Monday, December 5, 2011

Programme 19

އެއްދުވަހަކު ކުޑަ ފިރިހެން ކުއްޖަކު އޭނަގެ ބައްޕަ އާއި އެކުގައި ހިނގައިލާން ދިޔަ. އެއީ ފިނި މޫސުމުގެ ދުވަހެއް. މަގުމައްޗަށް ސްނޯ ފޭމުގެ ސަބަބުން އޮތީ މުޅީން ހުދުވެފަ. ދެބަފައިން ހިނގަމުންގޮސް ހަރުފަތް ތަކެއްގެ މަތީން އަރާން ޖެހިއްޖެ. ބައްޕަ ތަންކޮޅަކަށް އަރާފައި ދެފަރާތް ބަލައިލި އިރު، ދަރިފުޅު ފެންނަކަށް ނެތް. ވެއްޓުނިކަމަށް ހިތާ އެނބުރި ފަހަތަށް ބަލައިލިއިރު، ދަރިފުޅު އޭނަގެ ފަހަތުން އެބަ އާދޭ. އަންނަނި އޭނާގެ ފިޔަވަޅުމަތިގައި ފިޔަވަޅު އަޅަމުން. އާދެ. ސްނޯމަތީގައި އޭނާ ފިޔަވަޅުއަޅަމުން ދިޔަތަން ވަރަށް ރަނގަޅަށް ފެންނާންހުރި. ދަރިފުޅު އައީ އެ ފިޔަވަޅުގެ ނިޝަނުގެ މަތީގައި ފިޔަވަޅު އަާލމުން. ބައްޕަ ބަލައިލީމާ ދަރިފުޅު ހިނިތުންވެލާފައި ބުނި. ބައްޕާ ހާސްވެ ނުލައްވާ! އަޅުގަނޑެއް ނުވެއްޓޭނެ. އަޅުގަނޑު މިއަންނަނީ ބައްޕަގެ ފިޔަވަޅުމަތީގައި ފިޔަވަޅު އަޅަމުން. ކޮންމެ ދައުރަކަށް ބެލިނަމަވެސް އިންސާނުންގެ އުޅުން ހުންނަނީ ދެންމެ މިދެންނެވި ކުޑަކުއްޖާގެ އުޅުން ހުންނަ ގޮތަށް. އާދެ. ކޮންމެ ބަޔަކުވެސް ހިނގަމުން ދަނީ އެހެން ބަޔަކު ހިނގިގޮތް ބަލައިގެން އެބަޔަކު ހިނގި މަގުން. މިއީ ދުނިޔޭގެ އާދަ. ވުމާއެކު އަޅުގަނޑުމެން ވިސްނާންވީ އަޅުގަނޑުމެންގެ ފިޔަވަޅު ސީދާ ކުރެވޭތޯ. އަޅުގަނޑުމެންތިބި ޙާލަތާއިމެދު ވިސްނާލުމަކީ ކޮންމރހެންވެސް ކުރާންޖެހިފައިވާ ކަމެއް. އަމިއްލަ ނަފްސާއި ކޮށްލާންޖެހޭ ސުވާލުތަކެއް އެބަހުރި.
އަޅުގަނޑުމެން މިތިބި އެހެންބަޔަކު އަޅުގަނޑުމެންގެ ފިޔަވަޅުމަތިގައި ފިޔަވަޅުއަޅަން އެންމެ ރަނގަޅު ފެންވަރެއްގައިތޯ. އަޅުގަނޑުމެންގެ ފިޔަވަޅުގެ މަތީގައި ފިޔަވަޅުއަޅަ މީހަކު ނުވެއްޓި ސަލާމަތްވާނޭތޯ. އަދިވެސް އެހެން ސުވާލެއް. އަޅުގަނޑުމެންނަށް ފިޔަވަޅު އެޅެމުން މިދަނީ އަޅުގަނދުމެންގެ ކާބަފައިންގެ ފިޔަވަޅުމަތީގައިތޯ. މިއީ ޖަވާބެއް ހޯދަންޖެހޭ ސުވާލުތަކެއް. އެހެންނޫނީ ކުރިމަގަށް ޓަކައި އަޅުގަނޑުމެންކުރާ ފޮނި އުއްމީދުތަކެއް ފުރިހަމައެއް ނުވާނެ. ޒުވާން ޖީލު ދަތުރުކުރާންވީ މަގު ސީދާ ކޮށްގެން ނޫނީ ކުރިމަގު އުޖާލާކުރެވޭނޭ ގޮތެއް ނޯޏްނާނެ. އެމަގު ސީދާކުރެވޭނީ ޚުދު ތިމާގެ އަމިއްލަ ފިޔަވަޅު ސީދާ ކޮށްގެން. ބަޔަކު ތިމާ ހިނގާމަގުން ހިނގާނޭކަން ނުވަތަ މިހާރުވެސް ހިނގަމުން އެބަ ދާކަން ދަނެގެން އެބަޔަކު ވެއްޓުނަ ނުދީ ސަލާމަތްކުރަން ބޭނުންނަމަ، މިނޫން އެއްވެސް ގޮތެއް ނެތްކަން ކަށަވަރު. ފިޔަވަޅު ސީދަކުރަން ބަލާއިރު އިސްލާޙުކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި. ގާނުނާ ގަވާޢިދުތަކަށް ޙުރުމަތްތެރިކޮސް ހިތުމާއި އަނެކުންގެ ހެވާ ލާބައަށް އިސްކަންދިނުމާއި، ދީނަށް ލޯބިކުރުމާއި، މިހެން ގޮސް އެތައް ކަމެއް އެބަހުރި. ހިތާމައާއިއެކު ދަންނަވަން ޖެހެނީ އަޅުގަނޑުމެންގެ ގިނަ ކަންތައްތައް މިހާރުވެސް ހުރީ އިސްލާޙުކުރާން ޖެހިފައި ކަމުގައި. ވުމާއެކު ލަސްނުކޮށް ކަތިފިޔަވަޅު ސީދާ ކުރެވޭތޯ ބަލަމާ ހިންގަވާ. އެޑްމަން ބޯކަކީ އިނގިރޭސިވިލާތުގެ ވަރަށް މަޝްހޫރު ފަލްސަފާވެރިއެއް. އޭނާ ދުނިޔެއަށް ވަޑައިގަތީ ސަތާރަ ސަތޭކަ ނަވާވީސް ވަނަ އަހަރު. އަވަހާރަވީ ސަތާރަ ސަތޭކަ ނުވަދިހަ ހަތްވަނަ އަހަރު. އޭނާ ވިދާޅުވެފައިވޭ. އިންސާނިއްޔަތުގެ އެންމެ ފުރިހަމަ މަދުރަސާއަކީ ނަމޫނާއޭ. ނުވަތަ ނަމޫނާއަކަސް ވުމޭ. އެހެންނަމަވެސް އެހެން އެއްވެސް ވަސީލަތަކުން މި މަދަރުސާއަށް ވުރެން މޮޅަކަށް އުނގެނިއެއް ނުގަނެވޭނޭ.

އެއްކަޅިން ތާރީޚު

މިބައިގައި އަޅުގަނޑުމެން ގެނެސްދެމުން މިގެންދަނީ ދިވެހި ރާއްޖެއާއި ބެހޭ ގޮތުން. އެގޮތުން ދިވެހި ރާއްޖޭގެ ކުޅިވަރުތަކާއި ބެހޭގޮތުން ބަލާލާއިރު ބަނޑިޔާ ޖެހުމަކީ ދިވެހި ޒުވާން އަންހެނުންގެ ގައުމީ ފަންތި ކުޅިވަރެއް. ސްޓޭޖް ދެއްކުން ތަކުގައި ބޭނުންކުރާ ކަމެއް. ނަވާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރުހާ ތަނުން ފެށިގެން "ބަނޑިޔާ ނެށުން" މިނަމަށް މިގޮތަށް ވަނީ ބަދަލު ކުރެވިފަ. މިކަމަކީ ދެކުނު އިންޑިޔާއިން ގެނެވުނު ކަމަސް ބުނެވޭ ކުޅިވަރެއް. ވިހިވަނަ ގަރުނުގެ ކުރިން މިއީ ފިރިހެނުންގެ ކުޅިވަރެއް. އޭރު މިކަމަކީ ދޭދޭ މީހުންގެ އެކަހެރި ކުޅިވަރެއް. ފަހަކަށް އައިސް މާލެ އަތޮޅު ކާށިދޫ އާއި އަދި ރާއްޖެތެރޭގެ ދޭދޭ އެކިއެކި ރަށްރަށުގައި އަންހެނުންގެ ގައުމީ ކުޅިވަރެއްގެ ގޮތުން މިކަން ކުރޭ.
މި ކުޅިވަރަށް ބޭނުންކުރާ ތަކެއްޗަކީ ދިވެހި ގައުމީ ހެދުން، ލޯ ބަނޑިޔާ، ކުޅޭ ކޮންމެ މީހަކަށް، ހެދުމާއެކު މި ކުޅިވަރަށް ބޭނުންކުރާ ކުދި ތާރައާއި މާފައްޗާއި އަތު ގިގުނިފަތި، މާގަނޑުލީ ކުރުދަނޑި. އަދި މި ތަކެތީގެ އިތުރަށް ޓީމުގައި ބައިވެރިވާ ކޮންމެ މީހެއްގެ ކަނާއަތު މެދު އިނގިލީގައި ޓިބުލި އަނގޮޓިއެއް އޮންނަންވޭ. ހަމައެހެންމެ ކޮންމެ މީހެއްގެ ދެފައިގާ ގިގުނި ފަތި އޮންނަންވާނެ.
ޓީމު ހަމަޖެހިފައިވާ ގޮތަށް ބަލައިލާއިރު ބަނޑިޔާ ނެށުމުގެ ޓީމު އެކުލެވިގެންވާނީ ކެޕްޓަނަކާއި އެކު ފަންސަވީސް މީހުންގެ މައްޗަށް. ދިވެހި ހެދުން ކަމުގައި ހިމަނަނީ ކަސަބު ބޯވަޅުއެޅި ދިވެހި ހެދުން ނުވަތަ ނަމްބަރު ހެދުންނޫނީ ފާސްކުރި ހެދުން.
ނެށުމަށް ބަލައިލާއިރު މި ނެށުމަށް ފެށޭނީ ދެ ބަރިއަށް އިށީނދެ ތިބެގެން. ޙަރަކާތް ފައްޓުވާ ހުއްޓުވާނީ އިސް ބަނޑިޔަލުން ކެޕްޓަން. ފަށާނީ ލަސްލަވައިން. މި ލަވައިގައި ކުރާނީ ހަތަރު ޙަރަކާތް. އެއިން ކޮންމެ ޙަރަކާތެއް ތިންފަށް ކުރާނެ. ދެފައި މައްޗަށް އިށީނދެ ތިބެގެން، ދެސަފު ކުރިމަތިމާ ގޮތަށް ކުރިއަށް ތިން ހެލުން، ކަނާތަށް ވާތަށް ކޮންމެ ފަރާތަކަށް ތިން ހެލުން. ލަސް ލަވައިގައި ކޮންމެ ހެލުމެއް ނޫނީ ކޮންމެ ލެނބުމެއްގައި ޙަރަކާތް ކުރާނީ ގާތްގަނޑަކަށް ވަށަ ބުރެއްގެ ތިންބައިކުޅަ އެއް ބަޔަށް. މި ޙަރަކާތްތަކުގެ އެންމެ ފަހު ޙަރަކާތް ނިމޭ ތަނުން އިސް ބަނޑިޔަލުން ލަވަ ބަދަލުވާނީ މެދު ލަވަޔަށް. މެދު ލަވަ ފެށުމާއެކު ފަތީގެ އިސް ބަނޑިޔަލުގެ ޙަރަކާތާއި އެކު ޓީމު އެކުގައި ތެދުވެ ދެ ސަފު ބައިކުރުމުގެ ޙަރަކާތް ފެށޭނެ. މި ޙަރަކާތުގައި އެއްސަފަށް، ދެ ސަފަށް، ތިން ސަފަށް ބަދަލު ވަމުން، ކުޅެމުން ރަމްޒުކޮށް ދައްކަން ބޭނުންވާ ނިޝާނެއް ވާނަމަ، ކުޅުމުގެ ޙަރަކާތުގައި އެ ރަމްޒު ދައްކައި އަލުން ސަފު ބައިކޮށް ހަމަޖައްސައި، އެގޮތަކަށް ތިބެ، މައިގަނޑާއި ކަޑިއަށް ކުޅި ހަމަކޮށް. ޙަރަކާތް ކުރުމަށްފަހު، އަލުން ކަޑި ކިޔުމާއިއެކު ދެ ސަފަށް އެރުމަށް ޓަކައި ހަރަކާތް ފަށައި، ލަވައިގެ ކަޑި ހުސްކޮށް، މައިގަނޑުގެ ނިމުމުން ފަތީގެ އިސް ބަނޑިޔަލުގެ ޙަރަކާތާއި އެކު ދެފަތި އިށީންނާނެ.
ކުޅި ހެދުމުގައި ބަނޑިޔާ ގެންގުޅޭނީ ދިވެހިންގެ މަސައްކަތްތެރި ކަމުގައި ބަނޑިޔާ ބޭނުން ކުރަ ގޮތްތައް ދޭހަ ކޮށްދޭ ގޮތަށް.  ބަނޑިޔާ ނެށުމުގައި އެކަކު އަނެކަކަށް، އެއްސަފު އަނެއް ސަފާ، ބަނޑިޔާ ބަދަލު ކުރޭ. ދެ ސަފަށް އިށީން ތަނުން އިސް ބަނޑިޔަލުން އަވަސް ލަވަޔަށް ބަދަލުކުރޭ. މިގޮތަށް ލަވަ ބަދަލު ކުރުމުން އިށީނދެގެން ތިބެ ދެ ސަފުން ޙަރަކާތްވެ ބަނޑިޔަ ބަދަލުކުރުންވެސް އޮވޭ. މި ބަދަލު ކުރުމުގައި ކުރިމަތިން ކަނާއަތް މަތިން ވާތްމަތިން ބަނޑިޔާ ބަދަލު ކުރާނީ. މިގޮތަށް ކުޅި ހަމަ ކުރުމުގައި ތިންފަށަށް ބަދަލުވާނެ. މިގޮތަށް ބަދަލު ކުރުމުގައި އިތުރަށް ހަރަކާތް ކުރުމަކާއި ނުލައި އެހިސަބުބް ލަވަ ނިމުނީ.

ބަނޑިޔާ ނެށުމުގެ ހުރިހާ ޙަރަކާތްތަކަކީވެސް ދިވެހި އަންހެނުންގެ ގުނަވަންތަކުގެ ޖަޒުބާތީ ޙަރަކާތެއް. ބަނޑިޔާ ނެށުން ނިންމަނީ ސަފުތައް ތެދުވެ ދެ ބަރިއަށް އެތުރި އޯޑިޔަންސަށް ކުރިމަތިކޮށް ސަލާމަށް ތިރިވެލުމަކުން. އެއަށްފަހު، ކެޕްޓަން ކުރީގައި ހުރެ އެއްސަފަށް ލަސް މިޔުޒިކެއްގައި، ހަމަހިމޭން ރާގެއްގައި، އެ ހަމަޔަށް ޓީމު ކުދީން ވާތު ކިހިލީގައި އޮތް ބަނޑިޔަލުގައި ކަނާތުން ހަމަޖަހައި ލަވަ ކުޅެމުން ސްޓޭޖުން ފައިބައިގެން ދަނީ. ބަނޑިޔަ ނެށުމަށް ސްޓޭޖަށް އަރަނީވެސް ހަމަ މި ޙަރަކާތުގައި. 

No comments:

Post a Comment