ހުވަފެނަކީ ޙަގިގަތެއްނޫން. އެހެންނަމަވެސް ހުވަފެން ނުދެކޭ މީހަކު ނޫޅެ. އެއީ ކީއްވެގެންތޯ؟ އިންސާނާއަކީ އެދުމުން ފުރިފައިވާ މީހެއް. އެހެންވާ އެންމެ ބޮޑު ސަބަބަކީ އޭނާއަށް ލިބިފައިވާ މިނިވަން ސިކުނޑި. ބޭނުންކަމެއް ބޭނުން ގޮތަކަށް ކުރުމަށް އޭނާއަށް ދެއްވާފައިވަ އިޚުތިޔާރު. މިނިވަންކަމާއި އިޚުތިޔަރުގެ ސަބަބުން ހުވަފެން ދެކެނީ. އޭނާގެ ޙައިސިއްޔަތާއި ފެންވަރަށް ވުރެން މޮޅު ހުވަފެން ދެކޭ މީހުން މަދެއްނޫން. އެފަދަ ހުވަފެންތައް ޙަގީގަތަކަށް ހަދާ މީހުންވެސް އެހައި ގިނަ. ހުވަފެން ދުށުމަކީ ނުބައި ކަމެއް ނޫން. އަދި ދެރަ ކަމެއްވެސް ނޫން. އެހެންނަމަވެސް އެ ހުވަފެން ޙަގިގަތަކަށް ހަދާން ހަދާން ކުރަ މަސައްކަތުގައި އެހެން މީހެއްގެ ޙައްގަކަށް އަރައިގަތުމަކީ އެއްގޮތަކަސްވެސް ރަނގަޅު ކަމެއްނޫން. ދިރިއުޅުން ބާއްޖަވެރި ކުރުމަށް ޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ހެވަސް ނުބަޔަސް ކުރުމަކީ ވަޖިބެއް ކަމަށް ދެކޭ މީހުން އުޅޭ.
އިންޑިޔާ މީހަކު ކޮމްޕިޔުޓަރ ޕްރޮގްރާމެއް ހެދުމުގައި ވަރަށް މަތީ ކަމިޔަބެއް ހޯދި. އޭނާގެ ނަމަކީ ޖާވީދު ބާޝާ. އޭނާގެ ކޮމްޕިޔުޓަރ ޕްރޮގްރާމް ހަދާ ކުންފުނި ބޮޑުވެގެން ގޮސް އިންޑިޔާގެ ސަރުކާރުގެ ބޮޑު ބޭންކެއްގެ ޕްރޮގްރާމެއް ހެދުން އޭނައަށް ލިބިއްޖެ. އެއީ އެތައް ލައްކަ ރުޕީސްއެއްގެ އަގުހުރި މަޝްރޫޢުއެއް. މަޝްރޫއުއަށް އޭނާ ކުރިމަތިލީމާ އޭނާއަށް ލިބޭން އޮތީ ބޮޑު ދެތިން މީހަކަށް ރިޝްވަތު ދީގެން. މިއީ އޭނާ ގަބޫލުކުރާ އުސޫލަކަށް ނުވި. ރިޝްވަތުދޭން އެއްބަސް ނުވުމުގެ ސަބަބުން އެ މަޝްރޫޢު އޭނާގެއަތުން ބީވެގެން ދިޔައީ. އަދި މަޝްރޫޢު ލިބޭނޭކަމަށް އޭނާ އެތައް ޚަރަދެއް ކޮށްފައިވުމާއެކު، އޭނަގެ ކުންފުނިވެސް ބަނގުރޫޓުވީ. ޖާވީދުގެ ރައްޓެއްސަކު މިކަމާއި ނުރުހުންވެގެން ވާހަކަ ދެއްކި. އޭނާއަށް ފެންނަ ގޮތުގައި ރިޝްވަތު ދީގެން ނަމަވެސް އެ މަޝްރޫޢު ހޯދުމަކީ ޖާވިދުއަށް ވާޖިބު ކަމެއް. މި ވަހާކަ ދެއްކީމާ ޖާވިދު ބުނި. ދެމީހުންގެ ޢަގީދާ ތަފާތު. ރިޝްވަތު ދިނީމާ ފަހުންވާނޭ ގޮތް އަހުރެންނަށް އެނގޭ. އެއީ ކަލޭ ގަބޫލުކުރާ ގޮތެއްނޫން. އެހެންވީމާ، ކަލެއަށް ރިޝްވަތު ދީގެން އުޅެވިދާނެ. ރިޝްވަތުދީގެން ހޯދާ އެއްޗެއް ކައިގެން ދިރިހުރުމަކީ އަހުރެންގެ ޒަމީރު ގަބޫލު ކުރާނޭ ކަމެއްނޫން.
މިއީ ތެދެއް. ރިޝްވަތާއި، އެނޫންވެސް ނުބައި ކަންތައް ކުރުމުގައި އޮންނަ ޙަގީގީ ސަބަބަކީ ހިތުގައި އޮންނަ ޢަގީދާ. ޢަގީދާއަކީ ރަނގަޅު ޢަގީދާއެއް ކަމުގައި ވެއްޖެނަމަ، ނުބައި ކަމަކުން ސަލާމަތް ވުމަކީ އުނދަގޫ ކަމަކަށް ނުވާނެ. މިއާއި ޚިލާފަށް އަގީދާ ބަލިކަށި ވެއްޖެނަމަ ނުބައި ކަމެއް ކުރާކަށް ޖެހިލުމެއް ނުވާނެ. އަދި ކީއްތޯ؟ ބައެއް ފަހަރަށް ނުބައި ކަމެއް ކުރުމަކީ ވާޖިބެއް ކަމަށް ގަބޫލުވެސް ކުރެވޭނެ. ވުމާއެކު، ނަފްސު އިސްލާޙު ކުރުމުގައި އަޅާން އޮންނަ ފުރަތަމަ ފިޔަވަޅަކީ ޢަގީދާ ވަރުގަދަ ކުރުމުގެ ފިޔަވަޅު. އެ ފިޔަވަޅު އެޅިއްޖެނަމަ، ދެން އަޅާ ކޮންމެ ފިޔަވަޅެއް އެޅޭނީ ހެޔޮ މިސްރާބުން.
އެއްކަޅިން ތާރީޚު
މިބައިގައި އަޅުގަނޑުމެން މި ބަލާލަނީ ދިވެހި ރާއްޖޭގެ އެވޭލާ ކުޅިވަރު ތަކާއިބެހޭ ގޮތުން. އެގޮތުން މިރޭ އަޅުގަނޑުމެން ބަލައިލާނި ލަނގިރި ޖެހުމާއި ބެހޭ ގޮތުން.
ލަނގިރި ކުޅިވަރު ފެށިފައިވަނީ ގާތްގަނޑަކަށް މިލާދީން ނަވާރަ ސަތޭކަ ސައްބީސް ހާ ތާނގައި. މި ކުޅިވަރު އުފެއްދެވީ މަލޭ ޙުސެން ޢަލިކަލޭފާނު ކަމަށްވޭ. މީނާއަކީ ވިހިވަނަ ގަރުނުގެ ދިވެހި ސަގާފީ ކުޅިވަރުތަކުގެ އެންމެ މަތީ އުސްތާޒު ކަމުގައިވި ޝަމްސުއްދީން ރަދުންގެ އަރިސް ބޭކަލެއް. ފުރަތަމަ މި ކުޅިވަރު އުފައްދާފައިވަނީ އަޑު ނެތް ބައިސްކޯފު ރާއްޖޭގައި ދެއްކި އިރު އެއިން ފެނުނު އިންޑިޔާ އަންހެނުންގެ ނެށުމަކުން. އެ ޒަމާނަކީ ދިވެހި އަންހެނުންގެ ފަރުދާގެ ދުވަސްވަރެއް ކަމުން އެންމެ ފުރަތަމަ މި ކުޅިވަރު ކުޅުނީ ޒުވާން ފިރިހެނުން. މިއީ ސްޓޭޖްގައި ދައްކާ ގްރޫޕް ކުޅިވަރެއް.
ލަނގިރީގެ ތަކެއްޗަށް ބަލާލާއިރު، މާބޮނޑި ލީ ދިގު ދަނޑިޔާއި، މާބޮނޑި ލީ ކުރު ދަނޑިޔާއި، މާފައްޗާއި މާބޮނޑި ހިމެނޭ. ހެދުމަށް ބަލާލާއިރު މި ކުޅިވަރުގެ ހެދުމަކީ އެ ދުވަސްވަރެއްގެ ޒުވާން އަންހެނުންގެ ދިވެހި ހެދުން. ބައިވެރިންނަށް ބަލާލާއިރު ޓީމުގައި ބައިވެރިވާނީ ކެޕްޓަނަކާއިއެކު މަދުވެގެން ވިހި މީހުން. ގިނަވެގެން ސައުވީސް މީހުން. އެއީ ނެސުމުގައި ބާރަ ނުވަތަ ސޯޅަ. އިތުރަށް އެހީތެރިންނަށް އަށް މީހުންނަށް. ވަގުތު ކަނޑައަޅަނީ ހަތެއް ނުވަތަ ދިހަ މިނިޓްގެ މައްޗަށް.
ކުޅުމަށް ބަލާލާއިރު ލަނގިރި ބެހިގެންވަނީ ބައްތިރީސް ޙަރަކާތުގެ މައްޗަށް. ސްޓޭޖަށް ނުކުންނާނީ ދެބަރިއަށް ތިބެގެން. ދިގު ދަނޑިން ލަސް ޙަރަކާތުގައި ކޮންމެ ދެމީހަކު ދަނޑިވަޅު ހަމަކޮށް ކުޅެމުން. ސްޓޭޖްގައި މިގޮތަށް ބުރެއް ދެ ބުރެއް ޖަހައި، ދެން ދެ ސަފަށް ވާގޮތަށް ބެލުންތެރީންނަށް ކުރިމަތިކޮށް އިށީންނާނީ. އެއަށްފަހު، ދެ ސަފު ކުރިމަތިވާ ގޮތަށް އެނބުރިގެން އިށީނދެ ތިބެ، ކުރު ދަނޑިން ޙަރަކާތް ހިންގެވުމަށްފަހު، ދަނޑިވަޅު ހަމަކޮށް ދެން ބޭނުންވާ މާފަތި ނަގައި، ދަނޑިވަޅަށް ހަމަވާގޮތަށް ދެ ސަފު ކުރިމަތިކޮށް ތިބެގެން ދެއަތް މައްޗަށާއި އަދި ކުރިއާއި ފަހަށް ލެބި ލަވަ ކިޔަމުން މާފަތިން ގޮތް ހަދަމުން ގެންދާނީ. މާފަތި އަދި މާބޮޑީގެ ކުޅިތަކަށް ހަރަކާތްވާނީ ލަވައިގެ ހަމަޔަށް. ކުރު ދަނޑީގެ ކުޅިތައް ހަދާނީވެސް ކެމްޓާ ހަމަޔަށް. މިއީ އިށީނދެ ތިބެ ކުރާ ޙަރަކާތާއި ކޮޅަށް ތިބެ ކުރާ ޙަރަކާތް.
ދިގު ދަނޑިން ކުޅޭނީ އަށް ހަރަކާތް. ކޮޅަށް ތިބެ ކުރާ ހަތަރު ޙަރަކާތާއި އިށީނދެ ތިބެގެން ކުރާ ހަތަރު ޙަރަކާތް. އެންމެ މަތީ ދަރަޖައިގެ ދެއްކުމެއްނަމަ، ކުޅިވަރު ނިންމާނީ އަދަބީ ސަލާމުގެ ޙަރަކާތުން.
No comments:
Post a Comment