މަހާތުމާ ގާންދީ އެންމެ ފުރަތަމަ ދެކުނު އެފްރިކާގެ ނަތާލްއަށް ކުރެއްވި ދަތުރުފުޅުގައި ދެވަނަ ދަރަޖައިގެ ރެސްޓޯރަންޓަކުން ފަރީއްކުޅުވި. ފަރިއްކުޅުއްވައި އަވަދިވެ ވަޑައިގެން ވެއިޓަރާއި ދިމާލަށް ވިދާޅުވި. ތިޞާގެ ޚިދުމަތަށް ޓަކައި ވަރަށޤ ބޮޑަށް ޝުކުރު އަދާކުރަމޭ. ވެއިޓަރު ދެންނެވި. ސާހިބާއޭ. ތިޔަ ބަސްފުޅު އަޅުގަނޑު ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަމޭ. އަޅުގަނޑި މި ވަޒީފާ އަދާކުރާތާ ފަންސަވީސް އަހަރު ވެއްޖެއޭ. އެކަމަކު ދުވަހަކުވެސް އަޅަގަނޑާއި ދިމާލަށް ތިޔަކަހަލަ ޝުކުރުގެ ބަހެއް އެއްވެސް މީހަކު ބުނެފައެއް ނެތޭ. ހެޔޮ ބަހެއް ބުނެލުމަކީ އެހާ އުނދަގޫ ކަމެއްނޫން. އެކަހަލަ ބަހެއްގެ ސަބަބުން ނުކުންނަ ނަތީޖާއަކީ މީހެއްގެ ހިތަށް ލިބޭ ހަމަޖެހުމެއް. ބުނެލެވޭ ބަހެއްގެ ބަދަލުގައި މިއަށްވުރެން ވަކިން ބޮޑު އަގެއް ލިބޭނެތޯ.
މީހެއްގެ ފަރާތުން ކަމަކަށް އެދިވަޑައި ގަންނަވާއިރު، އެއީ ކޮންމެ ދަރަޖައެއްގެ ކޮންމެ މީހެއް ކަމުގައި ވިޔަސް، ހިތްހެޔޮކަމާއި މަޑުމައިތިރިކަމާއެކު، އެކަމަކަށް އެދިވަދައިގަންނަވާ. ހަމައެހެންމެ މީހެއްގެ ފުށުން ލިބޭ އެހީތެރިކަމެއް ނުވަތަ އެއްޗެއްގެ ބަދަލުގައި ހިތްޕުޅުގެ އެންމެ އަޑިން އިޚުލާސްތެރިކަމާއެކު ޝުކުރިއްޔާއޭ ވިދާޅުވެ ލައްވާ. އަމުރުވެރިކަމާއި ހަރުކަށިކަމަކީ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމަށް ބުރު އަރާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް. ޢާންމުކޮށް މީހުން އެއީ ރަނގަޅު މީހެކޭ ބުނާ މީހުންގެ ފުށުން މިދެންނެވި ހަރުކަށިކަމެއް ނުފެންނާނެ. އަމުރުވެރި ގޮތެއް އެމީހުންގެ ކިބައިން ފެންނާކަށް ނުހުންނާނެ.
ކިތަންމެ މަތިވެރި މަގާމެއްގައި ހުއްޓަސް އެފަދަ މީހަކު އިޚުތިޔާރު ކުރާނީ، މަޑުމައިތިރި ކަމާއި ހިތްހެޔޮކަން. ކަމަކަށް އެދޭއިރު މީހެއްގެ ހިތުގައި ނުޖެހޭ ގޮތަށް އެދުމަކީ އެތައް ގަޑިއިރެއް ވާންދެން ތަޢުރީފު ކުރުމަށް ވުރެން އެމީހަކު އުފާވާނޭ ކަމެއް. ހަމައެހެންމެ ހިތްހެޔޮކަމާއެކު ޝުކުރިއްޔާއޭ ބުނެލުމަކީވެސް ހަމަ މިފަދަ ކަމެއް.
ފްރޭޔާރ ސްޓާފް ވިދާޅުވެފައިވޭ. ރީތި އަޚުލާގަކީ ވިޔަ އަކުރުގައި އޮންނަ ސުމެއް ކަހަލަ އެއްޗެކެވެ. ސުމަކީ އެކަނި އޮންނައިރު އެއްވެސް އެއްޗަކަށް ނުވިނަމަވެސް އެހެން އަކުރުތަކާއި ގުޅުވައިލީމާ، އެ އަކުރު ތަކުގެ އަގު ވަރަށް ބޮޑުކޮށްދޭ އެއްޗެކެވެ. އާދެ، ރީތި އަޚުލާގަކީވެސް މީހަގެ އަގު އެތައް ގުނައަކަށް ބޮޑުކޮށްދޭ އެއްޗެއް.
އެއްކަޅިން ތާރީޚު
މިބައިގައި އަޅުގަނޑުމެން ބަލާލަމުން މިގެންދަނީ ދިވެހިރާއްޖޭގެ އެވޭލާ ކުޅިވަރުތަކުގެ މައްޗަށް. އެގޮތުން މިރޭ އަޅުގަނޑުމެން ބަލައިލަނީ ބޮލި މަލާފަތު ނެށުމާއި ބެހޭ ގޮތުން.
ބޮލި މަލާފަތު ނެށުމަކީ ބޮލި މަލާފަތާ ދިއުން. މިކަން ނަމޫނާއަކަށް ބަލައިގެން އުފައްދާފައިވާ ކަމެއް. މިކަން ނެށުމަކަސް ހެދީ އިހުޒަމާނުގައި އަންހެނުން ނެށި ނެށުމަކާއިވެސް ގުޅިގެން. ފަހުން ލަނގިރީގެ ބައެއް އިތުރު ކޮށްގެން ކަމަށްވޭ. މި ނެށުމުގެ އަސްލަކީ ހިންދީ މުޖުރާގެ ނެށުމެއް ކަމަށް ބެލެވިދާނެ. ނަމަވެސް މިހާރު މި ނެށުން ހިމެނިފައި މިވަނީ މިޒަމާނުގެ ދިވެހި އަންހެނުންގެ ސަގާފީ ނެށުމެއްގެ ގޮތުގައި. މިޒަމާނުގެ ދިވެހި އަންހެނުންގެ އަތްމަތިން މި ނެށުމަށް މިއުޒިކާއި ޙަރަކާތްތައް އިތުރުކޮށް ޗަބްކާ ކެމްޓާގެ ހަމަޔަށް މި ނެށުން ހަމަޖެއްސި. މި ނެށުން މިގޮތަށް ބަދަލުކުރީ އަމީނިއްޔާ ސްކޫލުގެ އިސްދަރިވަރުން. ރަސްމީގޮތުން މިނެށުން ޒަމާނީ ގޮތަށް ފުރަތަމަ ދެއްކުނީ ދެކުނު އޭޝިޔާގެ ޚާރިޖީވަޒީރުންގެ އެއްވެ ވަޑައިގަތުމެއްގައި މީލާދީން ނަވާރަ ސަތޭކަ އަށްޑިހަ ހަތަރުވަނަ އަހަރު، މާލޭ ދާރުލް ޢުލޫމުގަ.
މިޒަމާނުގެ ބޮލިމަލާފަތު ނެށުމަކީ ސއުވީހަކަށް އަންހެނުންގެ މައްޗަށް އެކުލެވޭ ގްރޫޕް ނެށުމެއް. ސްޓޭޖް ޝޯވްގައި ދެއްކުމަށް އެކަށީގެންވާ ގޮތަށް ރާވާފައިވާ ޝާހީ ނެށުމެއް. މި ކުޅިވަރުގެ ހެދުމަށް ބަލާލާއިރު، މި ކުޅިވަރުގެ ހެދުމަކީ ދިވެހި އަންހެނުންގެ ކަސަބު ބޯވަޅުއެޅި ހެދުން. އެ ހެދުން އެންމެ މަތީ ދަރަޖައިގައި މުއްސަނދިކޮށް ބޭނުންކުރި ދުވަސްވަރު އަށާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރުން ފެށިގެން ނަވާރަ ސަތޭކަ ތިރީސް ނުވަޔަކަށް ބޭނުންކުރި ގޮތުގައި. އެއީ ގަދަ ރަތް ނުވަތަ ގަދަ ދަނބު ކުލައިގެ ސާޓަނު ލިބާސް ފޮތީގައި ރަން ހަ ހިރިޔާއި ރިހި ދެ ހިރިޔާއި ހަ ބަގިޔާއާއި މެދު ރޮދި ގަނޑަކާއެކު، ކަސަބު ބޯވަޅުއަޅައި އަދި ވަށްބަގިޔާ ކަސީދާ ކޮށްގެން ލިބާސް. ދެން ރަން ކަސަބުން ނަލަ ހިރު ދެމި އަންނަ ފޭއްޔެއް. ބޮލުގެ އިސްތަށިގަނޑުން ނިއްގަނޑުލައި ހަންހުދުކުރި ތެޔޮ ރުމާފަޅިއަޅައި، ރަތްއެސްޖެހި ރަންދަތިން އެ ހުޅީގައި އެރުމާ ހަރުކޮށްފައި. ކަންފަތުގައި ރަތްއެސްޖެހި ކަންފަތު މުދި އަދި އަތުގައި ފިތްޖެހި އުޅާ ބައި އަތެއްގައި ހަތަރު އުޅާ އަޅާގޮތަށް. ކަރުގައި ފަންސަވީސް ފަށްލައި ތިރިއަށް މައްސާއި ހަތް ފޮށްޗާއި ހުދުފޮތިލީ ފައްޓަރުބައި. ދެފައިގައި ރަން ތަކަހޮޅި އަޅާފައި ހުސް ފަޔާ.
ނެށުމަށް ބަލާލާއިރު ބޮލި މަލާފަތު ނެށުމުގައި ދުރުން އަޑު ފޮނުވައިގެން އޭގެ މިޔުޒިކު ހަމަވާ ގޮތަށް ނަށާމީހުން ލަވަކިޔަމުން އަތުން ގިގުނިފަތި ހަރަކާތް ކުރަމުން ނަށަނީ. ރާގުގެ ހަމަ، ރާގުގެ ހަމައިގައި ބާނި ރިދަމްއަށް ހަށިގަނޑުން އެކި ޙަރަކާތްކުރޭ. އެ ސަފުގައި ބޭނުން ކުރަނީ މުޖުރާ. ކިޔަނީ ލަސްލަވަޔާ މެދު ލަވަޔާއި، ދެން އަވަސް ލަވަ.
ލަވައިގައި ހިމަނަނީ ދިވެހި އަންހެނުންގެ ގައުމީ ޝުޢޫރު، ނެށުމުގެ ވަގުތަކީ ހައެއްކަ މިނިޓް. ނެށުމުގައި ޙަރަކާތް ފަތްކުރަމުން ދާއިރު، ދައުރު ތަކުރާރު ނުވާ ގޮތަކަށް ހަމަޖައްސަ. ނެށުމުގައި ކުރިއަށް ފަހަށް އަރިޔަށް ހިނގައި ލެނބި ގުދުވުމުގައި ފަނަރަ ވަރަކަށް ހަރަކާތް އެކުލެވިގެންވޭ. ލަސް ލަވައިގެ ނެށުމެއްގައި ސްޓޭޖަށް ނުކުތުމާއެކު އެ ނެށުމުގައި އެއް ސަފަށް، ދެ ސަފަށް އެތުރި ސަފު ބަދަލު ކުރުން. އަދި ކޮންމެ ތިންމީހަކު ވަކިން ކުޅި ހެދުން އެ ނެށުމުން އޯޑިއަންސަށް ކުރިމަތިވާ ގޮތަށް ޔޫ އެއްގެ ސިފައިގައި ކުޑަ ކޮއްޅުން ތިބެގެން ލެނބި ގުދުވެ ޙަރަކާތްކުރުން. އެ ޙަރަކާތުން ތެދުވެ ވަށްބުރެއްގައި ނެށުން. ބުރުގެ ތެރެއިން ކުޑަ ބުރެއް ހަދައި ދެ ބުރު ވަށްކޮށް ނެށުން. އަދި އެ ޙަރަކާތުގެ ތެރެއިން ކޮންމެ ދެމީހަކު، ކުޅި ހެދުން އޮވޭ. ޙަރަކާތުގެ ތަރުތީބުން އަވަސް ލަވަޔަށް ބަދަލު ކޮށްގެން ދުރުކޮށް ކުރިޔަށް ފައި އަޅާ އަވަސް ނެށުމަކަށް ދެ ސަފަށް ނަށަމުން އެންމެން ފަށް ކުރަމުން، ސްޓޭޖްގެ ދެކޮޅަށް ދައުރުކޮށް ނަށަމުން އެނބުރި އައިސް އޯޑިއަނުންނަށް ނޫނީ ދެބަރިއަށް ކުރިމަތިލައި ގުދުވެ ސަލާމް އިޝާރާތްދީ، ތެދުވެ ދެބަރިއަށް ލަސް ހަމައަށް ބަދަލުކޮށް ނަށަމުން އެނބުރި ފަރުދާވެގެންދާނީ. މި ގްރޫޕް ނެށުމުގެ މެދުމިނުގެ ޢަދަދަކީ ބާރަ މީހުން.
No comments:
Post a Comment