Sunday, December 4, 2011

Programme 07

އެއްދުވަހަކު މީހަކަށް އެމީހާގެ ހުރިހާ ގުނަވަންތައް އޭނަގެ ބަނޑާއި މުޒާހަރާ ކުރަނިކޮށް ހުވަފެނުން ފެނުނު. މަސައްކަތެއް ނުކޮށް މިހުންނަ ކަންނެތް ކަލޭގެޔާއޭ، ބަނޑާއި މުޚާތަބުކޮށް ދެއަތް ބުނެލި. އަހަރެމެން މިދަނީ ދުވާލުދާ ހަތަރުދަމު ހުއްޓާނުލައި މަސައްކަތް ކުރަމުންނޭ. އަހަރެމެންނަށް އޮތީ ބުރަ މަސައްކަތޭ. ތަކެތި ހިއްލުމާއި އުފުލުމޭ. އަހަރެމެންގެ ދެއަތް ތިލައިގައިމިވަނީ ފޮޅުލާފައޭ. ހުރިހަ ހުޅުހުޅެއްގައި މިވަނީ ރިހުމޭ. އަހަރެމެން މިވަނީ މީހަކަށް ބަލާލަންވެސް ނުކެރޭ ވަރަށް ހަޑިވެފައޭ. އެކަމަކު މިޙާލުގައި އުޅެމުން ދާއިރުވެސް ކަލޭ ތިޔަ އިންނަނި އަހަރެން ހޯދާ އެތިކޮޅުން ބަނޑަށް ޖަމާކޮށްގެން ހެވިލާފައޭ. އަހަރެމެންވެސް އެއްބަހެވެ. ދެފައި ގިސްލަ ގިސްލާފައި ބުނެލިއެވެ. ދުވާލުދާ ހަތަރުދަމު ހުއްޓާނުލާ އެތަން މިތަނުގައި ހިނގަން ޖެހުމުން އަހަރެމެން މިވަނީ ވަރުބަލިވެ، ލޮޑުވެފައޭ. އެކި ހުޅުހުޅުގައިވަނީ ރިހުމޭ. އެކަމަކު ކަލޭ ކަލޭގެ ހަށިގަނޑުގެ ތެރޭގައި ކާނާ ރައްކާކޮށް އެތަކެތި އުފުލުމުގެ ބުރަ އަހަރެމެންނަށް އެބަ ޖައްސަމުއޭ. ތިޔަބުނީ ތެދެކެވެ. އަނގަ ބުނެލިއެވެ. ބަލަ މިހަރަ ބަނޑާއެވެ! އަހަރެން އެތައް ވަރަކުން ހަފައިކާލާ އެތިކޮޅު، ކަލޭގެ ތިޔަ ބަނޑުގެ ތެރޭގައި ރައްކާކުރާ ރައްކާކުރުން އިންސާފަކަށް ވަނޭހެއްޔެވެ؟ ބަލަ މިހަރަ ބަނޑާއެވެ! އަހަރެންވެސް އެބަ ހުރިމޭ. ސިކުނޑި ގޮވައިގަތެވެ. ކަލޭ ހީކުރަނީ މާދަމާގެ ކާނާއާއިމެދު ފިކުރުކޮށް އެ ހޯދަނޭ ގޮތްތައް ކަނދައެޅުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަސްހެއްޔޭ. އަހަންނާއިމެދު ކުޑަކޮށްވެސް ބަލައިލުމެއްނެތި، ކަލޭ އުޅޭނެ ގޮތަކަށް އުޅެމުން ގެންދާ އިރުވެސް، އެކަށްޗެއްވެސް ނުބުނެ ހުންނާނެކަމަސް ކަލޭ ހީކުރަނީ ހެއްޔެވެ؟ މިގޮތަށް ހަށިގަނޑުގެ ގުނަވަންތައް ވަކިވަކިން ބަނޑާ ދިމާލަށް އެއްޗެތި ގޮވަމުން ގެންދޭ. އަހަރެންނަށް ގޮތެއް ވިސްނިއްޖެއެވެ. އެންމެންވެސް އަހަރެން ބުނާގޮތެއް ހަދާށެވެ. ސިކުނޑި އަމުރުކޮށްލިއެވެ. އަހަރެމެން އެންމެން މިހަރަ ކަންނެތް ބަނޑާއި މުޒާހަރާ ކުރާންވީއެވެ. ހަމަވަގުތުން މަސައްކަތް ކުރުން ހުއްޓާލަންވީއެވެ. ރަނގަޅު ޚިޔާލެކެވެ. ބަނޑާ އިދިކޮޅު ހުރިހާ މެމްބަރުން ބުނެލިއެވެ. އަހަރެމެންގެ މަސައްކަތަކީ ކިހަ މުހިންމު މަސައްކަތެއްކަން ކަލެއަށް އަންގައި ދޭނަމެވެ. ދެން ކަލޭ ޖެހޭނީ ކަލޭ އަމިއްލަޔަށް މަސައްކަތް ކޮސްގެން ތިޔަ ބަނޑުގެ ތެރެއަށް ލާނޭ ކާއެއްޗެތި ހޯދާށެވެ. މިހެން ބުނެ އެންމެން މަސައްކަތް ހުއްޓާލައިފިއެވެ. ދެއަތް ވެސް އެއްވެސް އެއްޗެއް އުފުލުމަށް ދެކޮޅު ހަދައިފިއެވެ. ދެފައިވެސް އެއްވެސް ފިޔަވަޅެއްވެސް ނޭޅުމަށް ނިންމައިފިއެވެ. އަނގަވެސް އެއްވެސް އެއްޗެއް ހަފައި ދިރުވައި ނުލުމަށް ކަނޑައަޅައިފިއެވެ. ސިކުނޑިވެސް އެއްވެސް ޚިޔާލެއް ފިކުރެއް ނުކުރުމަށް ހުވައިކޮށްފިއެވެ. ފުރަތަމަ ކޮޅު ބަނޑު ފުފިލާފައި އުޅުނެވެ. އެކަމަކު އިރުކޮޅެއް ފަހުން މައިތިރިވާން ފަށައިފިއެވެ. ފަހަރަކަށް ވުރެން ފަހަރެއް ތިރިވަމުން ދާން ފަށައިފިއެވެ. އެންމެފަހުން މުޅީން ހިނދިއްޖެއެވެ. މި ހުވަފެން ފެންނަމުން ދިޔަ މީހާ ޙައިރަން ވެއްޖެއެވެ. ކުއްލިއަކަށް ވަރުބަލިވާން ފަށައިފިއެވެ. އޭނާއަށް ދެން ފެނުނީ އޭނާއަށް ނުހިނގިގެން އުޅުނު ތަނެވެ. އަތުންވެސް އެއްވެސް އެއްޗެއްގައި ހިފައި ނުލެވުނެވެ. ޢަމްދުން އަނގަވެސް ހުލުވައި ނުލެވުނެވެ. ދުވަހަކަށް ވުރެން ދުވަހެއް ވަރުބަލިވަމުން ދެއެވެ. މިޙާލުގައި އެތައް ދުވަހަކު އޮންނާން ޖެހިއްޖެއެވެ. އެންމެ ފަހުން މުޅި ހަށިގަނދުން އެކީގައި ހަކަތަ ދާން ފަށައިފިއެވެ. މިހިސަބަށް ދިޔައިރުވެސް ދެއަތާއި ދެފައިވެސް އަނގަޔާއި ސިކުނޑިވެސް ކަހާތަން ހިރުވައިވެސް ނުލާ ގޮތްދޫނުކޮށް އެބަތިއްބެވެ. އެންމެފަހުން އެމީހުންގެ ޙާލުވެސް އަމިއްލަޔަށް ކިޔައިނުދެވޭހާ ބޮދަށް ދަށަށް ހިނގައްޖެއެވެ. އެންމެފަހުން ހަށިގަނޑުގެ ފުރާނަ ހިނގައްޖެނަމަ  ތިމަންމެންގެ ދިރުންވެސް ނެތިވެ ހިނގައިދާނެ ކަމަށް ހުރިހާ ގުނަވަންތަކަށް ގަބޫލު ކުރެވިއްޖެއެވެ. އެހެންކަމުން ހުރިހާ ގުނަވަންތައް އެއްފަހަރާ ބުނެލިއެވެ. ކުށްވެރީންނަކީ އަހަރެމެންނެވެ. ބަނޑުގެ ކުސެއް ނެތެވެ. އޭނާ އެ ގެންދަނީ އޭނާ އެތެރެކުރަ ކާނާގެ ހަކަތަ އަހަރެމެން ހުރިހަ ގުނަވަންތަކަށް ފުރިހަމައަށް ފޯރުކޮށްދެމުންނެވެ. ހުރިހަވެސް ނުބަޔަކީ އަހަރެމެން އެކަން ނުދަތުމެވެ. އަހަރެމެން އަހަރެމެންގެ ކުށަށް މަޢާފަށް އެދެމެވެ. އަނގަ ބުނެލިއެވެ. އެނަމެން އަވަހާ މަސައްކަތަސް ނުކުންނަމާ ހިނގާށެވެ. ހުރިހާ ގުނަވަންތައް ވަރަށް އެކުވެރިކަމާއެކު ބުނެލިއެވެ. އަދި ކުރިއެކެވެސް އެއް ގޮތަށް އެމީހަކު އެމިހެއްގެ މަސައްކަތް ފަށައިގަތެވެ.
މިހާ ހިސަބުން ހުވަފެން ފެނުނު މީހައަށް ހޭލެވިއްޖެއެވެ. އަދި ބުންޏެވެ. ހުވަފެނެއްގެ ގޮތުގައި މި ދެއްކެވީ ގައުމެއްގެ ނުވަތަ ޖަމާއަތެއްގެ މެމްބަރުންގެ ޒިންމާ އާއި މަސްޢޫލިއްޔަތު އަންގައިދޭ ފިލާވަޅެކެވެ. އެމީހަކާއި ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާނުކޮށް މުޒަހަރާ ކުރާން ނުޖެހޭކަން ސާބިތުކޮށްދޭ ހެއްކެކެވެ.
 
އެއްކަޅިން ތާރީޚު
މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު. މީލާދީން އެގާރަ ސަތޭކަ ފަސްދޮޅަސް ހަވަނަ އަހަރު ހޮޅީން ނުވަތަ މަލާބާރީން ރާއްޖެ ހިފުމަށްފަހު ތިންމަހާއި ވިހި ދުވަސް ވާންދެން ރާއްޖޭގައި ވެރިކަން ކުރި. މަލާބާރީންނާއި ހަނގުރަމަ ކުރައްވައި އެމީހުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރައްވައި މިނިވަން ކުރެއްވީ އައްސުލްތަނުލް ޣާޒީ ހަސަން ޢިއްޒަތްދީން ސިރި ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުން، އާދެ، ދޮންބަންޑަރައިން.
އައްސުލްތާން އިބްރާހީމް ތިންވަނަ ސިރީ ސުންދަރަ ސުވަރުދަ ލޯކަ މަހާރަދުން ނުވަތަ ކަލާފާނު ޝަހީދުވެ ވަޑައިގަތީ މަލާބާރީންނާއި އެކު ކުރެވުނު ކަނޑުމަތީގެ ހަނގުރާމައެއްގައި މީލާދީން ސަތާރަވަނަ ގަރުނުގެ ކުރީކޮޅުގައި ކަމަށް ލިޔެފައިވޭ. މަލާބާރީން ރަދުން ޝަހީދުކޮށް ރަދުންގެ ކޮއްކޯފުޅު ކަޅުތުއްކަލާ، ފަހުން ބޮޑު ރަސްގެފާނު ކަންނަންނޫރަށް ގެންދެވި.

No comments:

Post a Comment