އެމެރިކާގެ ކުރިގެ ރައީސެއް ކަމަށްވާ އެބްރަހަމް ލިންކަން ވިދާޅުވެފައިވޭ. އަހަންނަކީ ވަރަށް މަޑުމަޑުން ހިނގާ މީހެކޭ. އެކަމަކު އަހުރެން ދުވަހަކުވެސް ފަހަތަކަށް ނުހިނގަމޭ. މަޑުމަޑުން ހިނގުމަކީ ކުރިޔަށް ނުގޮސް މަޑު ކުރުމަށް ވުރެން ނުވަތަ ފަހަތަށް ހިނގުމަށް ވުރެން ރަނގަޅު ކަމެއް. އެހެނީ މަޑުމަޑުން ހިނގި ނަމަވެސް ހިނގާ ކަމުގައި ވަނީނަމަ، ދަނީ ކުރިއަށް. މިއީ ދިރިއުޅުމުގައި ކޮންމެ މީހަކުވެސް ލިބިގަންނާންޖެހޭ ވަރަށް އަގުހުރި ފިލާވަޅެއް. ދުނިޔެއަކީ ވަގުތީ ތަނެއް. ޅެންވެރިޔަކު ވިދާޅުވެފައިވާ ފަދައިން ދުނިޔެއަކީ ހުވަފެނެއް. އެ ހުވަފެނަށް ހެއްލިގެން ދިޔުމަކީ ތިމަގެ އަމިއްލަ ބާއްޖަވެރިކަން އަމިއްލައަށް ނަގައިލުން.
ދުނިޔޭގައި އުޅޭ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެތައް މުސީބާތްތަކަކާއި ކުރިމަތިލާން ޖެހޭނެ. އެއިން ކޮންމެ ކަމަކީ އިމްތިޙާނެއް. ނުވަތަ ޓެސްޓެއް. އަޖުމަ ބަލައިލުމެއް. ދަތި ތަކަކާއި ނުވަތަ އުނދަގު ތަކަކާއި ކުރިމަތިލާން ޖެހުނީމާ، ހަތިޔާރު ބަހައްޓާފައި އިށީންނަ މީހާ އަކީ ދުވަހަކުވެސް ކާމިޔާބީއެއް ލިބޭނޭ މީހެއްނޫން. ދިރިއުޅުމުގައި ދެން ލިބިގަންނާން އޮންނަ އެންމެ އަގުހުރި ފިލާވަޅަކީ އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު ކުރުން. އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު ކުރުމުގެ އެއްބަޔަކީ ތިމާގެ ޒިންމާ ހަނދާން ނައްތައިނުލުން. ތިމާގެ އަމިއްލަ ކަމެއް ކުރާން އެންމެ ބުރަ މަސައްކަތެއް ކުރާން ޖެހޭނީ ޚުދު ތިމާއަށްކަން ދެނެގަތުން. ކުރިމަތީގައި އޮންނަ ބުރަ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން ހިންދެމިލުން. އާނދޮގޭއޭ ކިޔާފައި ހިނގައިގަތުން.
ބައެއް މީހުންނަކީ އުނދަގޫ ކަމަކާއި ކުރިމަތިލާން ޖެހުނީމާ ޝަކުވާކުރާ މީހުން. ރޮއި ކަރުނަ އަޅާ މީހުން. އެފަދަ މީހުންނަކަށް ކުރިއަކަށް ނުދެވޭނެ. އެމީހުން ރޮއިރޮއި ތިއްބާ އެހެންމީހުން ކުރިއަރައިގެން ހިނގައިދާނެ. ދެން ކުރަން އޮންނާނޭ ކަމަކީ ކުރިއަރައިގެން ދިޔަ މީހުންގެ ކާމިޔާބީގެ މައްޗަށް ތިމާގެ ހިތުގައި ޙަސަދަވެރިކަން އުފެއްދުން. އެއީ ހުރިހައި ނުބައި ކަމެއްގެ އަސްލު. ޙަސަދަވެރި ކަމަކީ އިންސަނާގެ ދިރިއުޅުން މުޅިން ހަލާކުވެ ދެ ދުނިޔޭން ގެއްލިގެން ހިނގައިދާފަދަ ނުރައްކާތެރި ބައްޔެއް. ވުމާއެކު ކުރިމަތިލާން ޖެހޭ ކަންތައްތަކާއި ކެރިގެން ކުރިމަތިލާން ދަސްކުރަމާ ހިނގާ. ޝަކުވާ ކުރުމާ އެހެން މީހުންގެ ބޮލުގައި އިލްޒާމް އެޅުވުމަކީ ތިމަގެ ގާބިލިއްޔަތެއް ނެތްކަން ގަބޫލު ކުރުން. ތިމާގެ ގާބިލިއްޔަތެއް ނެތްކަމަށް ގަބޫލު ކުރުމަކީ ކުރިޔަށް ދާން އޮންނަ މަގަށް އެޅޭ ވަރަށް ބޮޑު ހުރަހެއް. އެބްރަހަމް ލިންކަންގެ ބަސްފުޅުގައި ހިފާ. ތިމާގެ ޒިންމާއާއިގެން ތެދުވެ ހިނގައި ގަތުމަށްފަހު ފަހަތަށް އެންމެ ފިޔަވަޅެއްވެސް ނާޅާ. ކުރިޔަށް ނުގޮސް، ހުއްޓި ހުންނަ މީހަކަށް ވެސް ނުވޭ. ކިތަންމެ މަޑުމަޑުން ހިނގުނަސް އެންމެ ރަނގަޅު. ދާންވަނި ކުރިއަށް. ކާމިޔާބީ އޮތީ ކުރީގަ. ފަހަތުގައި އޮތީ ނާކާމިޔާބު.
އެއްކަޅިން ތާރީޚު
މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ސަގާފީ ކުޅިވަރުތަކާއި ބެހޭ ގޮތުން. އެގޮތުން މިރޭ އަޅުގަނޑުމެން ބަލައިލާނީ ތާރަޖެހުމާއި ބެހޭ ގޮތުން.
ދިވެހީންގެ ތެރޭގައި ތާރަޖެހުން ފެށުނު ޒަމާނެއް ހޯދޭ ވަރަށް ވުރެން ޒަމާން ގިނަވެ ހިނގައްޖެ. މިކަން ބެލެހެއްޓުން އެވޭލާގައި އޮތީ އޭރަކު ހުންނެވި ރަސްކަލެއްގެ އަތްޕުޅު މަތިގަ. ބުނެވޭ ގޮތުގައި މި ކުޅިވަރު ދިވެހި ރާއްޖެއަށް އައީ އެތައް ގަރުނެއްގެ ކުރީން ޒަންޖަބާރުގެ މުސްލިމުންގެ ތެރެއިން. ތާރައަކީ ނުވަތަ ތާރަ ޖެހުމަކީ ފިރިހެނުންގރެ ގްރޫޕް ކުޅިވަރެއް. އަދި ސްޓޭޖް ކުޅިވަރެއްމެ. ބޭރުން މި ކުޅިވަރު ގެނެވުނު އިރު މުޅީން ބޭނުން ކުރެވުނީ ޢަރަބި ލަވަ. ލަވަ ތަކުގައި ހުންނަނީ ޒިކުރާއި ޙަމްދު. ޝުކުރާއި ސަނާ ބަޔާން ކޮށްފަ. އިސްލާމީ އަދަބު ތަކަށް ބިނާކޮށް މި ކުޅިވަރު ކުޅެމުން ކާބަފައިން މި ޒަމާނާއި ހަމައަށް ގެނައި. އަށާރަވަނަ ގަރުނަށް އެޅުނުއިރު، މާލޭގައި މިކަން ރަނގަޅަށް އޮވެ، ވިހިވަނަ ގަރުނާއި ހަމައަށް އައި އިރު މިކަމުގައި އެންމެ އިސް ބަޔަކީ އަރިއަތޮޅު ތޮއްޑޫ ޒުވާން ފިރިހެނުން. ރާއްޖެ ތެރޭގެ އެންމެ އުތުރާއި އެންމެ ދެކުނަށް ވުރެން މެދު ރާއްޖެތެރޭގެ ގިނަ ރަށް ރަށުގައި މިކަން ކުރިއަރާފައިވޭ.
މި ކުޅިވަރުގައި މަދު ޢަދަދަކަސް ބެލެވެނި ތިރީސް ފަސް މީހުން. ގިނަ ޢަދަދަކަށް ބެލެވެނީ ސާޅީސް މީހުން. މުރީދުން ނުވަތަ މުއްޕަނުން މި ކުޅިވަރުގައި ތިބޭނެ. އެއީ މުޅި ކުޅިވަރުގެ އިސްވެރިޔާ ނުވަތަ މުރީދާއި ލަވައިގެ އިސްވެރިޔަކާއި ތާރަޖެހުމުގެ އިސްވެރިޔަކާއި އަދި އެންމެ ކުރިޔަށް ތާރައިގެ ދިދައިގެ ވެރިއެއް. ތާރަޖެހުމުގެ ފެށުން ރައްދު ކުރަނީ އަބްދުލް ގާދިރުގެފާނާއި. އެހެންކަމުން އެކަލޭގެފާނަށް ފާތިޙާ ކިޔަވާފައި ނޫނީ މިކަން ނުފަށަ. މިކަމަކީ ރޭގަނޑުގެ ސްޓޭޖް ޝޯއެއް. މަޝްރަޙީ ދެއްކުމެއް. މިކަމުގެ މެދުމިނުގެ ވަގުތަކީ ގަޑިއެއްހާ އިރުގެ ކަމަށް ބެލެވޭ.
އެންމެ އިހުގައި މި ކުޅިވަރުގެ މީހުންގެ ހެދުމަކީ އުނުގައި ދިގު ހުދު ހަރުވާޅު އޮވެފައި، އޭގެ ބޭރުން ދެކޮޅު ނުތޯޑުވައި ރަތް މުންޑެއް. ދެން ބޮލުގައި އާބުރު ރުމާ ނުވަތަ ފަސްރޮނގު ރުމާ. އެ ރުމާ ނުވެއްޓޭނޭހެން ފުރަގަހަށް ރޮދިބައިން ޖަހާފައި ތިބޭނި ހުސްގަޔާ.
ތާރަޖަހާ ތާކަށް ވަދެގެން އަންނާނީ ކުރީގައި ޢަބްދުލް ގާދިރުގެފާނުގެ ރަތް ދިދަ. އޭގެ ފަހަތަށް އެއިރެއްގެ ރަސްކަލަކު އެބަޔަކަށް ދެއްވި ދިދަ. ރަތް ދިދައިގެ ހަތަރު ކަނުގައި ހުދު ފޮތިން ހަތަރު މަލާއިކަތުންގެ ނަންލިޔެ، ހަރުކޮށްފައި ހުންނާނެ. މެދުގައި ޝަހާދަތުގެ ދެކަލިމަ ލިޔެފައި ހުރޭ. ދިދަޔަކީ ތިންކަފި ދިދަޔެއް. ދިދަ ތަކުގައި އަމަރާލި ބަނދެފައިވެސް ހުރެދާނެ. ތާރަޖަހާ ތާކަށް ވަދެގެން އަންނާނީ ދެބަރިޔަށް ތިބެގެން. އެންމެ ކުރީގައި ދިދަ. ދެން ޖަހާ ތާރައިގެ ފަސް މީހުން ނުވަތަ މުރީދުން. ދެން އޭގެ ފަހަތަށް ލެނގޭ ތަރައިގެ މީހުން. ފައްޗެއްގައި ސާދަ މީހުން ތިބޭނެ.
No comments:
Post a Comment