިބޭނޭކަން ޔަގީން.
މައުލަވީ ލުތުފުއްﷲއަކީ އާދައިގެ ޓިއުޝަންދޭ މީހެއް. އޭނާ އުފަންވެ ވަޑައިގަތި އަށާރަ ސަތޭކަ ދެވަނަ އަހަރު މާލްވާގެ ގަދީމީ ރަށެއް ކަމުގައިވާ ދާރާ ނަގަރަށް. އޭނާ އިނގިރޭސިބަސް ކިޔަވައިދޭ ތަނެއްގައި އެންމެ ދުވަހެއްވެސް ހޭދައެއް ނުކުރައްވަ. އެހެން ނަމަވެސް އޭނާ އަމިއްލަފުޅަށް ލިޔުއްވި އޭނާގެ ޙަޔާތުގެ ހަނދާން ވަނީ ލަންޑަންގަ ޝާއިޢު ކުރެވިފަ. ލަންޑަންގެ ފޮތް ޝާއިޢުކުރާ ކުންފުންޏެއް ކަމުގައިވާ ސްމިތު އެލްޑާރ އެންޑް ކޮމްޕެނީން. އެ ފޮތަށް ކިޔާފައިވަނީ އޮޓޮ ބަޔަގްރަފީ އޮފް ލުތުފުﷲ އަ މުޙައްމަދާން ޖެންޓްލްމަން. މި ފޮތުގައި އިނގިރޭސި ލިޔުން ތެރިއެއް ކަމަށްވާ މިސްޓަރ އެސްޓްރިކްގެ ދީބާޖާއެއް ހިމަނާފައިވޭ. އޭނާ ވަނި މުސައްނިފްގެ ފުރިހަމަ އިނގިރޭސި ލިޔުއްވުމަށް އޭނާގެ ދީބާޖާގައި ތަޢުރީފް ކުރައްވާފައި. އިންޑިޔާ މީހަކު ބިދޭސީ ބަހަކުން އެހާ ބޮޑު ފޮތެއް ލިޔުއްވީތީ ޙައިރާންފުޅު ވާކަމަށް އޭނާ ބަޔާން ކުރައްވާފައިވޭ. ޚުދު އިނގިރޭސި އަދިބުން ތަޢުރީފް ކުރައްވާފަދަ މޮޅު ފޮތެއް އޭނާ އިނގިރޭސި ބަހުން ލިޔުއްވައި ލަންޑަނުގައި ޝާއިޢު ކުރެއްވީ ކިހިނަކުންތޯ؟ އޭގެ ސިއްރު ފޮރުވިފައިވަނީ އުރުދޫ ހަރުބަހެއްގަ. އެއީ: "ތޯޅާ ތޯޅާ ބޮހޮތު ހޯޖާތާހޭ". މާނައަކީ އެއްޗެއް ގިނަވަނީ މަދުމަދުން އިތުރުވަމުން ގޮހޭ.
މައުލަވީ ލުތުފުﷲ އިނގިރޭސި ބަސް ދަސް ކުރެއްވީ އޭނާގެ މިންނެތް މަސައްކަތުން. އޭނާ އުޅުއްވީ އީސްޓް އިންޑިޔާ ކޮމްޕެނީގެ އިނގިރޭސި މުވައްޒަފުންނަށް ފާރިސީ ބަހާއި މަރާޓީ ބަސް ދަސްކޮށް ދެއްވަން. އޭނާގެ އިނގިރޭސި ދަރިވަރުންގެ ޢަދަދު ސަތޭކައަށް ވުރެން އިތުރު. އިނގިރޭސީންނާއި އޮތް ގުޅުމުގެ ސަބަބުން އޭނާގެ ހިތްޕުޅުގައި އިނގިރޭސި ބަސް ދަސް ކުރައްވަން އާދަޔާ ޚިލާފް ޝައުގުވެރި ކަމެއް އުފެދިގެން ދިޔަ. އޭނަ އަމިއްލަފުޅަށް އިނގިރޭސި ބަސް ދަސްފުޅު ކުރެއްވުމުގެ މަސައްކަތް ފައްޓަވައިފި. އަށް އަހަރު ވާންދެން މެދުނުކެނޑި ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިނގިރޭސި ބަހަށް ވަރަށް ކުޅަދާނަ ވެއްޖެ. އޭނާގެ ފޮތުގައި ލިޔުއްވާފައިވޭ. އަށް އަހަރު ދުވަހުގެ ތެރޭގައި ރޭގަނޑު ނިދުމުގެ ކުރިން އިނގިރޭސި ބަހުގެ ދިހަ ލަފްޒު ދަސްނުކުރާ ދުވަހެއް، ޑޮކްޓަރ ގިލް ކްރިސްޓްގެ ގަވާޢިދު ފޮތުގެ ހައެއްކަ ސަފްޙާ ކިޔައި ރަނގަޅަށް ސިކުނޑިއަށް ނަކަލު ނުކުރާ އެންމެ ދުވަހެއްވެސް ފާއިތުވެގެންނެއް ނުދެއެވެ. ދިހަ ލަފްޒޭ ބުނެލީމާ އެއީ ވަރަށް މަދު ޢަދަދެކޭ ހީވެދާނެ. އެހެން ނަމަވެސް އަށް އަހަރުގެ ދިގު މުއްދަތަކަށް ދިހަ ލަފްޒު، ކޮންމެ ދުވަހަކަށް ދިހަ ލަފްޒުގެ ނިސްބަތުން ބަހައިލީމާ އެ ލިބޭ ކުޅަދާނަ ކަމަކީ ބަސް ނުދަންނަ މީހަކަށްވެސް މޮޅު އަދީބަކަށް ހަދައިލާވަރުގެ ކުޅަދާނަ ކަމެއް. ބަހުގެ އަހުލުވެރިންނަށްވެސް ޖެހޭނީ އޭނާގެ ކުޅަދާނަ ކަމަށް އިޢުތިރާފްވާން.

އެއްކަޅިން ތާރީޚު

މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު. ދިވެހި ރާއްޖެ އިނގިރޭސީންގެ އަތްދަށުން މިނިވަންވުމާއިމެދު ބަލާލާއިރު، އަށާރަ ސަތޭކަ އަސްޑިހަ ހަތްވަނަ އަހަރު ދިވެހި ރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު ވެވިފައިވާ އެއްބަސް ވުމުގެ ދަށުން ހާ އަލިފު ކެލަޔާއި، އައްޑު އަތޮޅު ގަމުގައި އިނގިރޭސިން ތިބެން ހަމަޖެހުނު. އައްޑު އަތޮޅުގައި އެމީހުން މަރުކަޒެއް ހަދައި، އެތަނުގައި އެމީހުން ތިބި.
ދިވެހި ރާއްޖެން އިނގިރޭސީންގެ ޙިމާޔަތުގެ ދށުން ނެއްޓެވުނީ ނަވާރަ ސަތޭކަ ފަސްދޮޅަސް ފަސްވަނަ އަހަރުގެ ޖުލައި މަހުގެ ސައްބިސް ވަނަ ދުވަހު ދެ ގައުމުގެ ދެމެދުގައި ސޮއި ކުރެވުނު އެއްބަސްވުމެއްގެ ދަށުން. މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ އޭރުގެ ވަޒީރުލް އަޢުޒަމް އަލްފާޟިލް އިބްރާހީމް ނާސިރާއި އިނގިރޭސި ހައި ކޮމިޝަނަރ ސަރ މައިކަލް ވޯކަރ.

ދިވެހި ރާއްޖޭގެ އަމިއްލަ ބޯޓު ފަހަރު ދުއްވާތާ އަހަރު ތަކެއް ވެއްޖެ. ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ރާއްޖޭގެ ބޯޓު ފަހަރާއި ބޭރު ކުންފުނި ތަކުގެ ބޯޓް ފަހަރު ތަކުގައި މަސައްކަތްކޮށް ރާއްޖެއަށް ބޭރު ފައިސާ ހޯދާދޭ. މިހާރު ދިވެހި ސީމަނުންނަކީ ކަމަސް ބޭނުންވާނެ ތަމްރީނު ލިބިގެން އެ މަސައްކަތް ކުރާ ބައެއް. ދިވެހީންގެ އަމިއްލަ ބޯޓު ފަހަރު ހުރުމުގެ އިތުރުން މިފަދަ ކުންފުނިތައް ހިންގުމުގައި ވެސް މިހާރު ދިވެހިން ހަރަކާތްތެރިވޭ.  

No comments:

Post a Comment