Monday, December 5, 2011

Programme 31

ފްރެޑްރިކް ލޭންގްބްރިޖް އަކީ އިނގިރޭސި ޅެންވެރިއެއް. އޭނަ އުފަންވެ ވަޑައިގަތީ އަށާރަ ސަތޭކަ ސާޅީސް ނުވަވަނަ އަހަރު. ނިޔާވީ ނަވާރަ ސަތޭކަ ތޭވީސް ވަނަ އަހަރު. އޭނާ ހައްދަވާފައިވަ ޅެމެއްގެ ބައިތެއްގައިވޭ. މީހަކު ދަނގަޑު ތޭރި ތަކުގެ ތެރެއިން ބޭރު ބަލަނީ. އެކަކަށް ފެނުނީ ކިސަޑު. އަނެކަކަށް ފެނުނީ ތަރި.
ހަމަ މިވާހަކަ ފާރިސީ ޅެންވެރިޔަކު މާ ރީތިކޮށް ބަޔާން ކޮށްދެއްވާފައިވޭ. އޭނާ ވިދާޅުވެފައިވޭ. އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތީ ހަމައެކަނި އަޑު އިވޭ  ގޮތުގެ ތަފާތު. ކަލެއަށް ވިސްނޭ ގޮތުގައި އެ އިވޭ އަޑަކީ ދޮރު ލައްޕާ އަޑު. އަހަރެން ދެކެނި އެއީ ދޮރު ހުޅުވާ އަޑު ކަމުގަ.
ގަސްގަހުގައި މަލާއެކު ކަށިވެސް ހުރޭ. އިންސާނާ ދިރިއުޅޭ މުޖުތަމަޢުގައި ކަންތައް ހުންނަ ގޮތަކީ ވެސް މިއީ. މުޖުތަމަޢުގެ ޙާލަތަށް ބަލާއިރު ނެދެވޭ ކަންތައްތައް ކިތަންމެ ގިނައިން ފެނުނު ކަމުގައި ވިޔަސް ހަމަ މި މުޖުތަމަޢުގައި އެދެވޭ ކިތަންމެ ކަމެއް ހުންނާނެ. ކަންތައްތަކުގެ ބޭރުފުށް ބަލަން އާދަވެފައި ހުންނަ މީހަކު ކޮންމެ އެއްޗެއްވެސް ބަލާނި މަތިމަތިން. ފުންކޮށް ވިސްނައިގެން ފޮރުވިފައިވާ ކަންތައްތައް ދެނެގަތުމަކީ އެފަދަ މީސްމިހުންނަށް ކުރެވޭ ކަންކަމެއް ނޫން.  އެކަމަކު ފުން ވިސްނުމާއި ދުރަށް ނަޒަރު ހިންގަން އެނގޭ މީސްމިހުންނަކީ ނެދެވޭ ކަންތައްތަކާއެކު އެދެވޭ ކަންތައްތައްވެސް ދެނެގަނެ ކާމިޔާބި ލިބިގަންނަ މީހުން. 
މި ދުނިޔޭގައި ކިސަޑުވެސް އެބަ ހުރި. އަދި ތަރިވެސް އެބަ ހުރި. އެކި މީހުންނަށް ފެންނާނީ އެކި ތަކެތި. އެކަން ބިނާވެފައި އޮންނަނި އެމިހެއް ނަޒަރުގެ މައްޗަށް. އިވެނި އެއް އަޑެއް. ވިސްނުން ކޮށި މީހާ ބަލަނީ އެއީ ދޮރު ލެއްޕުނު އަޑު ކަމަށް. އެހެންނަމަވެސް އެއީ ދޮރު ހުޅުވުނު އަޑުކަމަށް ވިސްނުން ތޫނު މީހަ ދެނެގަނޭ.
މި ހުރިހައި މައްސަލައެއް އުފެދެނީ  ސިކުނޑީގަ. ސިކުނޑިގައި އެ މައްސަލަތއް ފަނާވެސް ކުރެވިދާނެ. އެހެންނަމަވެސް އެކަން ކުރެވޭނި ހެޔޮ ވިސްނުމުގެ ބޭނުން ކުރީމަ.
ޙަގީގަތުގައި މި ދުނިޔެއަކީ ބުއްދީގެ އިމްތިޙާނެއް. ހަމަ ބުއްދިއާއި ހެޔޮ ވިސްނުމުގެ ބޭނުން ކުރާ މިހާ އޭނާ ބޭނުންވާ މަންޒިލަށް ދާނޭ  ހެޔޮ މަގު ހޯދާނެ. ހެޔޮ ވިސްނުމުގެ ބެނުން ނުކުރާމީހަކާއި ކުރިމަތިވާނި ގެއްލުމާއި ބަރުބާދީ.
ކަނޑުގައި ރާޅު ހުރޭ. ކަނޑުގައި އުޅަނދު ދުއްވާ މީހަކަށް މަޖްބޫރު ވާނީ ރާޅުތަކާއި ތޫފަނުގެ ތެރޭގައި އޮޑި ދުއްވައިގެން އޭނަ ބޭނުންވާ މަންޒިލަށް ވާސިލްވުން. ޖަންގަލިގައި ބޮޑެތި ގަސްގަހާއި ނުލަފާ ޖަނަވާރު ހުރޭ. ޖަންގަލީގައި އުޅޭ ޖަނަވާރުތަކަށް ޖެހެނީ  ޖަންގަލިގެ ނުރައްކާތެރި ޙާލަތުން ނުރައްކާތެރި ޖަނަވާރު ތަކުން ސަލާމަތްވެގެން ދިރިއުޅުން ވޭތުކުރަނޭ ރަނގަޅު ގޮތެއް ހޯދަން.
އިންސާނާ ދިރިއުޅޭ މުޖުތަމަޢުގެ ކަންތައްތައް ހުރީ ވެސް މިކަހަލަ ގޮތަކަށް. އިންސަނުންގެ ތެރޭގައިވެސް އުޅެނީ އެކިކަހަލަ މީހުން. އެކެއްގެ މަސްލަޙަތު އަނެކެއްގެ މަސްލަޙަތާއި ފުށު އަރާ ގޮތް ދިމާވޭ. އެކި ކަހަލަ ސަބަބުތަކާ ހުރެ މީސް މީހުންގެ މެދުގައި ޚިޔާލު ތަފާތު ވުވުމާއި ހިތްހަމަ ނުޖެހޭ ގޮތް ދިމާވޭ. މިކަހަލަ މޮޅު ދެރައިގެ ތަފާތުތައް މުޖިތަމަޢުގައި އުފެދުނީ މިއަދަކު ނޫން. އެއި ފެށުނީއްސުރެން އޮންނަ ކަމެއް. އަދި އޮންނާނެ ކަމެއްވެސްމެ. އެ ތަފާތު ޔަކާއި މައްސަލަތްއ ނައްތައިލުމަކީ ކުރެވޭނެ ކަމެއް ނޫން. މިޙާލަތްތަކުގައި އިންސާނާގެ ކުރިމަތީގައި ދިރިއުޅުމާއި ކާމިޔާބިއަށް އޮންނަނީ ހަމަ އެންމެ މަގެއް. އެއީ "އެހެން ނަމަވެސް"ގެ އުސޫލުގައި ހިފަހައްޓަން ދަސްކުރުން. ހުރަސްތައް ހުރި ކަމުގައި ވިޔަސް ކުރިއަށް ދާނޭ މަގު އަމިއްލައަށް ކޮށަން ފަރިތަ ކުރަންވީ. ހިތާމަތަކުގެ ތެރެއިން ތިމާއަށް ޓަކައި އުފާވެރިކަން ހޯދަން ދަސްކުރާންވީ. ތިމާއާއި ދެކޮޅަށް އަދާވާތްތެރީން އެކިކަހަލަ ނުބައި ރޭވުންތައް ރާވަމުން ގެންދިޔަ ނަމަވެސް އެ ހުރިހާ ރޭވުމެއް ބެކާރު ކޮށްލުމަށްފަހު، މަންޒިލާ ހަމައަށް ދެވެނޭ ކަމުގެ ޔަގިންކަމުގައި ކުރިއަށް ދާންވީ. 
މި ދުނިޔޭގައި އިންސާނާއަސް ޖެހެނީ ކަށިތަކުގެ ތެރެއިން އަތް ދިއްކޮސްފައި މައު ބިންނަން. އެކި ބަލިބަލިގެ  ޖަރާސިމުގެ ތެރޭގައި އުޅެމުން ތިމާގެ ސިއްޙަތު ރަނގަޅަސް ބެހެއްޓޭތޯ މަސައްކަތް ކުރާން ޖެހޭ. އެހެންވިމާ، އިންސަނާއަށް ޖެހެނި އޭނާގެ ހިތްހަމަ ނުޖެހޭ ކަހަލަ ކަމަކާއި ދިމާވީމާ، މާޔޫސްނުވެ ކުރިއަށްދާން. ޝަކުވާޔާއި ދެކޮޅުވެރި ކަމުގެ މަސައްކަތަށް ވަގުތު ބޭކާރު ނުކޮށް ދިރިއުޅެން. ތިމައަށް ބަދަލު ނުކުރެވޭނޭ ކަންތައްތައް ބަދަލު ކުރުމަށް މަސައްކަތް ނުކުރުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް ގަބޫލު ނުކުރުން. މަގަށް އެޅިފައިހުރި ގަތަކުގެ ތެރެއިން ލާފައި ކުރިއަށްދާން ދަސް ކުރުން. މީސްމީހުންގެ ވާހަކަތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ޙިކުމަތުގެ ބޭނުން ކޮށްގެން މައްސަލަތައް ޙައްލުކުރަން ފަށަންވީ. ލިބޭ މަދު އެތިކޮޅަށް ރުހިގެން ހުންނަ މީހާއަށް ފަހުން ގިނައިން ލިބޭނެ. ދުޝްމަނުންގެ ރޭވުންތަކަށް ކެތްކުރާނަމަ ދުޝްމަނުން ރަޙުމަތްތެރިންނަށް ބަދަލު ވެގެން ހިނގައިދާނެ.

އެއްކަޅިން ތާރީޚު             

މިބައިގައި މިރޭ އަޅުގަނޑުމެން މި ގެނެސްދެނީ ދިވެހި ސަގާފީ ކުޅިވަރުތަކުގެ ތެރެއިން ފަތިގަނޑު ޖެހުން. މި ކުޅިވަރަކީ ދެކުނު އިންޑިޔާއިން އައިކަމަށް ބުނެވޭ ކަމެއް. މިކަމުގެ ފެށުން ރައްދުވާ ޒަމާނެއް ހޯދިފައެއް ނެތް. ބުނެވޭ ގޮތުގައި އޮޅުދޫ ކަރަޔާއި އުތުރު ކަރަޔަށް ދިވެހި ނައުފަހަރު ދަތުރު ކުރި ޒަމާނުގެ ވަރަށް ދުރު އެވޭލާއަކުން ފެށިގެން ނައު ދަތުރުމަތީގައި ފަހި ވައިގައި ރޭގަނޑުގެ ހިމޭން ރީތި ހަނދުވަރު މަތީގައި ނައުފަހަރުގެ ބޯރުދޫ މަތީ ފަޅުވެރިން ތިބެގެން މި ކުޅިވަރު ކުޅެ އުޅުނު.  މިކަން މިގޮތަށް ހިނގަމުން ދިޔަ ކަމުގެ އެއް ހެއްކަކީ އެވެލާގެ އެކި ދުވަސްވަރު ނައުފަހަރުގެ ފަޅުވެރީންނަށް އުޅުނު ދޭދޭ މީހުންގެ ރަށްރަށުގައި އެމީހުން މި ކުޅިވަރު އުފެއްދިކަން އެނގޭ. ރާއްޖެ ތެރޭގެ ކަންކޮޅުތަކަށް މި ކުޅިވަރު ފެތުރުނީ މިހެންކަމަށް ވެދާނެ. ފަތިގަނޑު ޖެހުމަކީ އެކަހެރި ކުޅިވަރު ތަކުގެ ތެރެއިން ގޭތެރޭގެ ކުޅިވަރެއް. ސްޓޭޖް ދެއްކުމެއް. ބޭނުންނަމަ މައިދާނީ ކުޅިވަރުގެ ތެރޭގައިވެސް ހިމެނިދާނެ. ފަތިގަނޑު ޖެހުމަކީ ލަވަ ހަމަޔަށް ޚާއްސަ އާލާތަކުން އަޑު ނެރުމަށް ކިޔާނަމެއް. އެވޭލާ ޒަމާނުގައި މިކަން ކޮށް އުޅުނީ ފިރިހެނުން ކަމަށް ވިޔަސް މިހަރަށް ބަލާއިރު މިއީ ދެ ޖިންސުގެ އެކަހެރި ކުޅިވަރެއް ކަމުގައި ބެލެވިދާނެ. މިއީ ގާތްގަނޑަކަށް ފަނަރަ މިނިޓުގެ ގްރޫޕް ކުޅިވަރެއް.

ފަތިގަނޑު ޖަހާ މީހާ ގޮނޑީގެ މެދުގައި އިށީނދެ ދެފައިގެ ދޯގި ގޮނޑިގެ ތިރީގެ ފަތިގަނޑުގައި އަޅުވާލަނީ. އޭރު ދެ އަތުން ކުރެ ކޮންމެ އަތެއްގައި މިކަމުގެ އާލާތް ކަމުގައިވާ ދެ ޖޯޑު ފަތިގަނޑު އޮންނަންވާނެ. މަގާމުގައި އޭނާ އިށީނުމާއެކު ކުރިމަތީގައި ޑަބިޔާ ޖަހާ މިހާއާއި ގްރޫޕް ތިނެއް ނޫނީ ހަތަރު ފޫޓް ދުރު މިނުގައި މިކަމަށް ޚާއްސަ ކޮށްފައިވާ ތާނގައި ކަކޫ މައްޗަށް އިށީންނާނީ. ކުރީގައި އިންނާނީ ޑަބިޔާ ޖަހާ މީހާ. އެއީ މުރީދު. މުރީދު މިހާ ލަވަ ފެށުމާއެކު ލަވަ ހަމަކޮށް ޖަހަމުން އަތްއަތަށް ލެނގެމުން ދާނެ. ކޮންމެ ލެނގުމެއްގެ މިނަކީ ފަޅި ބުރެއްގެ ތިންބައިކުޅަ އެއްބައިހާ ވަރު. ފުރަގަހަށް ދިއުމުގެ މިންވަރަކީ ދެބައިކުޅަ އެއްބައިހާ ވަރު. މިގޮތަށް ކުޅެމުން ގޮސް ލަސްލަވަ މެދުލަވަޔަށް މެދުލަވަ އަވަސް ލަވަޔަށް ބަދަލުވުމުން ޒުވާބު ފެށި ކުޅުމުގެ އެންމެ އަވަސް ޙަރަކާތުގައި ވެދުން ގޮނޑިމަތީގައިވާ ވެދުން ފަތިގަނޑު ޖަހާމީހާ އިދިފުށަށް ގޮސް އަނގައިން ހިފައި ނަގާނެ. މެދު ލަވަ ކުޅުމުގައި ގޮނޑިން ފައިބައި ފަތިގަނޑު ޖަހަމުން އޭރިޔާ ތެރޭގައި ނަށަމުން ގޮސް ގޮނޑީގައި އިށީންނަ އިރަށް އަވަސް ލަވަޔަށް ބަދަލު ކުރާނީ.  ބާކީ ތިބޭ ބަޔަކު ލަވަ ކިޔުމާއި އަތްތިލަ ބަޑި ޖެހުން އޮވޭ. މި ކުޅިވަރުގައި މުރީދާއެކު ގްރޫޕް އެކުލެވޭނީ ދިހަ ވަރަކަށް މީހުންގެ މައްޗަށް. ފަތިގަނޑު ޖެހުމުގައި ކިޔާނީ ރައިވަރު ބެރަށް ހަމަކޮށް ކިޔާފައި ހުންނަ ފަރިއްސާއި ކެމްޓާ ހަމައިގެ ލަވަ.

No comments:

Post a Comment