ނަވާރަ ސަތޭކަ އަސްޑިހަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ކޮރެއާ އެއަރލައިންސްގެ ފަސިންޖަރުން އުފުލަ މަތިންދާ ބޯޓެއް ނިއު ޔޯކުން ސޯލްއަށް ދާން ފުރި. އެ ބޯޓް ކަމްޗަޓްކާގެ މަތިން އުދުހިފައި ދަނިކޮށް ރޫސީ ސިފައިން ޙަމަލާދީ އެ ބޯޓު ވައްޓާލި. އެ ބޯޓުގައި ފަޅުވެރީންނާއި އެކުގައި ތިބީ މުޅި ޖުމުލަ ދުއިސައްތަ ފަސްދޮޅަސް ނުވަ މިހުން. މި ޙާދިސާގައި އެ އެންމެން މަރުވި. މި ޙާދިސާގެ ފަހުން ރޫސީ ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ އެ ބޯޓަށް ޙަމަލާ ދިނީ ފަސިންޖަރުން އުފުލާ ބޯޓެއްކަން އެނގިގެން ނޫންކަމަށް. ރޫސީން ހީކުރީ އެއީ އެމެރިކާގެ ޖާސޫސީ ބޯޓެއް ކަމަށް. ވުމާއެކު ދިފާޢީ ފިޔަވަޅެއްގެ ގޮތުން ހަމަލާ ދިނީ. އެހެންނަމަވެސް އެމެރިކާއިން މި ޢުޒުރެއް ގަބޫލެއް ނުކުރި. އެމެރިކާއިން ގަބޫލުކުރަ ގޮތުގައި ވައްޓައިލި ފަސިންޖަރުން އުފުލާ ބޯޓާއި ޖާސޫސީ ބޯޓު ފަހަރުގެ ތަފާތު ރާދާރ ސްކްރީނުން ވަރަށް ރަނގަޅަށް ފާހަގަ ކުރަން އެނގޭނެ. އެހެންވީމާ ދެ ބޯޓު އެއްގޮތަކަށް ވެސް އޮޅިގެން ނުވަނެ.
ނަވާރަ ސަތޭކަ އަސްޑިހަ އަށްވަނަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހު ހަމަ މިކަހަލަ ޙާދިސާއެއް ތަފާތު ގޮތަކަށް ހިނގާފައިވޭ. އިރާނުގެ ފަސިންޖަރުން އުފުލަ ބޯޓެއް ތެހެރާނުން ދުބާއިއަސް ދާން ފުރައިފި. ބޯޓު އުދުހިފައި ދަނިކޮށް އެމެރިކާގެ މަނަވަރެއް ކަމުގައިވާ ވިން ސޭނީސްއިން ޙަމަލާދީ އެ ބޯޓު ވައްޓާލައިފި. ފަޅުވެރީންނާއި އެކު އެ ބޯޓުން ދަތުރު ކުރި ދުއިސައްތަ ނުވަދިހަ މީހުން މަރުވި. އެމެރިކާއިން ބުނި ގޮތުގައި އެ ބޯޓަށް ޙަމަލާ ދެވުނީ އޮޅުމަކުން. މަނަވަރުގެ ފަޅުވެރީންނަކަސް އެ ބޯޓަކީ ފަޅުވެރީން އުފުލާ ބޯޓެއް ކަމެއް ނޭނގެ. އެމީހުން ހީކުރީ އެއި ހަނގުރާމަ މަތީ ބޯޓެއް ކަމަށް. މިސައިލެއް ފޮނުވައިގެން ބޯޓު ވައްޓައިލީ އެހެން ވެގެން. އެމެރިކާ އާއި ދެކޮޅު ގައުމުތަކުން މިވަހަކައެއް ގަބޫލެއް ނުކުރި. އެ ގައުމުތަކުން ބުނާ ގޮތުގައި އެއަރަ ބަސް މަތީންދާ ބޯޓަކަށް ވުރެން އެ ބުނަ ޖެޓް ފައިޓަރ މާ ކުޑަވާނެ. އަދި އެއަރބަސް ބޯޓުތަކާ އަޅަބަލާއިރު ޖެޓް ފައިޓަރގެ ދުވެލި ދުއިސައްތަ ފަންސާސް ކިލޯ މީޓަރަ ބާރުވާނެ. އެމެރިކާގެ މަނަވަރުގެ ރާޑަރ ސްކްރީނުން މި ތަފާތު ވަރަށް ރަނގަޅަށް ފެންނާނެ. އެހެންވީމާ، ދެ ބޯޓުގެ ތަފާތު ނޭނގިގެން އޮޅުން އަރާކަށް ނުޖެހޭނެ.
ކޮންމެ މީހަކީވެސް އެހެން މީހުންގެ ކުށް ހޯދައި ފަހަގަ ކުރުމުގައި ވަރަށް ހުޝިޔާރު މީހަކަށް އޮންނަނީ ވެފައި. އެކަމަކު އަމިއްލަ ކުށް ފާހަގަ ކުރާންޖެހޭ ދަނޑިވަޅުގައި އޮންނަނީ މޮޔަ އަކަށް ވެފައި. މިއީ ހުރިހާ ނުބައި ކަމެއްގެ އަސްލު. މި އާދަ ރަނގަޅުކޮށް ހެޔޮމަގަށް އެޅުވުމާއެކު ހުރިހަ ނުބައި ކަމެއް އަމިއްލައަށް ރަނގަޅުވެގެން ހިނގައިދާނެ.
އެއްކަޅިން ތާރީޚު
މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު. ނަވާރަ ސަތޭކަ ހަތްދިހަ އަށްވަނަ އަހަރަކީ ޅަވިޔަނި އަތޮޅު ފެލިވަރުގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާއެއް ހުޅުވުނު އަހަރު. މި ކާރުޚާނާގެ ސަބަބުން ދިވެހި ކަނޑުތަކުގެ ސަފު ތާހިރު މީރު މަސް މުޅި ދުނިޔެއަށް ތަޢާރަފް ވެގެން ދިޔަ.
ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބަލާލާއިރު ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގެ ރަން ޒަމާނަކީ ނަވާރަ ސަތޭކަ ހަތްދިހައިގެ އަހަރުތަކުން ފެށިގެން މިހިނގާ ދުވަސްވަރު. މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ބޯޓު ފަހަރު ދުއްވުމާއި ވިޔަފާރިއަށް އައި ފަހި ކަމުގެ ނަތީޖާ.
ދެކުނު އޭޝިޔާގެ އެއްބައިވަންތަ ކަމުގެ ސަރަޙައްދީ ޖަމްޢިއްޔާގެ އެންމެ މަތީ ވެރިންގެ ޖަލްސާ ރާއްޖޭގައި ދެފަހަރަކަސް ބޭއްވިފައިވޭ. އެއީ ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ނަވާރަ ސަތޭކަ ނުވަދިހަ ހަތްވަނަ އަހަރުގެ މޭ މަހު. މި ދެ ޖަލްސާ ވެސް އަމާން އޮމާން ކަމާއެކު، ކާމިޔާބު ކަމާއެކު ނިމިގެން ދިޔަ.
No comments:
Post a Comment