ދުނިޔޭގައި އުޅެނީ ދެ ބާވަތެއްގެ މީހުން. އެއްބާވަތަކީ އަމިއްލަ ނަފްސު ބިނާކުރާ މީހުން. ދެވަނަ ބާވަތުގެ މީހުންނަކީ ތާރީޚު ބިނާކުރާ މީހުން ނުވަތަ ތާރީޚުގައި ފާހަގަ ކޮށްލެވޭފަދަ ކަންތައްތައް ކުރާ މީހުން.
އަމިއްލަ ނަފްސު ބިނަކުރާ މީހުން މަސައްކަތް ކުރާނީ ތިމާގެ އަމިއްލަ ނަފްސު މަތިވެރި ކުރެވޭތޯ. ތާރީޚު ބިނާ ކުރަ މީހުން މަސައްކަތް ކުރާނީ މުޅި އިންސާނިއްޔަތަށް ޚިދުމަތް ކުރެވޭތޯ. އަމިއްލަ ނަފްސު ބިނާ ކުރާ މީހާގެ ހުރިހައި ޚިޔަލެއް އެނބުރޭނީ އޭނާގެ އަމިއްލަ ނަފްސުގެ ވަށައިގެން. އޭނާ އުޅޭނީ އަމިއްލަ އެދުމެއް ފުރިހަމަ ނުކުރެވިގެން. އަމިއްލަ ފައިދާ ނުލިބޭ ތަނަކަށް ނުދާނެ. ފައިދާއެއް ލިބޭފަދަ ތަނެއް ވެއްޖިއްޔަ އެތަނަކަސް ދުވެފައި ދާނެ. އަމިއްލަ އެދުމެއް ފުރިހަމަ ކުރެވުނީމަ އުފަލުން ފޮޅޭނެ. އެދުމެއް ފުރިހަމަ ނުކުރެވިއްޖެނަމަ، އުފަލެއް ނުވާނެ. އޭނަގެ ސިކުނޑީގައި އެންމެ އިސް މަގާމެއް ދެވިފައި އޮންނާނީ އަމިއްލަ އެދުމަށް. އަމިއްލަ އެދުމެއް ފުރިހަމަ ކުރުމަށް ޓަކައި އޭނާ ކިތަންމެ ބޮޑު ގުރުބާނީއެއްވެސް ވެދާނެ. އޭނާ އަކީ އެއްވެސް ކަހަލަ އުސޫލެއް ގަބޫލުކުރާ މީހަކަށް ނުވާނެ. ވަޢުދެއް ފުއްދުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލެއް ނުކުރާނެ. ރީތި އުސޫލު ތަކާއި ހިފަހައްޓަންޖެހޭ ހަމަތައް މުގުރަލާފައި އޭނާ ކުރިއަށް ދާނީ އަމިއްލަ އެދުމުގެ ފަހަތުން. އެ ދެދުމެއް ފުރިހަމަ ކުރަން އަޅަ ފިޔަވަޅުގައި އެހެން އެއްވެސް ކަމެއްގެ މަތީން ހަނދާނެއް ނުކުރާނެ.
ތާރީޚު ބިނާ ކުރާ މީހުންނަކީ މިދެންނެވި ފަދަ މީސްތަކުންނާއި ތަފާތު ބައެއް އޭނާ ދިރިއުޅޭނީ އަމިއްލަ ނަފްސަށް ޓަކައެއް ނޫން. އޭނާގެ މަގްސަދު އޮންނާނީ އެއްވުރެން މާ މަތިވެރި ދަރަޖައެއްގައެވެ. އޭނާ ހުންނާނީ ވަކި ހަމަތަކެއްގެ މަތީގައި. ތިމާއަށް ލިބިދާނޭ ފައިދާއަކަށް އޭނާއެއް ނުވިސްނާނެ. އޭނާއަށް ޒާތީ ކަމިޔާބެއް ނުވަތަ ނާކާމިޔާބެއް ލިބިދާނޭތީ ފަހަރެއްގައިވެސް ފިކުރެއް ނުކުރާނެ. އޭނައަށް އެންމެ މުހިންމު ކަމެއް ކަމުގައި އޮންނާނީ އޭނާގެ ޢަގީދާ ތަންފީޒު ކުރުން. އޭނާ ހުންނާނީ އެންމެހާ އަމިއްލަ އެދުންތަކުން ސަލާމަތް ވެގެން. މުޅި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި އަތުކުރި އޮޅާލައިގެން. ތާރީޚުގައި ރަން އަކުރަކުން ނަން ލިޔެވޭ މީހަކަށް ވުމަށް ޓަކައި ކޮންމެ މީހަކަށްމެ ޖެހޭނީ އަމިއްލަ އެދުންތައް ގުރުބާން ކޮށްލަން. އަމިއްލަ އެދުންތައް އިސްކުރުމުން ދުރުހެލިވުމާއެކު އެމީހަކަށް ހުރެވޭނީ އިންސާނިއްޔަތަށް ފައިދާ ކުރަނިވި މަގަކަށް ނުކުމެވިފަ. އެފަދަ މީހަކީ ޒާތީ ހިތާމަތައް އެއްފަރާތް ކުރަމުން ގެންދާ މީހަކަށް ވާނެ. އަމިއްލަ އެދުން ތަކަކީ އޭނާގެ ކުރިމައްޗަށް އަންނަ މުހިންމު ކަންތައްތަކެއް ކަމުގައެއް ނުވާނެ. އަމިއްލަ ކަމެއް ނުފުދުމަކީ އޭނާ ހިތާމަކުރާ ކަމެއް ކަމުގައި ނުވާނެ.
ތާރީޚުގައި ރަން އަކުރަކުން ލިޔެވޭނީ މިދެންނެވިފަދަ މީސްމީހުންގެ ނަން. އެ މީސްމީހުންނަކީ އަމިއްލަ އިޚުތިޔާރުގައި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ މަގު ޚިޔާރު ކުރާ މީހުން. އެފަދަ މީހުންނަކީ އަމިއްލަ ޙައްގުތަކެއް ނުލިބިގެން ޝަކުވާކުރާ ބައެއް ނޫން. އަމިއްލަ އެއްޗެއް ސަލާމތް ނުވެގެން ކޮޅުކޮޅުމައްޗަށް ދުވާ ބައެއްނޫން. އެފަދަ މީހުންގެ ކުރިމަތީގައި އޮންނާނީ މަސްއޫލިއްޔަތެއް އެކަނި. ކިތަންމެ ބޮޑު އުނދަކަލަކާއި ކުރިމަތިލާން ޖެހުނަސް އޮތް މަސްއޫލިއްޔަތު އުފުލައިގެން ކުރިއަށް ދިއުމަކީ އެފަދަ މީހުން އާދައަކަށް އޮންނަނީ ވެފަ.
އެއްކަޅިން ތާރީޚު
މިބައިގައި އަޅުގަނޑުމެން ޚާއްސަ މިކޮށްލަނީ ދިވެހި ސަގާފީ ކުޅިވަރުތަކާއި ބެހޭ ގޮތުން. އެގޮތުން މިރޭ އަޅުގަނޑުމެން ބަލައިލަނީ ބަށި ކުޅުމާއި ބެހޭ ގޮތުން.
ބަށި ކުޅުމަކީ މާލެއާއި ރައްޖެތެރޭގެ ހުރިހާ ފެންވަރެއްގެ ޒުވާން އަންހެނުންގެ ފަންތި ކުޅިވަރު ތަކުގެ ތެރެއިން ގިނައިން ބޭނުންކުރާ ހަވީރީ ކުޅިވަރެއް. މި ކުޅިވަރުގައި ބޭނުންކުރާ އާލާތް ކަމުގައިވާ ބައްޓަކީ އެވޭލާގައި ދިވެހި ރުކުގެ ފަނުން އިލޮށި ދަމައިގެން އޭގެ ވަތުން ހަތަރު އަރިއަށް ވާގޮތަކަށް ގާތްގަނޑަކަށް އަރިއެއްގައި ދެ އިންޗީގެ ބޮޑު މިނުގައި އަންހެނުން ވިޔާ ބޯޅައެއް. މެދު ޒަމާނުގައި ފޮތިން ބޮޑުމިނުގައި ބޯޅައެއްގެ ސިފައިގައި ބޮނޑި ބަނދެގެން ބަށީގެ ގޮތުގައި ބޭނުން ކުރި. އޭގެ ފަހުން މިހާރު މީލާދީން ނަވާރަ ސަތޭކަ ފަންސާސް އެއްވަނަ އަހަރުން ފެށިގެން ޓެނިސް ބޯޅަޔާއި އޭގެ ރެކެޓް ބޭނުން ކޮށްގެން ކުޅެމުން ގެންދޭ. މިގޮތަށް ކުޅެން ފެށުމުން ކުޅޭ ގަވާޢިދެއް ލިޔެ އެކަށައެޅިގެން މަދަރުސާ ބަށި މި ނަމުގައި ކުޅެވޭ.
ކުޅޭ މީހުންނަށް ބަލާލާއިރު ބަށި ކުޅެނީ ދެ ބަޔަކަށް ނުވަތަ ދެ ޓީމަކަށް ބެހިގެން ކޮންމެ ބަޔަކަށް ވެރިޔަކު އިސްކޮށްގެން. އެވޭލާގައި ކުޅެނީ ދިވެހި އަންހެން ހެދުމެއްގަ. އަދި ހުސްއަތާ ހުސްފަޔާ ތިބެގެން.
ކުޅޭ ބިމަށް ބަލާލާއިރު ބަށި ކުޅެނީ ތަނަވަސް ހުސް ބިމެއްގަ. ގާތްގަނޑަކަށް މި ޒަމާނުގެ ޓެނިސް ކޯޓެއްގެ ބޮޑު ސަރަޙައްދެއްގައި ދޮންވެލިން ރޮނގުއަޅައި އޭރިޔާ ވަކި ކޮށްގެން އަދި ބިމުގެ، ބަށިކޯޓުގެ ގާތްގަނޑަކަށް މެދެއްހާ ތާނގައި، ހުރަހަށް ރޮނގެއް ނުވަތަ ކަނޑު އޮވޭ. އެ ރޮނގުގެ މެދަކާއި ހަމައިން ސިދާވާ ގޮތަށް ކޯޓުގެ ކޮޅުން، ބޭރު ރޮގުގައި ހައެއްކަ ފޫޓު ހަމަވާ ހިސާބުގައި ކުޅޭ މީހުންނަށްވީ މުގޯލި ފާހަގަ ކޮށްފައި ހުންނާނެ.
މި ކުޅިވަރު ކުޅޭ ގޮތަށް ބަލާލާއިރު، ދެބައިގެ މެދުގައި ގުރުއަތުލައިގެން ކުޅޭ ބަޔާއި ހޮވާ ބައި ހަމަޖައްސާނީ. ދެން ކެޕްޓަންގެ ރޭވުމުގެ މަތީން ކުޅޭ ބައިން ފަހަރަކު މީހަކު ކުޅޭ މީހާގެ މުގޯއްޔަށް އަރައި ހޮވަމީހުންނަށް ފުރަގަސްދީގެން ހުރެ ބަށި ބޯމަތިން ދާ ގޮތަށް ކަނާއަތުން އެއްލައި ޖަހަމުން ގެންދަނީ. ކަނޑު ހުރަސްކޮށް ދާ ބޯޅަ ނުވަތަ ބަށި ހޮވާ މީހުން ހިފައިފިނަމަ، ނުވަތަ ކަނޑުން ބޭރު ނުވިނަމަ ކުޅޭ މީހާ ނުބައިވީ. ނުބައި ނުބައި ނުވެ ބާރަ ފޯލި ނުވަތަ ބާރަ ބޯޅަ ހުރަސް ވެއްޖެނަމަ، ސައްޕު ވައަތްމަތިން ހުރަސް ރޮނގަށްވީ ފަރާތަށްވާ ގޮތަށް ހުރެގެން ބޯޅަ އަތްމަތީން އެއްލައި ކަނާއަތުން ޖެހުން ޖަހަންވީ. އެ ފޯލި ކަނޑުން ބޭރުވެގެން ގޮސް ހޮވާ މީހުންނަށް ނުހިފިއްޖެނަމަ، ލަނޑެއް ދެވުނީ. މި ދެންނެވި ގޮތަށް އެއްބަޔަކު ކުޅެ ނިމިގެން އަނެއްބަޔަކު ކުޅެ ނިންމައި ހިސާބުކޮށް ހަދާއިރު ގިނަ ލަނޑު ދެވުނު ބަޔަކު އެ ކުޅުމުން ނުވަތަ އެ މެޗުން މޮޅުވީ.
No comments:
Post a Comment