Monday, December 5, 2011

Programme 27

އާނއެކޭ ބުނެވުމަކީ އެއްބަސް ވެވުމެކެވެ. ވީމަ، މިބަސް ބުނަންވާނީ ވަރަށް ޒިންމާދާރު ގޮތަކަށް. ކަމަކަށް އެއްބަސް ނުވަހާ ހިނދަކު އާނއެކޭ ބުނާކަށް ހެޔޮނުވާނެ. ބައެއް މީހުން ވާހަކަ ދެއްކުމުގެ ތެރޭގައި އަނެކާ ދައްކާ ވާހަކަޔަށް މާބޮޑަކަށް ނުވަތަ ބައެއް ފަހަރަށް އެއްގޮތަކަށްވެސް އަޑު ނާހާ އާނއެކޭ ބުނޭ. މިއީ ވަރަށް ހިތާމަވެރި ގޮތެއް. މިއީ އަނެއްކޮޅުން ވަރަށް ބޮޑު އޮޅުމެއްމެ. ބުނާ އެއްޗަކަށް ފުރިހަމައަށް އެއްބަސް ނުވެ، އާނއެކޭ ބުނަނީ. މިއީ ޚިޔާނާތްތެރި ވުމެއް. މިގޮތުން ބުނާ އާއި ކަމަކު ނުދާނެ.
ބައެއް ފަހަރަށް ލޯބިވާ ދެމީހުން އެކަކު އަނެކަކަށް ބުނާ އެއްޗެއް ނާހައި އާނއެކޭ ބުނުމުން، އެ ދެމީހުންގެ މުޅި ޙަޔާތް ބަރުބާދު ވުމަކީވެސް ވެދާނޭ ކަމެއް. ބަސްއެހުމުގެ ގޮތުން އަޅުގަނޑުމެންގެ ތެރޭގައި ބުނާ އާނއެކޭވެސް، މަދެއްނޫން. ބައެއްފަހަރު އެއީ އެ ބުނާ އެއްޗެއް ރަނގަޅު ކަމުން ނުވަތަ ގަބޫލުކުރަތީ ބުނާ އާނއެކޭ ނޫން. ނަމަވެސް އެބަސް ބުނާ މީހެއް ނުވަތަ ތަނެއްގެ ގޮތުން އާނއެކޭ ބުނުމަށް ޓަކައި އާނއެކޭ ބުނެލަނީ. ހިތުގެ އަޑިން ބުނާ އާނއެކޭނޫން. ވައި އެޅުވުމުގެ ގޮތުން ނުވަތަ ކޮންމެވެސް މީހަކު ދެރަކޮށްލުމުގެ ގޮތުން ބުނެލާ އާނއެކޭގެ އެއްބަސްވުމެއް. ރަނގަޅު ހެޔޮލަފާ ކޮންމެ ކަމަކަށް އަޅުގަނޑުމެން އާނއެކޭ ބުނަންވާނެކަން އަޅުގަނޑު ދެކެން.
ރަނގަޅު ހެޔޮލަފާ ކަންތައްތަކަކީ ކޮބައިތޯ ސުވާލު ކުރެވިދާނެ. އެއީ ތިމާޔާއި ތިމާގެ އަޚުންނާއި އުޚުތުންނަށް ގެއްލުން ނުލިބޭނޭ ގޮތުން ހުއްދަ ކޮންމެ ކަމެއް. ޝަރީޢަތާއި ގާނޫނާއި ގަވާޢިދާއި ޚިލާފުނުވާ  ކޮންމެ ކަމެއް. ސަގާފަތާއި އާދަކާދައެއްނޫން އިނގޭތޯ. ސަގާފަތާ އާދަކާދަޔަކީ ޒަމާނާއެކު ބަދަލުވަމުން ދާން ޖެހޭ އެއްޗެއް. އަނެއްކާ އަޅުގަނޑުމެންގެ ޒުވާން ދަރީން އެކި ސަގާފަތާއި އާދަކާދަތައް ގެންގުޅޭ މާޙައުލުގައި ބޮޑުވެ ރާއްޖެއަށް އަންނަ އިރު، މާ ރަގަނޅު ސަގަފަތާ އާދަކާދަ ދަތުންވެސް އެކަށީގެންވޭ. މިސާލަކަށް ޔޫރަޕް ޢަރަބި ދުނިޔެ ނުވަތަ އެމެރިކާ ނަގަމާ ހިންގަވާ. ވިއިރު، މި ކުދީން ނުވަތަ މީހުން ބުނާ އާނއެކޭ އަދި މާ ރަނގަޅުވުން އެކަށީގެންވޭ.
ކޮންމެއަކަސް އަޅުގަނޑުގެ ވާހަކައަކީ އާނއެކޭ ބުނަންވާނި ވަކި މީހަކު ބުނާ ކޮންމެ ވާހަކަޔަކަށް ނޫން. ކޮންމެ މީހަކު ބުނި ނަމަވެސް ހެޔޮލަފާ ނުވަތަ ރަނގަޅު ވާހަކަޔަކަށް އާނއެކޭ ބުނުމަކީ އެންމެ މޮޅު އެންމެ އަޚުލާގީ ގޮތުން ރަނގަޅު ގޮތް. ބައެއްފަހަރު ބައެއް މީހުން އަނެކާ ލައްވައި އާނއެކޭ ކޮންމެވެސް ގޮތަކުން ބުނުވާ ގޮތަށް މަސައްކަތް ކުރޭ. އެއީ އަނެކާ އަށާއި ތިމާގެ އަމިއްލަ ނަފްސަށް ކުރެވޭ ކިހާ ބޮޑު ޚިޔާނާތެއްތޯ؟ ޝައްކެތްނެތް. އާނއެކޭ ބުނުމާއި ނުބުނުމުގެ ޙައްގަކީ އިންސާނާއަށް މިނިވަން ކޮންމެ މުޖްތަމަޢުއެއްގައި ލިބިފައިވާ ޙައްގެއް. މީހަކު ގަބޫލުކުރާ ގޮތަކާއި ޚިލާފަށް ނުވަތަ  ޙަގީގަތާއި ޚިލާފަށް އާނއެކޭ ބުނާކަށް ހެޔޮނުވާނެ. އަދި ބުނުވުމަކީ އެއަށްވުރެން ބޮޑު ފާފައެއް. އެފަދަ ފަރާތްތަކަށް އާޚިރުގައި ކާމިޔާބީއެއް ނެތް. އަދި އެ ފަރާތްތަކަށް މާތްރަސްކަލާނގެ ލަޢުނަތް ލައްވާށި!
އަޅުގަނޑު އެދެނި އަޅުގަނޑުމެން އެންމެންނަކީ އެކަކު އަނެކަކު ދައްކާ ވާހަކަ ރަނގަޅަށް އަޑު އެހުމަށްފަހު، ހެޔޮ ކަންތަކަށް އާނއެކޭ ބުނުމުގެ ހިތްވަރު ލިބޭ ބައެއް ކަމުގައި މާތްﷲ ލެއްވުން. އަދި ހެޔޮ ހުރިހާ ކަމަކަށް އާނއެކޭ ބުނުމުން ލިބޭ ނިޢުމަތް އިތުރު ކުރެއްވުން.
ކޮންމެ ހެޔޮ ކަމަކަށް ޖަވާބެއް ދެއްވާށޭ ހެޔޮ ހިތުން.
އާނއެކޭ ކިޔުމުން ފަޒާ ގުގުމާލުމަށް ހިނިތުންވަމުން.

އެއްކަޅިން ތާރީޚު               

މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު.  އެގޮތުން މިރޭ އަޅުގަނޑުމެން ބަލައިލާނީ ގާއޮޑި ނެށުމަށް.
ގާއޮޑި ނެށުމަކީ އެކިއެކި ޚާއްސަ މުނާސަބަތާއި  ގުޅޭ ގޮތުން ކުޅޭ ފިރިހެނުންގެ ގެއިން ބޭރު ކުޅިވަރެއް. ބެރުޖެހުމާއި މާބޮނޑިލީ ދަނޑިން ގޮތް ހަދަމުން ކޮޅަށް ތިބެގެން ނަށާ ނެށުމަކާއެކު ލަވަކިޔުން ހިމެނިގެންވާ ކުޅިވަރެއް. މި ކުޅިވަރުގައި ބޭނުންކުރާ ލަވަޔަށް އަންބާލަވަ މިހެން ކިޔަ. ކުރީ ޒަމާނުގައި ގެންގުޅުނީ ޢަރަބި ލަވަ. ގާއޮޑި ލަވަޔަށް ނެށުން ނުވަތަ ގާއޮޑި ނެށުން އުފެދުން މާލޭގައި އެތެރޭ ބަނދަރުގެ ފުރަތަމަ ތޮށި ލެވުނު ދުވަސްވަރާއި ހަމަޔަށް ގެންދެވޭ ކަމަށް ބުނެވޭ. އެއީ ގާތްގަނޑަކަށް ސޯޅަ ސަތޭކަ ތިރީސްވަނަ އަހަރު ހާ ތާނގައި. ބޮޑުރަސްގެފަނުގެ ރަސްކަމުގައި ކަމަށް ބުނެވޭ. އެ ބުރަ މަސައްކަތް ނިންމާފައި މާލޭގެ ރައްޔަތުންގެ ފަރާތުން ޒުވާނުންގެ ގްރޫޕެއް މަސައްކަތު ހެދުމުގައި ނަށާފައި ގަނޑުވަރު ދޮށަށް ގޮސް ކީރިތި މަހާރަދުންގެ ވެދުން ބަލައިގަތް ކަމަށް ބުނެވޭ. މި ކުޅިވަރުގެ ނެށުމެއްގެ ތެރޭ މި ވެދުން ބަލަގަތުމަށް ބިލަތްދަފި ނެގުން ކިޔާ. މިއީ ފަންސަވީސް މީހުންގެ މައްޗަށް ގްރޫޕް ހަމަޖެހިފައިވާ ސަގާފީ ކުޅިވަރެއް. މީގެ ތެރެއިން ސޯޅަ މީހުންނަކީ ނަށާ މީހުން. މިކަމުގެ އިހު ގޮތުގައި ލަވަ ހަމަކޮށް ލޯ ކަދާވާގައި އަޑު ނެރެގެން އެ ހަމަޔަށް ބޮޑު ފަސްބެރުގައި ދަނޑިވަޅު ފާހަގަ ކުރަމުން ތަފާތު ލަވަތައް ކުޅޭ. އިސް ބެރެއްވެސް މީގެ ތެރޭގައިވޭ. އެ ބެރު ޖަހާނީ މުއްޕަން.

މި ކުޅިވަރު، އެ މަސައްކަތެއްގައި ތިބި ގޮތަށް ނުކުމެވެސް ކުޅެފާނެ. ޢިއްޒަތުގައި މިކަން ކުރަނި އެންމެން އެއް ހެދުމެއްގައި ތިބެގެން. ރަތް ހަރުވާޅުގެ ބޭރުން ހުދު މުންޑަކުން އަރުވާ ޖަހައިގެން. ހުދު ގަންޖުފަރާހުގައި ބޮލުގައި ކަންގަނޑު ލައިގެން ގާންދީއަށް ހުދުފޮށާ އޮޅައިގެން ނަށަނީ. މިކަމުގައި ފުރަތަމަ ޒަމާނުގައި ކިޔައި އުޅުނީ ޢަރަބި އަންބާ ލަވަ. ނަވާރަ ސަތޭކަ އަށްޑިހައިން ފެށިގެން ދިވެހި ލަވަޔަށް ބަދަލުވި. މިއީ އެފްރިކާގެ ނެށުމެއް އަސްލަކަށް ބަލައިގެން ދިވެހިން އުފެއްދި ނެށުމެއްކަމަށް ބެލެވޭ. މި ނެށުމުގައި ކުރު ދަނޑިޔާއި ދިގު ދަނޑި ބޭނުން ކުރާނެ. ފުރަތަމަ ދިގު ދަނޑި ހިފައިގެން ދެ ބަރިޔަށް، އެއް ބަރިޔަށް، ތިން ބަރިޔަށް އަދި ވަށް ބުރަށް ލެނބި، ގުދުވެ ނަށާނެ. ނެށުން މިހިސަބަށް ދާއިރު ލަސް ލަވައިން މެދު ލަވަޔަށް ބަދަލުވެގެން ދާނެ. މެދު ލަވައިގައި ކުރު ދަނޑިޔަށް ބަދަލުވެގެންދާނެ. ދެން އިސް ބެރުން އަވަސް ލަވަޔަށް ބަދަލު ކުރަނީ. އެވަގުތު ދަނޑިބައި ދޫކޮށްލާފައި، އަތުން އަތްތިލަ ބަޑީގައި އެކި އަތަށް ލެނބި ގުދުވެ، ވަށްބުރަށް ނަށަމުން ދަނިކޮށް ވެދުން މަލާފަތް ހިފައިގެން މީހަކު އައިސް ސަފު ހުރަސްކޮށް ވަދެ، މެދުގައި ބެހެއްޓުމުން، އޭގެ ވަށައިގެން އަތްތިލަ ބަޑި ޖަހާ ނަށަމުން އޭގެތެރެއިން މީހަކު އެއްކަލަ މަލާފަތް  ބޯމައްޗަށް ލައިގެން ބުރުގެ މެދުގައި އެހެން މީހުންނާއި އެކުގައި ނަށަމުން ދަނިކޮށް އިސްބެރު ހުއްޓާލަފާނެ. އެއާއިއެކު ނެށުން ހުއްޓޭ. ދެން ވެދުން ހިފައިގެން ދެ ބަރިއަށް ތިބެގެން ހިނގާފައި ދެ ގްރޫޕްގެ މަރުކަޒަށް ދަނީ. ނަށާ ތަނަކަށް އަންނަނީވެސް މި ގޮތަށް ދެ ސަފަށް ތިބެން. 

No comments:

Post a Comment