ދިރިއުޅުން ތަނަވަސް ކުރަން ނުވަތަ ފަސޭހަ ކުރަން ބޭނުންނަމަ ހިފަހައްޓަން ޖެހޭ ހަތަރު ކަމެއް އޮވޭ. އެ ހަތަރު ގަވާޢިދުގައި ހިފަހައްޓައިފިނަމަ، އެހެން ހުރިހާ ކަމެއް އަމިއްލައަށް ރަނގަޅުވެގެން ހިނގައިދާނެ.
ފުރަތަމަ ކަމަކީ އެހެން މީހުން ދައްކާވާހަކަ އާއި މެދު ޖެހިލުން ނުވުން. ނުވަތަ އެހެން މީހަކު ހީކޮށްފާނޭ ހީ ކުރުމަކާއިމެދު ފިކުރު ބޮޑު ނުކުރުން. ބަލަންވީ ވީވަރަކަން ހެޔޮ މަގުގައި ހިފެހެއްޓޭތޯ. މީހަކަށް ގެއްލުމެއް ނުދީ ސީދާ މަގުން ދިރިއުޅުމުގެ ނައު ދުއްވަމުން ދާނަމަ، އެހެންމީހުން ދައްކާ ވާހަކަ އަކީ މާނައެއް ހުރި ވަހަކަ އަކަށް ނުވާނެ. އެހެން މީހުންގެ ހިތުގައި ތިމާއާއިމެދު އޮންނަނީ ކީކޭތޯ ބެލުމުގެ ބޭނުމެއްވެސް ނޯންނާނެ. ޢާންމު ގޮތެއްގައި އެހެންމީހަކު ބުނެފާނޭ އެއްޗަކާއިމެދު ޖެހިލުންވަނީ ނުބައި މަގުގައި ހުންނަ މީހާ.
ދެވަނަ ކަމަކީ ލިބޭ މިންވަރަށް ޝުކުރު ކޮށްގެން ހުރުން. ގިނައިން ލިބުނު ވަރަކަށް ގިނައިން ބޭނުންވާނެ. އިންސާނާގެ ހިތަކީ ދުވަހަކުވެސް ފުރޭނޭ އެއްޗެއް ނޫން. އެހެންވީމަ، އެ ހިތް ފުރޭތޯ މަސައްކަތް ކުރުމަކީ ބޭނުން ކަމެއް ނޫން. އެ މަސައްކަތް ފަށައިފިނަމަ، ވަރުބަލި ވުމާއި ނާއުންމީދުވުން ފިޔަވައި އެހެން ކަމެއް ނުވާނެ. މާއްދީ އެދުންތައް ކުޑަ ކުރުމަށްފަހު، ލިބިފައި ހުރި އެއްޗެއްގެ ބޭނުން ހިފައިގެން އުފާވެރި ޙަޔާތެއް ވޭތުކުރެވޭތޯ ބެލެމަކީ އެންމެ ބުއްދިވެރި ގޮތް.
ތިންވަނަ ކަމަކީ ބޮޑެތި ކަންތައްތައް ކުޑަ ކުރުމާއި އަދި ކުދި ކަންތައްތައް ބޮޑު ކުރުން. މާނައަކީ ބޮޑު ކަމެއް ލައިގަތީމާ މާ ބޮޑަށް ހާސްނުވެ، އެކަމަކާއި ކުރިމަތިލުމާއި ކިތަންމެ ކުޑަ ކަމެއް ކުރާން ޖެހުނަސް އެއީ ވަރަށް ބޮޑު ކަމެއް ކަމުގައި ބަލައިގެން ކުރުން. ދިމާވާ މައްސަލަތައް ޙައްލުކުރަން މިއަށްވުރެން މޮޅު ބުއްދިއެއް ނޯންނާނެ. ބޮޑުކަމެއް ޖެހުނީމަ ހާސްވެގެން ތެޅިގަތުމަކީ އެކަމެއް ރަނގަޅުވާނޭ ކަމެއް ނޫން. އެހެންވީމަ، ހަމަ ބުއްދީގެ ބޭނުން ކޮށްގެން އެކަމަކާއި ކުރިމަތިލައި އެކަމަސް ޙައްލު ހޯދޭތޯ މަސައްކަތް ކުރާންވީ. ކުޑަކުޑަ ކަމެއް ކުރާން ޖެހުނީމާ އެއީ ވަރަށް ކުޑަ ކަމެކޭ ހިތާ ފަރުވާ ކުޑަކޮށްލުމަކީ ބޮޑުކަމެއް ދިމާވީމާ، ހާސްވެގެން ތެޅިގަތުންފަދަ ކަމެއް.
ހަތަރުވަނަ ކަމަކީ އެހެން މީހުންނަށް ވުރެން ކުރީން އަމިއްލަ ނަފްސަށް މަލާމާތް ކުރުން. ކޮންމެ މީހަކީވެސް ބަލިފައެއް އޮނާނާނޭ މީހެއް. އުނި ސިފަތަކެއް ހުންނާނޭ މީހެއްމެ. އެހެން މީހުންނަށް އެ ސިފަތައް ފާހަގަ ކުރެވިގެން އެ ވާހަކަ ދައްކަން ފެށުމުގެ ކުރީން އަމިއްލަޔަށް އެ ސިފަތައް ފާހަގަ ކުރަންވީ. ކުރެވޭ ކުށަކަށް ނުވަތަ ތިމާގެ ކިބައިގައި ހުންނަ އުނި ސިފަޔަކަށް އިޢުތިރާފްވާން ޖެހިލުން ނުވުން.
މި ބަޔާން ކުރެވުނު ހަތަރު އުސޫލުގައި ހިފަހައްޓައިގެ އުޅޭ މީހަކަށް ދިމާވާނޭ މާ ބޮޑު މައްސަލައެއް ނޯންނާނެ. އޭނަގެ ދިރިއުޅުން ވެގެންދާނި އުފާވެރި ހަމަޖެހޭ ދިރިއުޅުމަކަށް. ދުނިޔޭގެ އެތަން މިތަނަށް ނަޒަރު ހިންގާލާއިރު ފެންނަ ކާމިޔާބު މީހުންގެ ކިބައިގައި މި ހަތަރު ސިފަ ނުވަތަ މީގެތެރެއިން ބައެއް ސިފަ ހުރޭ. އެމީހުންގެ ކާމިޔާބީގެ ސިއްރު ތަކުގެ ތެރޭގައި މި ސިފަތައް ހިމެނޭ.
އެއްކަޅިން ތާރީޚު
މިބައިގައި އަޅުގަނޑުމެން ބަލާލަމުން މިގެންދަނީ ދިވެހި ރައްޖޭގެ ބައެއް ކުޅިވަރުތަކާއި ބެހޭ ގޮތުން. އެގޮތުން މިރޭ ބަލައިލަނީ ފަންކުޅުމާއި ބެހޭ ގޮތުން.
ދިވެހި އަންހެނުންގެ އެންމެ ޒަމާންވީ އެއް ކުޅިވަރަކީ ފަންކުޅުން. ތާރީޚީ ގޮތުން މި ކުޅިވަރުގެ ފެށުން މީލާދީން ފަނަރަ ސަތޭކަ ފަންސާސް ވަނަ އަހަރުގެ ކުރިއަށް ގެންދެވޭ. ޕޯޗްގީޒުން ދިވެހިރާއްޖެ ހިފި އިރުވެސް މި ކުޅިވަރު ދިވެހި އަންހެނުންގެ ތެރޭގައި އޮތް.
މިއަދުގެ ސްކޫލު ކުދީންވެސް ދަންނާނޭ ފަދައިން އުތީމުގެ ޒުވާން ބޮޑުތަކުރުފާނުގެ ބޮލަށް ބާރަށު ބޯށިވަލު ބުޅާ ފާތުމާގޭ ރެހެންދި ގޮއްޔެ އޮތީ ފަން ކުޅުމުގެ ތެރޭގައި ވަރު ހުރެގެން ގޮންޖަހައިގެން ކަމުފޮޅާފައި.
ފަންކުޅުމަކީ ދިވެހިން އުފެއްދި ދިވެހި އަންހެނުންގެ މައިދާނީ ފަންތި ކުޅިވަރެއް ކަމުގައި ބެލެވޭ. މިއީ ބައި ބަހައިގެން ކުޅޭ ވާދަވެރި މައިދާނީ ކުޅިވަރެއް. މަދުވެގެން ބަޔަކަށް ބާރަ މީހުން ބައިވެރިވެގެން ދެ ފަންތިއަށް މި ކުޅިވަރު ކުޅޭ. ކޮންމެ ބައެއްގައި ވެރިއަކު ހުންނާނެ. ކުޅޭ ބިމުގެ ބޮޑު މިނަކަށް ފުޓްބޯޅަ ދަނޑެއްގެ ބޮޑު މިން ހެޔޮވަރު ކަމަށް ބެލެވޭ.
މި ކުޅިވަރު ކުޅޭ ގޮތަކީ ފަން ކުޅޭ ދަނޑަށް ނުކުމެ ބައިބަހައިގެން އިސް ނަގާނޭ ބަޔަކު އެއްބަސް ވެގެން ނުވަތަ ގުރުޢަތުން ހޯދާނީ. އިސްނަގާ ބަޔަކު "ފަން" މި ނަމުގައި މީހަކު ޚިޔާރުކޮށް އޭނާ ދިފާޢު ކުރާނޭ ދެ އެހީތެރިންނާއިއެކު ދަނޑުގެ މެދަށް އަރައި އިމުގައި ނުވަތަ މެދުގައި ތިބެ އަދި ދަނޑުގެ ދެކޮޅުގައި ދަނޑުގެ އިންވަކި ކުރާން ދިވެހި ރުކުގެ ދެ ފާން ޖަހާ. މެދުގައި ހުންނަ މީހާ ނުވަތަ މުނީފަށް ހުންނާނީ ފަން ހުގުލި ނޫނީ ނިޝާނެއް ހިފައިގެން. މި ރޭވުމުގެ މަތީން ކުޅޭ ޓީމު ދަނޑަށް އަރައި ފަނަކަށްވާ މީހާ މެދުގައި ބެހެއްޓުމުން އިދިކޮޅު ޓީމުން ހޮވަން ނުކުމެ އިދިކޮޅު ޓީމުގެ މީހެއްގެ އަތުގައި ނުޖެހި މެދުގައިވާ މުނިފަނުގައި އަތްލަނީ. މިކަން ކާމިޔާބު ވެއްޖެނަމަ އޭނާ އަކީ މަގަމު އަތުލި މީހާކަމަށް ވެގެން އެމީހާ މުނި ފަނަކަށް ވާނީ. މުނި ފަނަކަށް ވެއްޖެނަމަ، "ފަނޯތް" ގޮވާނީ. މިކަމަށް "ފަން ބޭލުނީ" މިހެން ކިޔައި އުޅޭ. "ފަނޯތް" ގޮވުމުން ލަނޑެއް ދެވުނީ. ލަނޑެއް ދެވެން ދެން ކުރީން ބުނި ޙަރަކާތް އެކި މީހުން އެކި ފަހަރުން ދައުރު ކުރާނީ. އެއްބައިން ކުޅުން ހުސްވުމުން އަނެއް ބައިން ކުޅެން އަރާނީ. ކުޅެމުން ލަނޑު އެއްކުރަމުން، ދެފަންތި އެއްބަސްވެފައިވާ ވަގުތު ހަމަ ވަންދެން ކުޅެ ނިމޭއިރު ލަނޑު ގިނަ ބަޔެއް މޮޅުވީ. ގިނަ މީހުން އޮވެގެން ފަންކުޅެ އުޅެނީ ޢީދު ފަދަ ޚާއްސަ ދުވަސް ދުވަހު ޒުވާން އަންހެނުން ނަލަ ހެދިގެން ކުޅޭ ކުޅިވަރެއްގެ ގޮތުގައި. މި ކުޅިވަރުވެސް އެކިއެކި ރަށް ރަށުގައި ކުޅުމުގައި ތަފާތު ހުރޭ.
No comments:
Post a Comment