ޔުއަރ ލައިފް އެވެ. ނަމަކަށް ކިޔާ މަޖައްލާގައި ލިޔެފައިވޭ. އެއްދުވަހަކު ސްކޫލަށް ދާން ހިނގާފައި ދިޔަ ކުޑަކުޑަ ދެ އަންހެން ކުދިންނެވެ. މި ދެ ކުދީން ގޭން ނުކުތް އިރު ގަޑި ޖެހެން ވަރަށް ގާތް ވެއްޖެއެވެ. ގަޑި ނުޖެހި ސްކޫލަށް ދެވޭނޭ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އެވަގުތު ދެ ކުދީންގެ ތެރެއިން އެއް ކުއްޖަކު ބުންޏެވެ. އަހަރެމެން ގަޑި ނުޖެހި ސްކޫލަށް ފޮނުވައިދެއްވާތޯ މިތާނގައި ހުއްޓި ތިބެގެން ދުޢާ ކުރަމާހިނގާ. އަނެއް ކުއްޖާ ބުނި. ހުއްޓި ތިބޭނޭ ކަމެއް ނެތް. ދުއްވައިގަންނަމާ ހިނގާ. ދުވަމުން ދާއިރުވެސް ދުޢާ ކުރާނީ.
ދުޢާ އިޖާބަ ނުކުރައްވައިގެން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ޝަކުވާ ކުރާތީ އަޑު އިވޭ. ރާއްޖޭގެ ވަރަށް މަޝްހޫރު ފުޓްބޯޅަ ކޯޗަކު އަޅުގަނޑުގެ ކައިރީގައި އެއްދުވަހަކު ބުނި. ފައިނަލް މެޗެއް ކުޅޭ ދުވަހު އެ މެޗަކުން މޮޅުވޭތޯ އަހަރެން ވަރަށް ގިނައިން ދުޢާ ކުރަމޭ. އެކަމަކު ގިނަ ދުވަސްދުވަހު ދަނޑުން ފައިބަނި ދެރަވެގެންނޭ.
ދުޢާ އިޖާބަ ކުރައްވާނޭ ކަމުގައި ﷲ ވަނީ އަންގަވާފަ. އެހެންވީމާ، އިޖާބަ ކުރައްވާނޭ ކަމާއިމެދު ޝައްކެތްނެތް. ދުޢާ އިޖާބަ ކުރައްވާ ތިން ގޮތެއް އޮވޭ. އެއްގޮތަކީ އެމީހަކު އެ އެދުކަމެއް އެދުނު ފަދައިން ފުރިހަމަވުން. ދެވަނަ ގޮތަކީ އެ އެދުނު ކަމެއްގެ ބަދަލުގައި އެއަށްވުރެން މޮޅު ކަމެއް ފަހިވުން. ތިންވަނަ ގޮތަކީ އެ ދުޢަގެ ބަދަލު އާޚިރަތްދުވަހުން ދެއްވުން.
ދުޢާ ކުރުމަކީވެސް ވަކި ހަމަ ތަކެއް އޮންނަ ކަމެއް. ދުޢަ ކުރުމަށްފަހު، އެމީހަކު އެދުނު ކަމެއް ފުރިހަމަ ވާނޭ ކަމުގެ އުއްމީދުގައި، އަތްއުރާލައިގެން ހުރުމަކީ ކޮށްގެންވާނޭ ކަމެއްނޫން. ދުޢާ ކުރި ކަމުގައި ވިޔަސް އެކަމަށް ކަނޑައެޅިފައި އޮންނަ ހަމައެއްގެ މަތީން މަސައްކަތްކުރާން ވާނެ. މުއްސަނދިވާން ދުޢާ ކޮށްފައި މުއްސަނދިވާން މަސައްކަތް ނުކުރުމަކީ ހަމަޖެހޭ ކަމެއް ނޫން.
މަތީގައި ދެންނެވުނު ދެ މިސާލަށް ބައްލަވާ ލައްވާ. ގަޑި ނުޖެހި ސްކޫލަށް ދާން ބޭނުން ވިއްޔާމު. ގަދި ނުޖެހި ސްކޫލަށް ދާން ބާރަށް ހިނގައިގަންނާން ވާނެ. އެއާއި އެކު ދުޢަވެސް ކުރަންވީ. އެކަމުން ހުއްޓި ހުރެގެން ދުޢާ ކުރުމަކީ ރަނގަޅު ކަމަކަށް ނުވާނެ.
ފުޓްބޯޅަ މެޗަކުން މޮޅުވާނީ ރަނގަޅަސް ނުވަތަ މޮޅަސް ކުޅޭ ބައެއް. ކޯޗު ދުޢާ ކުރި ކަމުގައި ވިނަމަވެސް ކުޅުންތެރީން އެކަށީގެންވާ މަސައްކަތެއް ނުކުރާނަމަ، މޮޅެއް ނުޥާނެ. ވުމާއެކު ދުޢާ ކޮށްފައި އައިސް ދަނޑަށް އަރައި ހިތްވަރާއެކު ކުޅޭންވީ.
އާދެ، ދުޢާ ކުރައްވާ. އެއީ އަޅުކަމެއް. އެކަމަކު އެދޭ ކަމެއް ޙާސިލުކޮށް ގަންނާން މަސައްކަތްވެސް ކުރައްވާ. އެއީ ވެސް އަޅުކަމެއް.
އެއްކަޅިން ތާރީޚު
މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖޭގެ އެވޭލާ ބައެއް ކުޅިވަރު ތަކާއިބެހޭ ގޮތުން. އެގޮތުން މިރޭ އަޅުގަނދުމެން ބަލައިލަނި ކުރުފަލި ޖެހުމާއި ބެހޭ ގޮތުން.
ކުރުފަލި ޖެހުމޭ ކިޔަނި ވަކި މިންތަކަކަށް ބައްޓަމަކަށް ބަނދެފައިވާ ދޯންޏެއްގައި ޚައްސަ ވެގެންވާ މިންތަކަކުން ވަކި ސިފަ ޔަކަށް ހަދާފައި ހުންނަ ފަލިބަޔަކުން ދުއްވާ ހަރަކާތް ކުރުމަކަށް. އެކަމުގައި ދިވެހި އަންބާ ލަވަތަކުގެ ހަމަ ތަކާއި ޙަރަކާތާއި އަދި ލަވަ ބޭނުން ކުރޭ. މި ރާއްޖޭގައި މިކަން ފެށުނުގޮތެއް ސާބިތުކޮށް އެނގޭނޭ ގޮތެއް ނެތް. ބައެއް ހޯދުން ތެރިން ބުނެފައިވާ ގޮތުގައި ޕޯޗުގީޒުން ދިވެހި ރާއްޖޭގައި ވެރިކަންކުރި ޒަމާނާއި ހަމައަށް މިކަމުގެ ފެށުން ހިނަގައިދާނޭ ކަމަށްވޭ. މި ރާއްޖޭގައި ފަހަކަށް އައިސް ކުރުފަލި ޖެހުން އޮންނަނީ ޚާއްސަ ޢިދު ނުވަތަ ގައުމީ ފެންވަރުގައި ބޭއްވޭ ކުޅިވަރުގެ ޕްރޮގްރާމް ތަކުގައި. ރާއްޖެތެރޭގައި ބޮޑު މައުލޫދު ކިޔައި އުޅުނު ޒަމާނުގައި، އުފާ ކުރުމުގެ ތެރޭގައި ބެއް ރަށް ރަށުގައި މި ކުޅިވަރު ބޭއްވުނު. ފަހަކަށް އައިސް ގައުމީ މަތީ ފެންވަރުގައި ފުރިހަމަކޮށް މިކަން ބޭއްވުނީ. ފުރަތަމަ ދިވެހި ޖުމްހޫރިއްޔާ އިޢުލާން ކުރުމުގެ މުނާސަބާގެ ތެރޭގައި.
ކުރުފަލިޖަހާ ދޯންޏަސް ބަލާލާއިރު، ދޯނީގެ ދިގު މިނަކީ ގާތްގަނޑަކަށް، ސާދަ ރިޔަން. އަނގަމަތީގެ ފުޅާ މިނަކީ ތިން ރިޔަން. އުސް މިނަކީ ފެން މައްޗަށް ދެ ފޫޓް. ބަނދެފައި ހުންނަނީ ތިލަކޮށް ފެންމައްޗަށް ގަދަ ގޮތަށް. ދެކޮޅު މައްޔާ ހުންނަނީ ތެދަށް. ހުންގާނު ހުންނަނީ ފަޅި ބުރު. ހުންގާނު ދޫންޏަކީ ތިލާފަތު ހުންގާނު ދޫނި. ދެކޮޅުގަ ދެ މާގަނޑު ހުރޭ. ދޯނީގައި ވަތް ބައިކޮށްފައި ހުންނައިރު ހުންނަނި އެގާރަ ވަތަށް. ނަގިއްޔާއި، ދިޔަ ހިއްކާ ފަޔާއި، ވާވެލާވެލި ހުރޭ. ކުނބެއް، ކުނބު ފަތެއް، ފަރުމާނެއް، ދަނޑިއެއް ނުހުންނާނެ. ކޮޅުފަސްކޮޅު މަޅުބައި ހުންނަނީ ފޮއްޓަކަށް ބޭނުން ކުރެވޭ ގޮތަށް ވަތްލައި ތައްޔާރު ކޮށްފައި. މަޅުދަށުގައި ހުންނާނީ ކުރުފަލި ޖެހުމަށް ޚައްސަވެގެންވާ ތަކެތި. ދޯނީގެ ބޭރުގައި ހުންނާނީ ހުދު ދަވާދު ލާފައި. ބަރީ ފަށުގައި އިސްކަންދަރީ ކުރެހުން އެއް ކޮޅުން އަނެއް ކޮޅަށް ކުރަހައި ނަލަ ކޮށްފައިހުރޭ. ކުރެހުން ފަވާފައި ހުންނަނީ ރީނދުލާއި ރަތުން. ރީނދު ކުލަ މާނަ ކުރަނީ ރަންކުލަ ކަމަށް.
ފަލި ބަޔަށް ބަލާލާއިރު، ފަލީގެ ދިގުމިނަކީ ދުލާއި ތަންޑާއި އެކު ގާތްގަނޑަކަށް ތިން ފޫޓްބައި. ފަލީގެ ދޫ ތުނިކޮށް ބޮއި ފަތް ބުރަށް ފަހަތުކޮޅު ހަދައި، މެދަކާއި ހަމައިން ކުރިއަށް ވަށާލާފައި ހުރުމާއެކު، ދުލުގެ އެންމެ ކުރި ހުންނާނީ މަޑިކޮށް. ފަލީގެ ދެބައިކުޅަ އެއްބައި ހުންނާނީ ހުދު ދަވާދު. ފަލި ތަންޑުން ދަވާދަށް ފޭށޭ ހިސާބުގައި، ތިން އިންޗި ފުޅާމިނުގެ ބަންދެއް އިސްކަންދަރީ ކުރެހުމުން ފަވާފައި ހުރޭ. އަދި ފަލީގެ ދުލުގައި އިސްކަންދަރީ ކުރެހުމުގެ އަލަނާސި ރަތާއި ރީނދުލުން ކުލަކޮށް ދައްކާފައި ހުންނާނެ. ފަލި ތަންޑު ހުންނާނި ނިރޮޅުން. ދަވާދުލީ ހިސާބު މަތިން ހުންނާނި އޮމާންކޮށް މަށައި ފާލީސް ކޮށްފަ.
ކުރުފަލި ޖެހުމުގެ ހެދުމަށް ބަލާލާއިރު، މި ކަމުގެ ހެދުމަކީ އިހުގެ ނާފަހަރުގެ ފަޅުވެރި ހެދުން. ދޯނީގެ ހުންގާނު ހިފާ މީހާ އާއި ފެން ފިލާ މީހާގެ ހެދުމަކީ ނައު ސަރަނގުގެ ހެދުން. ފަލިމީހުންގެ ހެދުމަކީ ހުދު ދިގު ހަރުވާޅާއި ނޫ ގަމީހާއި ހުދު ފޮށާ. އެއީ ފަޅުވެރި ހެދުން. ފޮށާ އަޅާނީ ނައުފަޅުވެރިންގެ ފޮށަޔަށް. ގަމީހުގެ ބޭރުން ނޫ ކުލައިގެ ސިދު ރިޔާ. ކެޔޮޅާ މުއްޕަނާ އާއި ފެންފިލާ މީހާ ހުންނާނީ ސަރަނގު ހެދުމަކަށް ލާބަ ލިލީ ބޮލު ފޮށަޔާއި ރަތްކުލައިގެ ސިދުރިޔާ ހިމެނޭ. ކުރު ފަލި ޖަހާ ޓީމެއްގެ ޢަދަދަކީ ކެޕްޓަނާއެކު ސާދަ މީހުން. ނުވަތަ މުއްޕަނާއެކު ސާދަ މީހުން. އެއީ ދޯނީގެ ހުންގާނު މީހާ އާއި، ދިރުބާ މީހާ އައި އެކުގަ. ކުރުފަލި ޖަހާއިރު ތިބޭނީ ފަރާތެއްގައި ހަ މީހުން. ކުރު ފަލި ޖެހުމަކީ ލަވަ ހަމަކޮށް ކުރާ ކަމެއް. މިކަމުގައި ބޭނުން ކުރާނީ އަންބާލަވަ. ނަގައި ކިޔާ މީހާ، ލަވަ ފެށުމާއެކު ދެ ފަތީގައި ތިބޭމީހުން ފަލިޖަހާ ބީދައަން ހެލެން ފަށާނެ. ލަވައިގެ ޒުވާބާއިއެކު ފަލީގެ ޙަރަކާތް ހިނގާނެ. މިގޮތުން ލަވައިގެ ހަމަޔަށް ފަލިން ކުޅި ހަދަމުން، ފަލި ދުލުން ފެނުގައި އަޅުވަމުން ދަނޑިވަޅު ހަމަކޮށް ފަލިތަންޑުން ފުލުން ޖަހަމުން އިންނަ ފަތުގައި ކުރިއަށް ގެންދާނެ. ފަލި ދުލުން ފެނުގައި އަޅުވާ ކޮންމެ ފަހަރަކީ ދޯނީގެ ދުވެއްޔަށް ގެނެވޭ ޙަރަކާތެއް. މި ކުޅިވަރުގައި ދޯނި ދުއްވާނީ، އުނިޔަ ދުވެލީގައި. އަންބާ ކިޔުމުގައި ކަޑިއެއް ތިންފަހަރަށް ކުރަންވާނެ. ލަވައެއްގައި އޮންނާނި ދެ ކަޑި. ލަވަ ބައިން ލަސްލަވަ، މެދު ލަވަ، ދެން. އަވސްލަވަ. ކުޅި ދައްކާނީ ކެޕްޓަން ނުވަތަ މުއްޕަން. ފެންފިލާގައި އިންނަ މީހާ ދިރުނބަކޮޅުން އަތުގައި އޮންނަ ކުޑަ ފޮށައިން ކުޅި ހަދާ މީހުންނަށް ޙަރަކާތް ދައްކަމުން ގެންދާނެ.
No comments:
Post a Comment