Monday, December 5, 2011

Programme 32

އިންސާނާގެ ސިއްޙަތާއިމެދު ސަމާލުކަން ދޭން އެނގެނީ ދެން ސަލާމަތް ނުވާ ވަރު ވީމަ. ރައްކާވެ ތިބިއްޔާ ދަތުރޭ  ކިޔާ އުޅުނަސް އެއީ ކީކޭކަން ވިސްނާނީ ވަގުތު ފާއިތުވާ ފަހުން. ސިނގިރޭޓްގައި ހުރި ނުރައްކާތެރިކަން އެންމެންނަށް ވެސް އެނގޭ. ދުންފަތަކީ ރަނގަޅު އެއްޗެއް ނޫންކަން ކުޑަ ކުދިންނަށްވެސް އެނގޭ. އެހެންނަމަވެސް ކެއުމުގެ އަދަކާދަ ގެންގުޅެންވީ ގޮތް ގިނަ ބަޔަކަށް އެނގޭ. ތެޔޮ އެއްޗެހި ރަނގަޅު ނޫންކަން އެނގޭ. ގެރިމަހާއި ބަކަރި މަހަކީ ހިތަށް އެހާ ރަނގަޅު އެއްޗިއްސެއް ނޫންކަން ވަރަށް ގިނަ ބަޔަކު ދަނެގަނޭ. އެހެންނަމަވެސް ހަށިގަނޑު ފަލަވެ ބަރުހެލި ވަމުން ދިޔުމަކީ ލޭ މައްޗަށް ދިޔުންފަދަ ހަކުރުބަލި ޖެހުން ފަދަ ކަންތައްތައް ދިމާވާ ކަމެއްކަން ވިސްނޭ. އެހެންނަމަވެސް، މީ ކީއްވެގެން ވާންވީ ގޮތެއްތޯ؟ ފަރުވާ އެހާ ބޮޑަށް އެ ކުޑަވަނީ ކީއްވެގެންބާ؟ ކައިލާ ހިތްވުމުން ކައިލެވޭ. ދުންފަތުގެ އިސްތިޢުމާލު ކުރާ ހިތްވިމާ ދުންފަތުގެ އިސްތިޢުމާލު ކުރޭ. ވިސްނައިލުމެއްނެތި. ކާމިންވަރަށް ބަލައިލާ އުޅެނީވެސް މަދު ބައެއް.
މިތަނުގައި މި ބުނެދެނީ ރީޑާރސް ޑައިޖެސްޓުން ނަގާފައިވާ މަޒުމޫނެއްގެ ތަރުޖަމާއެއް. އެ މަޒުމޫނުގެ ސުރުޙީއަކީ "ކަލޭގެ ބަނޑު ކަލެއަށް ކުޑަ ކުރެވިދާނެއެވެ." މި މައިގަނޑު ނަމުގައި އެވާ "ކުޑަ ކުރެވިދާނެ" މި ލަފްޒަށް ބާރުލާފައިވޭ. ކަލެއަކީ އަބަދުވެސް ކާއެއްޗިއްސަށް ލޯބިކުރާ މީހަކީމޭ. އެކަމަކު ފަހަކަށް އައިސް ކަލޭގެ ބަނޑެކޭ ފޫ ނެތް ފަޔެކޭ އެއްވަރޭ ހީވާ ގޮތް ވޭދޯއޭ. ދެ ސައެއްގެ ދޭތެރޭގައިވެސް ކޮންމެވެސް އެއްޗެއް ކައިލުމަކީ އެއްވެސް ކަމެއް ނޫންދޯއެވެ. އެހެން އެވަނީ ކަލޭގެ ބަނޑުގެ ޖާގަ ބޮޑުވަމުން ދާތީކަން އެކަށީގެން ވޭ. އާނއެކެވެ. ތަޖުރިބާ ކާރުން ބުނަނީ އެހެންނެވެ. ކަލޭގެ ބަނޑު މާނައަކީ ކައެއްޗެހި އެޅޭތަން ކަލޭ ކައި އުޅޭ ނިސްބަތުން ބޮޑުވެ، ކުޑަވޭ.  ކެއުމުގެ އާދަ ކާދަ އާއި ބެހޭ  ތަޖުރިބާ ކާރެއް ކަމުގައިވާ ޑޮކްޓަރ ރޮބިންސް ފިލިޕްސް ބުނުއްވަނީ ގިނައިން ކޭވަރަކަށް ގިނައިން ކެވޭނެއޭ. ގިނައިން ކާވަރަކަށް ބަނޑު ބޮޑުވުމުން ގިނައިން ކާންޖެހޭ. މިކަމާއި ބެހޭ ގޮތުން ދޭން އޮތް ރަނގަޅު ޚަބަރަކީ ހަމަ އެންމެ މަހެއްހާ ދުވަހުގެ ތެރޭގައި ކާމިންވަރު މަދު ކުރެވިދާނެ. އުނދަގުލެއް ނެތި ހަމަޖެހޭ ވަރުވާ މިންވަރަށް ކާ ކެއުމުން ކުރިއަށްވުރެން މަދު ކުރެވިދާނޭ. ނަތީޖާއެއްގެ ގޮތުން  އެތައް ކިލޯއަކުން ހަށިގަނޑު ލުއި ކޮށްލެވިދާނޭ. ބަނޑުގެ ސައިޒު ބޮޑުވަމުން ދިއުމާއި، ހައްތާ ގިނައިން ކާން ބޭނުން ވުމާއި، ދެމެދުގައި ގުޅުމެއްވާކަމުގައި  ގިނައިން ކާ މީހުންނާއި ބެހޭ ތަޖުރިބާކާރުން ގަބޫލު ކުރައްވާފައިވޭ. ސައިކޮލޮޖިސްޓެއް ކަމުގައިވާ  އެލަން ގެލިއަބްޓަރ ސާދަ މީހަކު ދިރާސާ ކުރެއްވި. މި އެންމެންނަކީވެސް އާދަޔާ ޚިލާފަށް ފަލަވެފައި ތިބި މީހުން. ނިއު ޔޯކްގެ ރިސާޗް ސެންޓަރެއްގައި މި ހޯދުނު ހޯދުން ތަކުގައި މި ސާދަ މީހުންކުރެ ކޮންމެ މީހެއްގެ ބަނޑަށް ފުއްޕާ ހަމެއް ލެއްވި. މި ހަން އޮންނަނީ ހޮޅިއަކާއި ގުޅާފައި.  ބަނޑުގެ ސައިޒް ބެލުމަށް. މި ހަމަށް ފެންއަޅައި ފުރާލި. މިއިން ކޮންމެ މީހަކުވެސް ހެޔޮވަރަށް ބަނޑު ބޮޑުވާ ވަރުވީ ހަތަރު ތަށި ފެނުން. އެއަށްފަހު ހަތަރު ހަފްތާ ވަންދެން މި ސާދަ މިހުންނަށް ކެލޮރީ ޢަދަދު މަދު ކެއުން ކާންދިން. މި މުއްދަތު ހަމަކޮށްފައި ބެލި އިރު، މިއިން ކޮންމެ މީހަކުވެސް ބަނޑު ބޮޑުވާ ވަރުވަނީ ތިން ތަށި ފެނުންކަން އެނގުނު. ކުރިއަށް ވުރެން ހަތާވީސް އިން ސައްތަ ދަށަށް ދިޔަ. މިއީ އާދައިގެ މިހަކަށްވެސް ބަނޑު ބޮޑުވާން ބޭނުންވާނޭ މިންވަރު. ކަލޭގެ ބަނޑުގެ ޖާގަ ބޮޑުވަމުން ދިއުމަށް ކިހާ ދުވަހެއް ނަގާ ހެއްޔެވެ؟ ބައެއް ތަޖުރިބާކާރުން ބުނުއްވަނީ ދެ ހަފްތާ އާއި ހަތަރު ހަފްތާ ވަރުވާނޭ ކަމަށް. މިއީ އާދަޔާ ޚިލާފް ގިނައިން ކާ ކަމަށް ވަންޏާ ބަނޑުގެ ޖާގަ ބޮޑުވާން ނަގާ މުއްދަތު. ހާލަކުން ފަހަރަކު ނުކައި ދޫކޮށްލުމަކުން މާކަ ބޮޑު ތަފާތެއް ނެތް. އެހެން ނަމަވެސް މި ކާހިތްވާ ކާހިތްވުން ކޮންޓްރޯލް ކުރުމަށް އެހީ އަކަށް ވެދާނޭ ކަމެއް. ނުކައި ދޫކޮށްލާ ރޭގެ ހެނދުނު ތެދުވާ އިރު ހާންތިވެފައި ހުރުމަކީ ހީވާ ގޮތެއްނޫން. އެއީ ވެދާނެ ކަމެއް. އަދި ކާނާ ބޭނުންވާ ވަރަށް އިތުރު ވެފައިވެސް ހުރެދާނެ. ކެއުން ބުއިމުގެ ބައެއްކަހަލަ އާދަ ތަކުގެ ސަބަބުން މާ ގިނައިން ކެއުމާއި ކާހިރްވެފައި ހުރުން އެކަށީގެންވޭ. ބަނޑުގައި ގޭސް ހެދުމާއި ބެހޭ ގޮތުން ފަރުވާ ކުރައްވާ ލޯރެންސް ޗެސްކިން ބުނުއްވަނީ، ކެއުން ކޮންޓްރޯލް ކުރާށެވެ. މުޅި ދުވާލު ހަތަރުދަމު ވަރަށް މަދުން ކައިގެން ހުންނާށެވެ. އަދި ރޭގަނޑު ހެސްކިޔާފައި ކައިގެން ދެކޮޅެއް ނުޖެހޭނެއެވެ. ކެއުން ކޮންޓްރޯލް ކޮށްދޭ ތަޖުރިބާ ކާރުން ބުނަނީ ކެއުމެއް ވައްޓާލުމުން ވާގޮތަކީ ކެލޮރީ ކޮޅެއް މަދުވަނީ ކަމުގަ. ދުވާލު ހައިކަން މަތީގައި ހުންނަންވީ. އަދި އެގޮތުގައި ހުންނަން އާދަ ކުރަންވީ.
އަޅުގަނޑާއި ބައްދަލުވި ގިނަ މީހުން ބުނަނީ ހުރިހާ ބަލިތަކެއްގެ އަސްލަކީ ބަނޑު ކަމުގައި. އެއީ ތެދެއް. މީހަކު ކަންނެތް ކުރުވައި ލޮޑު ކުރުވައި އޭނާގެ ތަބީޢަތް ސަކަރާތް ކުރުވަނީ ބަނޑުގެ ސަބަބުން. ބަނޑޭ މިތަނުގައި މިދަންނަވަނީ ކައިގެން  ބަނޑު ފުރައިގެން ހުންނަ ވަރާއި ބަނޑު ފުރާލައިގެން ހުންނަނީ ކޯއްޗެއް ކައިގެން ހުންނަ ކަމުގެ ވާހަކަ.
އާދަވެގެން މަސް ކައިގެން އުޅޭ މީހުން ހަފްތާއަކަށް މަސް ކެއުން ހުއްޓާލައި ތަރުކާރީއާއި މޭވާ ކައިގެން ހިފަހައްޓާލެވޭތޯ ބަލަ. މިއީ މަހުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހައިގެ ބައި ދުރުކޮށްލުމަށް ކުރާ ކަމެއް. ޔޫރަޕްގައި ވެޖްޓޭރިއަނުން ނުވަތަ ހަމައެކަނި  ތަރުކާރީ ކާ މީހުން ގިނަ ވަމުން ދާން ފެށީ އެއްގަމާ މަހާ ކަނޑުމަހުން ހަށިގަނޑަށް ޖެހޭ ކެންސަރު ފަދަ ލޭ މައްޗަށް ދިއުންފަދަ ބަލިބަލީގެ ސަބަބަކަށް އެފަދަ އެއްޗެހި ވާކަން ހޯދުން ތަކުން އެނގުނީމާ.

އެއްކަޅިން ތާރީޚު                   

މިބައިގައި މިރޭ އަޅުގަނޑުމެން މިރޭ ބަލައިލާނީ ދިވެހި ސަގާފީ ކުޅިވަރުތަކުގެ ތެރެއިން ބޮޑުބެރު ޖެހުމާއި ބެހޭ ގޮތުން. ބޮޑުބެރު ޖެހުމަކީ ދިވެހި ފިރިހެނުންގެ ކުޅިވަރުގެ ތެރެއިން ސްޓޭޖް ގްރޫޕް ކުޅިވަރެއް. މިކަމުގައި އޮންނަނީ ބެރު ޖެހުމާއެކު ގިނަ މީހުން ބައިވެރިވެގެން ލަވަ ކިޔުމާއި ނެށުމާއެކު ބައެއް ކަހަލަ މަންދީރާ އާއި އަޑު ނެރޭ އެކި އެކި އެއްޗެހިން ލަވަ ހަމަކޮށް ކުޅުން. މި ކުޅިވަރަކީ މީލަދީން އަށާރަ ވަނަ ގަރުނުގެ ކުރީ ކޮޅުގައި މެދު ތެރޭގެ އެފްރިކާގެ ސޯމާލިޔާގެ ހިސާބު ގަނޑުން އައިސްފައިވާ ކުޅިވަރެއް ކަމަށްވޭ. މި ކުޅިވަރަށް ގައުމީ ބަދަލު އައިސްފައިވޭ. އެފްރިކާގެ ބަބުރުންގެ ބަޔަކު މި ކުޅިވަރު ދިވެހީންގެ ތެރޭގައި ފެށިކަމަށްވެސް ބުނެވޭ. މިއީ ދިވެހީންގެ ހުރިހާ ޢުމުރެއްގެ މީހުންގެ މެދުގައި ވަރަށް ދިރުން ހުރި ކުޅިވަރެއް. ބޮޑު ބެރުގައި ބޭނުން ކުރާ އެންމެ ފޯރިހުރި ޚާއްސަ ކަމަކީ ބަބުރު ލަވައިގެ ނަމުގައި ޖަހާ ބެރަކާއިއެކު ކިޔާ ލަވަޔާއި އަދި އޭގެ ހަމަޔަށް ނަށާ ނެށުން. އަދި މަންދީރާ އާއި އޮނުގަނޑުގައިވެސް ކުޅެމުން. ބޮޑުބެރު ޖެހުމުގައި ތާލުތައް އެއްހަމައަށް ފެތިފައިވާ ލަވަތައް ގިނަ. އާދައިގެ ގޮތުގައި ބޮޑުބެރު ފެށެނީ ފަސްތަށިވަޅު ލަވަ ނަމުގައި ބޭނުންކުރާ ލަސް ލަވަޔަކުން. ދެން މެދު ލަވަ. ދެން އަވަސް ލަވަ. މިގޮތަށް ލަވައިގެ ހަމަ އަވަސްކުރަމުން ގޮސް ލަވަ ބައެއް ހަމަ ޖައްސާފައި ހުރޭ. ބޮޑުމާލި ލަވަ، ޢަރަބި ލަވަ، ޖާވީ ލަވަ، ބަބުރު ލަވަ، ކާށިމަޖާ ލަވަ، މި ނަން ނަމުގައި ލަވަ ބަޔަސް ނަންދީފައި ހުރޭ. މިއިން ކޮންމެ ލަވަޔަކަށް އެ ލަވަޔަކަށް ފެތޭ ނެށުމެއް އެކަކު ދެމީހަކު ތެދުވެ ނެށުން އޮވޭ. މި ކުޅިވަރުގައި އެންމެ މަތިކޮށް ހުންނަނީ ބެރުގެ އަޑު. ބުންޒީލަ ގަދަކޮށްފައި ހުރޭ. ބޮޑުބެރު ޖެހުމަކީ ދިވެހީން ވަރަށް ޝައުގުވެރި ކުޅިވަރަކަށް ބެލެވޭނެ. އެކަމުގައި ހަމީހުންނަށް ވުރެން މަދުން ބައިވެރި ވެވޭނެ ގޮތެއް ނޯވޭ.  އެގާރަ މީހުން ހެޔޮވަރު. މި ކުލިވަރުގެ ހެދުމަކީ އެދުވަސްވަރެއްގެ ދިވެހި ފިރިހެނުންގެ ހެދުން. މި ކުލިވަރަށް އާދައިގެ ބެރަށް ވުރެން ބޮޑު ދެ ބެރު ނުވަތަ ތިން ބެރު ބޭނުން ކުރޭ. އިސް ބެރެއް އޮވޭ. އެ ބެރެއް އޮންނާނި ޓީމުގެ ވެރިމީހާގެ އަތުގައި. ފޮނަ ޖަހާނީ ނުވަތަ ޒީލަ ޖަހާނީ އެބެރުގަ. އަނެއް ބެރަކީ މާނަ ނުވަތަ ބުންޖަހާ ބެރު. އޮނުގަނޑު ކިޔާ އެއްޗެއް އޮވޭ. އެއީ ގާތްގަނޑަކަށް އެކެއް ދެބައި ކުޅަ އެއްބައި ފޫޓުގެ ދިގުމިނު ލަކުޑިން ހަދާފައި އޮންނަ ހޮޅިއެއް ކަހަލަ އެއްޗެއް. ފިތްފިތަށް ކޮނެ ފަށްނަގާފައި ހުރޭ. އޭގައި އެކި ހަމަޔަށް ފެތޭ ގޮތަށް ހިމަވަރެއްގެ ހަރު ދަނޑިކޮޅެއް ނުވަތަ އެފަދަ އެއްޗަކުން ބާރަށް ދެއަތަށް ކާތާ  އަޑު ނެރޭނެ. މީގެ އިތުރުން މަންދީރަވެސް ބޭނުން ކޮށްފާނެ. އާލާތް ހިފައިގެން ތިބޭ މިހުންގެ އިތުރުން ތިބޭ މީހުން ލަވަ ހަމަކޮށް އަތްތިލަ ބަޑި ޖަހާނެ. އަދި ބަބުރު ނެށުން ދޭދޭ މީހުން ނަށާނެ. ބޮޑުބެރު ޖެހުމުގައި މެދުމިންވަރަކަށް ބެލެވެނީ ކުރިން ބުނެވިދިޔަ ފަދައިން އެގާރަ މީހުން. އެއީ ބޭނުންކުރާ ކޮންމެ އެއްޗަކަށް މީހަކާއި ލަވައިގައި ނަގާ ކިޔާ މީހާގެ އަޑުދަށުން ޒުވާބު ކިޔާނެ މީހުން. މީގެ ތެރޭގައި ނަށާމީހުންވެސް ހިމެނޭ.

Programme 31

ފްރެޑްރިކް ލޭންގްބްރިޖް އަކީ އިނގިރޭސި ޅެންވެރިއެއް. އޭނަ އުފަންވެ ވަޑައިގަތީ އަށާރަ ސަތޭކަ ސާޅީސް ނުވަވަނަ އަހަރު. ނިޔާވީ ނަވާރަ ސަތޭކަ ތޭވީސް ވަނަ އަހަރު. އޭނާ ހައްދަވާފައިވަ ޅެމެއްގެ ބައިތެއްގައިވޭ. މީހަކު ދަނގަޑު ތޭރި ތަކުގެ ތެރެއިން ބޭރު ބަލަނީ. އެކަކަށް ފެނުނީ ކިސަޑު. އަނެކަކަށް ފެނުނީ ތަރި.
ހަމަ މިވާހަކަ ފާރިސީ ޅެންވެރިޔަކު މާ ރީތިކޮށް ބަޔާން ކޮށްދެއްވާފައިވޭ. އޭނާ ވިދާޅުވެފައިވޭ. އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތީ ހަމައެކަނި އަޑު އިވޭ  ގޮތުގެ ތަފާތު. ކަލެއަށް ވިސްނޭ ގޮތުގައި އެ އިވޭ އަޑަކީ ދޮރު ލައްޕާ އަޑު. އަހަރެން ދެކެނި އެއީ ދޮރު ހުޅުވާ އަޑު ކަމުގަ.
ގަސްގަހުގައި މަލާއެކު ކަށިވެސް ހުރޭ. އިންސާނާ ދިރިއުޅޭ މުޖުތަމަޢުގައި ކަންތައް ހުންނަ ގޮތަކީ ވެސް މިއީ. މުޖުތަމަޢުގެ ޙާލަތަށް ބަލާއިރު ނެދެވޭ ކަންތައްތައް ކިތަންމެ ގިނައިން ފެނުނު ކަމުގައި ވިޔަސް ހަމަ މި މުޖުތަމަޢުގައި އެދެވޭ ކިތަންމެ ކަމެއް ހުންނާނެ. ކަންތައްތަކުގެ ބޭރުފުށް ބަލަން އާދަވެފައި ހުންނަ މީހަކު ކޮންމެ އެއްޗެއްވެސް ބަލާނި މަތިމަތިން. ފުންކޮށް ވިސްނައިގެން ފޮރުވިފައިވާ ކަންތައްތައް ދެނެގަތުމަކީ އެފަދަ މީސްމިހުންނަށް ކުރެވޭ ކަންކަމެއް ނޫން.  އެކަމަކު ފުން ވިސްނުމާއި ދުރަށް ނަޒަރު ހިންގަން އެނގޭ މީސްމިހުންނަކީ ނެދެވޭ ކަންތައްތަކާއެކު އެދެވޭ ކަންތައްތައްވެސް ދެނެގަނެ ކާމިޔާބި ލިބިގަންނަ މީހުން. 
މި ދުނިޔޭގައި ކިސަޑުވެސް އެބަ ހުރި. އަދި ތަރިވެސް އެބަ ހުރި. އެކި މީހުންނަށް ފެންނާނީ އެކި ތަކެތި. އެކަން ބިނާވެފައި އޮންނަނި އެމިހެއް ނަޒަރުގެ މައްޗަށް. އިވެނި އެއް އަޑެއް. ވިސްނުން ކޮށި މީހާ ބަލަނީ އެއީ ދޮރު ލެއްޕުނު އަޑު ކަމަށް. އެހެންނަމަވެސް އެއީ ދޮރު ހުޅުވުނު އަޑުކަމަށް ވިސްނުން ތޫނު މީހަ ދެނެގަނޭ.
މި ހުރިހައި މައްސަލައެއް އުފެދެނީ  ސިކުނޑީގަ. ސިކުނޑިގައި އެ މައްސަލަތއް ފަނާވެސް ކުރެވިދާނެ. އެހެންނަމަވެސް އެކަން ކުރެވޭނި ހެޔޮ ވިސްނުމުގެ ބޭނުން ކުރީމަ.
ޙަގީގަތުގައި މި ދުނިޔެއަކީ ބުއްދީގެ އިމްތިޙާނެއް. ހަމަ ބުއްދިއާއި ހެޔޮ ވިސްނުމުގެ ބޭނުން ކުރާ މިހާ އޭނާ ބޭނުންވާ މަންޒިލަށް ދާނޭ  ހެޔޮ މަގު ހޯދާނެ. ހެޔޮ ވިސްނުމުގެ ބެނުން ނުކުރާމީހަކާއި ކުރިމަތިވާނި ގެއްލުމާއި ބަރުބާދީ.
ކަނޑުގައި ރާޅު ހުރޭ. ކަނޑުގައި އުޅަނދު ދުއްވާ މީހަކަށް މަޖްބޫރު ވާނީ ރާޅުތަކާއި ތޫފަނުގެ ތެރޭގައި އޮޑި ދުއްވައިގެން އޭނަ ބޭނުންވާ މަންޒިލަށް ވާސިލްވުން. ޖަންގަލިގައި ބޮޑެތި ގަސްގަހާއި ނުލަފާ ޖަނަވާރު ހުރޭ. ޖަންގަލީގައި އުޅޭ ޖަނަވާރުތަކަށް ޖެހެނީ  ޖަންގަލިގެ ނުރައްކާތެރި ޙާލަތުން ނުރައްކާތެރި ޖަނަވާރު ތަކުން ސަލާމަތްވެގެން ދިރިއުޅުން ވޭތުކުރަނޭ ރަނގަޅު ގޮތެއް ހޯދަން.
އިންސާނާ ދިރިއުޅޭ މުޖުތަމަޢުގެ ކަންތައްތައް ހުރީ ވެސް މިކަހަލަ ގޮތަކަށް. އިންސަނުންގެ ތެރޭގައިވެސް އުޅެނީ އެކިކަހަލަ މީހުން. އެކެއްގެ މަސްލަޙަތު އަނެކެއްގެ މަސްލަޙަތާއި ފުށު އަރާ ގޮތް ދިމާވޭ. އެކި ކަހަލަ ސަބަބުތަކާ ހުރެ މީސް މީހުންގެ މެދުގައި ޚިޔާލު ތަފާތު ވުވުމާއި ހިތްހަމަ ނުޖެހޭ ގޮތް ދިމާވޭ. މިކަހަލަ މޮޅު ދެރައިގެ ތަފާތުތައް މުޖިތަމަޢުގައި އުފެދުނީ މިއަދަކު ނޫން. އެއި ފެށުނީއްސުރެން އޮންނަ ކަމެއް. އަދި އޮންނާނެ ކަމެއްވެސްމެ. އެ ތަފާތު ޔަކާއި މައްސަލަތްއ ނައްތައިލުމަކީ ކުރެވޭނެ ކަމެއް ނޫން. މިޙާލަތްތަކުގައި އިންސާނާގެ ކުރިމަތީގައި ދިރިއުޅުމާއި ކާމިޔާބިއަށް އޮންނަނީ ހަމަ އެންމެ މަގެއް. އެއީ "އެހެން ނަމަވެސް"ގެ އުސޫލުގައި ހިފަހައްޓަން ދަސްކުރުން. ހުރަސްތައް ހުރި ކަމުގައި ވިޔަސް ކުރިއަށް ދާނޭ މަގު އަމިއްލައަށް ކޮށަން ފަރިތަ ކުރަންވީ. ހިތާމަތަކުގެ ތެރެއިން ތިމާއަށް ޓަކައި އުފާވެރިކަން ހޯދަން ދަސްކުރާންވީ. ތިމާއާއި ދެކޮޅަށް އަދާވާތްތެރީން އެކިކަހަލަ ނުބައި ރޭވުންތައް ރާވަމުން ގެންދިޔަ ނަމަވެސް އެ ހުރިހާ ރޭވުމެއް ބެކާރު ކޮށްލުމަށްފަހު، މަންޒިލާ ހަމައަށް ދެވެނޭ ކަމުގެ ޔަގިންކަމުގައި ކުރިއަށް ދާންވީ. 
މި ދުނިޔޭގައި އިންސާނާއަސް ޖެހެނީ ކަށިތަކުގެ ތެރެއިން އަތް ދިއްކޮސްފައި މައު ބިންނަން. އެކި ބަލިބަލިގެ  ޖަރާސިމުގެ ތެރޭގައި އުޅެމުން ތިމާގެ ސިއްޙަތު ރަނގަޅަސް ބެހެއްޓޭތޯ މަސައްކަތް ކުރާން ޖެހޭ. އެހެންވިމާ، އިންސަނާއަށް ޖެހެނި އޭނާގެ ހިތްހަމަ ނުޖެހޭ ކަހަލަ ކަމަކާއި ދިމާވީމާ، މާޔޫސްނުވެ ކުރިއަށްދާން. ޝަކުވާޔާއި ދެކޮޅުވެރި ކަމުގެ މަސައްކަތަށް ވަގުތު ބޭކާރު ނުކޮށް ދިރިއުޅެން. ތިމައަށް ބަދަލު ނުކުރެވޭނޭ ކަންތައްތައް ބަދަލު ކުރުމަށް މަސައްކަތް ނުކުރުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް ގަބޫލު ނުކުރުން. މަގަށް އެޅިފައިހުރި ގަތަކުގެ ތެރެއިން ލާފައި ކުރިއަށްދާން ދަސް ކުރުން. މީސްމީހުންގެ ވާހަކަތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ޙިކުމަތުގެ ބޭނުން ކޮށްގެން މައްސަލަތައް ޙައްލުކުރަން ފަށަންވީ. ލިބޭ މަދު އެތިކޮޅަށް ރުހިގެން ހުންނަ މީހާއަށް ފަހުން ގިނައިން ލިބޭނެ. ދުޝްމަނުންގެ ރޭވުންތަކަށް ކެތްކުރާނަމަ ދުޝްމަނުން ރަޙުމަތްތެރިންނަށް ބަދަލު ވެގެން ހިނގައިދާނެ.

އެއްކަޅިން ތާރީޚު             

މިބައިގައި މިރޭ އަޅުގަނޑުމެން މި ގެނެސްދެނީ ދިވެހި ސަގާފީ ކުޅިވަރުތަކުގެ ތެރެއިން ފަތިގަނޑު ޖެހުން. މި ކުޅިވަރަކީ ދެކުނު އިންޑިޔާއިން އައިކަމަށް ބުނެވޭ ކަމެއް. މިކަމުގެ ފެށުން ރައްދުވާ ޒަމާނެއް ހޯދިފައެއް ނެތް. ބުނެވޭ ގޮތުގައި އޮޅުދޫ ކަރަޔާއި އުތުރު ކަރަޔަށް ދިވެހި ނައުފަހަރު ދަތުރު ކުރި ޒަމާނުގެ ވަރަށް ދުރު އެވޭލާއަކުން ފެށިގެން ނައު ދަތުރުމަތީގައި ފަހި ވައިގައި ރޭގަނޑުގެ ހިމޭން ރީތި ހަނދުވަރު މަތީގައި ނައުފަހަރުގެ ބޯރުދޫ މަތީ ފަޅުވެރިން ތިބެގެން މި ކުޅިވަރު ކުޅެ އުޅުނު.  މިކަން މިގޮތަށް ހިނގަމުން ދިޔަ ކަމުގެ އެއް ހެއްކަކީ އެވެލާގެ އެކި ދުވަސްވަރު ނައުފަހަރުގެ ފަޅުވެރީންނަށް އުޅުނު ދޭދޭ މީހުންގެ ރަށްރަށުގައި އެމީހުން މި ކުޅިވަރު އުފެއްދިކަން އެނގޭ. ރާއްޖެ ތެރޭގެ ކަންކޮޅުތަކަށް މި ކުޅިވަރު ފެތުރުނީ މިހެންކަމަށް ވެދާނެ. ފަތިގަނޑު ޖެހުމަކީ އެކަހެރި ކުޅިވަރު ތަކުގެ ތެރެއިން ގޭތެރޭގެ ކުޅިވަރެއް. ސްޓޭޖް ދެއްކުމެއް. ބޭނުންނަމަ މައިދާނީ ކުޅިވަރުގެ ތެރޭގައިވެސް ހިމެނިދާނެ. ފަތިގަނޑު ޖެހުމަކީ ލަވަ ހަމަޔަށް ޚާއްސަ އާލާތަކުން އަޑު ނެރުމަށް ކިޔާނަމެއް. އެވޭލާ ޒަމާނުގައި މިކަން ކޮށް އުޅުނީ ފިރިހެނުން ކަމަށް ވިޔަސް މިހަރަށް ބަލާއިރު މިއީ ދެ ޖިންސުގެ އެކަހެރި ކުޅިވަރެއް ކަމުގައި ބެލެވިދާނެ. މިއީ ގާތްގަނޑަކަށް ފަނަރަ މިނިޓުގެ ގްރޫޕް ކުޅިވަރެއް.

ފަތިގަނޑު ޖަހާ މީހާ ގޮނޑީގެ މެދުގައި އިށީނދެ ދެފައިގެ ދޯގި ގޮނޑިގެ ތިރީގެ ފަތިގަނޑުގައި އަޅުވާލަނީ. އޭރު ދެ އަތުން ކުރެ ކޮންމެ އަތެއްގައި މިކަމުގެ އާލާތް ކަމުގައިވާ ދެ ޖޯޑު ފަތިގަނޑު އޮންނަންވާނެ. މަގާމުގައި އޭނާ އިށީނުމާއެކު ކުރިމަތީގައި ޑަބިޔާ ޖަހާ މިހާއާއި ގްރޫޕް ތިނެއް ނޫނީ ހަތަރު ފޫޓް ދުރު މިނުގައި މިކަމަށް ޚާއްސަ ކޮށްފައިވާ ތާނގައި ކަކޫ މައްޗަށް އިށީންނާނީ. ކުރީގައި އިންނާނީ ޑަބިޔާ ޖަހާ މީހާ. އެއީ މުރީދު. މުރީދު މިހާ ލަވަ ފެށުމާއެކު ލަވަ ހަމަކޮށް ޖަހަމުން އަތްއަތަށް ލެނގެމުން ދާނެ. ކޮންމެ ލެނގުމެއްގެ މިނަކީ ފަޅި ބުރެއްގެ ތިންބައިކުޅަ އެއްބައިހާ ވަރު. ފުރަގަހަށް ދިއުމުގެ މިންވަރަކީ ދެބައިކުޅަ އެއްބައިހާ ވަރު. މިގޮތަށް ކުޅެމުން ގޮސް ލަސްލަވަ މެދުލަވަޔަށް މެދުލަވަ އަވަސް ލަވަޔަށް ބަދަލުވުމުން ޒުވާބު ފެށި ކުޅުމުގެ އެންމެ އަވަސް ޙަރަކާތުގައި ވެދުން ގޮނޑިމަތީގައިވާ ވެދުން ފަތިގަނޑު ޖަހާމީހާ އިދިފުށަށް ގޮސް އަނގައިން ހިފައި ނަގާނެ. މެދު ލަވަ ކުޅުމުގައި ގޮނޑިން ފައިބައި ފަތިގަނޑު ޖަހަމުން އޭރިޔާ ތެރޭގައި ނަށަމުން ގޮސް ގޮނޑީގައި އިށީންނަ އިރަށް އަވަސް ލަވަޔަށް ބަދަލު ކުރާނީ.  ބާކީ ތިބޭ ބަޔަކު ލަވަ ކިޔުމާއި އަތްތިލަ ބަޑި ޖެހުން އޮވޭ. މި ކުޅިވަރުގައި މުރީދާއެކު ގްރޫޕް އެކުލެވޭނީ ދިހަ ވަރަކަށް މީހުންގެ މައްޗަށް. ފަތިގަނޑު ޖެހުމުގައި ކިޔާނީ ރައިވަރު ބެރަށް ހަމަކޮށް ކިޔާފައި ހުންނަ ފަރިއްސާއި ކެމްޓާ ހަމައިގެ ލަވަ.

Programme 30

އެމެރިކާގެ ކުރިގެ ރައީސެއް ކަމަށްވާ އެބްރަހަމް ލިންކަން ވިދާޅުވެފައިވޭ. އަހަންނަކީ ވަރަށް މަޑުމަޑުން ހިނގާ މީހެކޭ. އެކަމަކު އަހުރެން ދުވަހަކުވެސް ފަހަތަކަށް ނުހިނގަމޭ. މަޑުމަޑުން ހިނގުމަކީ ކުރިޔަށް ނުގޮސް މަޑު ކުރުމަށް ވުރެން ނުވަތަ ފަހަތަށް ހިނގުމަށް ވުރެން ރަނގަޅު ކަމެއް. އެހެނީ މަޑުމަޑުން ހިނގި ނަމަވެސް ހިނގާ ކަމުގައި ވަނީނަމަ، ދަނީ ކުރިއަށް. މިއީ ދިރިއުޅުމުގައި ކޮންމެ މީހަކުވެސް ލިބިގަންނާންޖެހޭ ވަރަށް އަގުހުރި ފިލާވަޅެއް. ދުނިޔެއަކީ ވަގުތީ ތަނެއް. ޅެންވެރިޔަކު ވިދާޅުވެފައިވާ ފަދައިން ދުނިޔެއަކީ ހުވަފެނެއް. އެ ހުވަފެނަށް ހެއްލިގެން ދިޔުމަކީ ތިމަގެ އަމިއްލަ ބާއްޖަވެރިކަން އަމިއްލައަށް ނަގައިލުން.
ދުނިޔޭގައި އުޅޭ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެތައް މުސީބާތްތަކަކާއި ކުރިމަތިލާން ޖެހޭނެ. އެއިން ކޮންމެ ކަމަކީ އިމްތިޙާނެއް. ނުވަތަ ޓެސްޓެއް. އަޖުމަ ބަލައިލުމެއް. ދަތި ތަކަކާއި ނުވަތަ އުނދަގު ތަކަކާއި ކުރިމަތިލާން ޖެހުނީމާ، ހަތިޔާރު ބަހައްޓާފައި އިށީންނަ މީހާ އަކީ ދުވަހަކުވެސް ކާމިޔާބީއެއް ލިބޭނޭ މީހެއްނޫން. ދިރިއުޅުމުގައި ދެން ލިބިގަންނާން އޮންނަ އެންމެ އަގުހުރި ފިލާވަޅަކީ އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު ކުރުން. އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު ކުރުމުގެ އެއްބަޔަކީ ތިމާގެ ޒިންމާ ހަނދާން ނައްތައިނުލުން. ތިމާގެ އަމިއްލަ ކަމެއް ކުރާން އެންމެ ބުރަ މަސައްކަތެއް ކުރާން ޖެހޭނީ ޚުދު ތިމާއަށްކަން ދެނެގަތުން. ކުރިމަތީގައި އޮންނަ ބުރަ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން ހިންދެމިލުން. އާނދޮގޭއޭ ކިޔާފައި ހިނގައިގަތުން.
ބައެއް މީހުންނަކީ އުނދަގޫ ކަމަކާއި ކުރިމަތިލާން ޖެހުނީމާ ޝަކުވާކުރާ މީހުން. ރޮއި ކަރުނަ އަޅާ މީހުން. އެފަދަ މީހުންނަކަށް ކުރިއަކަށް ނުދެވޭނެ. އެމީހުން ރޮއިރޮއި ތިއްބާ އެހެންމީހުން ކުރިއަރައިގެން ހިނގައިދާނެ. ދެން ކުރަން އޮންނާނޭ ކަމަކީ ކުރިއަރައިގެން ދިޔަ މީހުންގެ ކާމިޔާބީގެ މައްޗަށް ތިމާގެ ހިތުގައި ޙަސަދަވެރިކަން އުފެއްދުން. އެއީ ހުރިހައި ނުބައި ކަމެއްގެ އަސްލު. ޙަސަދަވެރި ކަމަކީ އިންސަނާގެ ދިރިއުޅުން މުޅިން ހަލާކުވެ ދެ ދުނިޔޭން ގެއްލިގެން ހިނގައިދާފަދަ ނުރައްކާތެރި ބައްޔެއް. ވުމާއެކު ކުރިމަތިލާން ޖެހޭ ކަންތައްތަކާއި ކެރިގެން ކުރިމަތިލާން ދަސްކުރަމާ ހިނގާ. ޝަކުވާ ކުރުމާ އެހެން މީހުންގެ ބޮލުގައި އިލްޒާމް އެޅުވުމަކީ ތިމަގެ ގާބިލިއްޔަތެއް ނެތްކަން ގަބޫލު ކުރުން. ތިމާގެ ގާބިލިއްޔަތެއް ނެތްކަމަށް ގަބޫލު ކުރުމަކީ ކުރިޔަށް ދާން އޮންނަ މަގަށް އެޅޭ ވަރަށް ބޮޑު ހުރަހެއް. އެބްރަހަމް ލިންކަންގެ ބަސްފުޅުގައި ހިފާ. ތިމާގެ ޒިންމާއާއިގެން ތެދުވެ ހިނގައި ގަތުމަށްފަހު ފަހަތަށް އެންމެ ފިޔަވަޅެއްވެސް ނާޅާ. ކުރިޔަށް ނުގޮސް، ހުއްޓި ހުންނަ މީހަކަށް ވެސް ނުވޭ. ކިތަންމެ މަޑުމަޑުން ހިނގުނަސް އެންމެ ރަނގަޅު. ދާންވަނި ކުރިއަށް. ކާމިޔާބީ އޮތީ ކުރީގަ. ފަހަތުގައި އޮތީ ނާކާމިޔާބު.

އެއްކަޅިން ތާރީޚު                

މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ސަގާފީ ކުޅިވަރުތަކާއި ބެހޭ ގޮތުން. އެގޮތުން މިރޭ އަޅުގަނޑުމެން ބަލައިލާނީ ތާރަޖެހުމާއި ބެހޭ ގޮތުން.
ދިވެހީންގެ ތެރޭގައި ތާރަޖެހުން ފެށުނު ޒަމާނެއް ހޯދޭ ވަރަށް ވުރެން  ޒަމާން ގިނަވެ ހިނގައްޖެ. މިކަން ބެލެހެއްޓުން އެވޭލާގައި އޮތީ އޭރަކު ހުންނެވި ރަސްކަލެއްގެ އަތްޕުޅު މަތިގަ. ބުނެވޭ ގޮތުގައި މި ކުޅިވަރު ދިވެހި ރާއްޖެއަށް އައީ އެތައް ގަރުނެއްގެ ކުރީން ޒަންޖަބާރުގެ މުސްލިމުންގެ ތެރެއިން. ތާރައަކީ ނުވަތަ ތާރަ ޖެހުމަކީ ފިރިހެނުންގރެ ގްރޫޕް ކުޅިވަރެއް. އަދި ސްޓޭޖް ކުޅިވަރެއްމެ. ބޭރުން މި ކުޅިވަރު ގެނެވުނު އިރު މުޅީން ބޭނުން ކުރެވުނީ ޢަރަބި ލަވަ. ލަވަ ތަކުގައި ހުންނަނީ ޒިކުރާއި ޙަމްދު. ޝުކުރާއި ސަނާ ބަޔާން ކޮށްފަ. އިސްލާމީ އަދަބު ތަކަށް ބިނާކޮށް މި ކުޅިވަރު ކުޅެމުން ކާބަފައިން މި ޒަމާނާއި ހަމައަށް ގެނައި. އަށާރަވަނަ ގަރުނަށް އެޅުނުއިރު، މާލޭގައި މިކަން ރަނގަޅަށް އޮވެ، ވިހިވަނަ ގަރުނާއި ހަމައަށް އައި އިރު މިކަމުގައި އެންމެ އިސް ބަޔަކީ އަރިއަތޮޅު ތޮއްޑޫ ޒުވާން ފިރިހެނުން. ރާއްޖެ ތެރޭގެ އެންމެ އުތުރާއި އެންމެ ދެކުނަށް ވުރެން މެދު ރާއްޖެތެރޭގެ ގިނަ ރަށް ރަށުގައި މިކަން ކުރިއަރާފައިވޭ.
މި ކުޅިވަރުގައި މަދު ޢަދަދަކަސް ބެލެވެނި ތިރީސް ފަސް މީހުން. ގިނަ ޢަދަދަކަށް ބެލެވެނީ ސާޅީސް މީހުން. މުރީދުން ނުވަތަ މުއްޕަނުން މި ކުޅިވަރުގައި ތިބޭނެ. އެއީ މުޅި ކުޅިވަރުގެ އިސްވެރިޔާ ނުވަތަ މުރީދާއި  ލަވައިގެ އިސްވެރިޔަކާއި ތާރަޖެހުމުގެ އިސްވެރިޔަކާއި އަދި އެންމެ ކުރިޔަށް ތާރައިގެ ދިދައިގެ ވެރިއެއް. ތާރަޖެހުމުގެ ފެށުން ރައްދު ކުރަނީ އަބްދުލް ގާދިރުގެފާނާއި. އެހެންކަމުން އެކަލޭގެފާނަށް ފާތިޙާ ކިޔަވާފައި ނޫނީ މިކަން ނުފަށަ. މިކަމަކީ ރޭގަނޑުގެ ސްޓޭޖް ޝޯއެއް. މަޝްރަޙީ ދެއްކުމެއް. މިކަމުގެ މެދުމިނުގެ ވަގުތަކީ ގަޑިއެއްހާ އިރުގެ ކަމަށް ބެލެވޭ.
އެންމެ އިހުގައި މި ކުޅިވަރުގެ  މީހުންގެ ހެދުމަކީ އުނުގައި ދިގު ހުދު ހަރުވާޅު އޮވެފައި، އޭގެ ބޭރުން ދެކޮޅު ނުތޯޑުވައި ރަތް މުންޑެއް. ދެން ބޮލުގައި އާބުރު ރުމާ ނުވަތަ ފަސްރޮނގު ރުމާ. އެ ރުމާ ނުވެއްޓޭނޭހެން ފުރަގަހަށް ރޮދިބައިން ޖަހާފައި ތިބޭނި ހުސްގަޔާ.

ތާރަޖަހާ ތާކަށް ވަދެގެން އަންނާނީ ކުރީގައި ޢަބްދުލް ގާދިރުގެފާނުގެ ރަތް ދިދަ. އޭގެ ފަހަތަށް އެއިރެއްގެ ރަސްކަލަކު އެބަޔަކަށް ދެއްވި ދިދަ. ރަތް ދިދައިގެ ހަތަރު ކަނުގައި ހުދު ފޮތިން ހަތަރު މަލާއިކަތުންގެ ނަންލިޔެ، ހަރުކޮށްފައި ހުންނާނެ. މެދުގައި ޝަހާދަތުގެ ދެކަލިމަ ލިޔެފައި ހުރޭ. ދިދަޔަކީ ތިންކަފި ދިދަޔެއް. ދިދަ ތަކުގައި އަމަރާލި ބަނދެފައިވެސް ހުރެދާނެ. ތާރަޖަހާ ތާކަށް ވަދެގެން އަންނާނީ ދެބަރިޔަށް ތިބެގެން. އެންމެ ކުރީގައި ދިދަ. ދެން  ޖަހާ ތާރައިގެ ފަސް މީހުން ނުވަތަ މުރީދުން. ދެން އޭގެ ފަހަތަށް ލެނގޭ ތަރައިގެ މީހުން. ފައްޗެއްގައި ސާދަ މީހުން ތިބޭނެ. 

Programme 29

ސުލްޙައިގެ ރޮނގުން ދެހާސް ހަތަރުވަނަ އަހަރު ނޯބްލް އިނާމު ލިބިވަޑައިގަތީ ކެންޔާގެ ތިމާވެއްޓަ ބެހޭ ވަޒީރުގެ ނާއިބް ވަންގެރީ މަތާއީއަށް. މިއީ ކަޅު އަންހެނަކަށް މި އިނާމު ލިބުނު ފުރަތަމަ ފަހަރުވެސްމެ. އޭނައަށް އެ އިނާމު ދިނުން އޮތީ އެ އަހަރު ނޯވޭގެ ވެރިރަށް އޮސްލޯގަ. މި އިނާމު ލިބިވަޑައިގަތް ދުވަހު ރަސްމިއްޔާތުގެ ކުޑައިރުކޮޅެއްގެ ކުރިން ބި.ބީ.ސީއިން ފޮނުވި ހާޑް ޓޯކްގައި އޮތީ ވަންގަރީ މާތާއީގެ ބަސްދީގަތުމެއް. އޭނާއާއި ކުރެވުނު ސުވާލުތަކުގެ ތެރޭގައި މީގެ އެތައް ދުވަހެއް ކުރިން އޭނާ އެއިޑްސްއާއި ބެހޭ ގޮތުން ވިދާޅުވެފައިވާ ވާހަކަތަކުގެ މައްޗަށް ކުރެވުނު ސުވާލެއް ހިމެނޭ. އޭނާ ވިދާޅުވެފައިވަނީ  އެޗް.އައި.ވީ އެއިޑްސް ވައިރަހަކީ ޔޫރަޕުން އުފައްދައިގެން އުޅޭ ބައިލޮޖިކަލް ހަތިޔާރެއްކަމަށް. އެއީ ގަސްދުގައި ތިންވަނަ ދުނިޔެ ހަލާކު ކޮށްލަން ނެރުނު ނުރައްކާތެރި ހަތިޔަރެއް ކަމަށްވެސް އޭނާ ވިދާޅުވިކަމަށްވޭ.  ބީ.ބީ.ސިއިން ކުރި ސުވާލަކީ މިހާރުވެސް އެކަން ގަބޫލުފުޅު ކުރައްވަންތޯ؟ މަތާއީ ވިދާޅުވި. އެއީ އަހަރެން ދެއްކި ވާހަކަ އޮޅުވަލައިގެން ހަދާފައިވާ ވާހަކައެއް. އަހަރެން ބުނީ އެހެންނެއްނޫން. ބީ.ބީ.ސީއިން ސުވާލުކުރި މީހާ ބުނި. އެކަމަކު ކަމަނާގެ ވާހަކަފުޅު އަޑުއެހި އެންމެންނަށްވެސް އަޑު އިވުނީ އެހެން ވިދާޅުވި އަޑު. އެއީ ކީއްވެގެންތޯއޭ؟ މާތާއި ވިދާޅުވި. އެއްވެސް މީހަކަށް ހުރިހާ ކަމެއް ނޭނގޭނެ. ނޭނގޭމީހުން ހަދާގޮތަކީ އެކަމެއްގެ މާހިރުން ވިދާޅުވާ އެއްޗެއް ތަކުރާރު ކުރަނީ. އެއިޑްސް އާއި ބެހޭ ގޮތުން ކުރިން ދެއްކެވި ވާހަކަފުޅަކީ ދޮގެއް ކަމަށް މާތާއި ވިދާޅެއްނުވޭ. އަދި އެ ވާހަކަފުޅަކީ ކޮން މާހިރެއްގެ ވާހަކައެއްގެ މައްޗަށް ވިދާޅުވި ވާހަކަފުޅެއް ކަމެއްވެސް ހަމައެއް ނުކުރައްވާ. އެހެންނަމަވެސް އޭނަގެ ވާހަކަފުޅުން އެނގުނީ ކޮންމެވެސް މީހަކު ބުނެފައިވާ އެއްޗެއް ތަކުރާރު ކުރެއްވުން ކަމަށް. މާތާއިގެ ވަހަކަފުޅުގެ އަޑު އިވުނީމާ އަޅުގަނޑުގެ ހިތަށްއެރީ މާހިރުން ވިދާޅުވާ ވާހަކަތައް އާދައިގެ މީހުން ތަކުރާރު ކުރާނަމަ، މަހިރުންގެ ބޮލުގައި އެޅޭ ޒިންމާ ހާދަހާވާ ބޮޑުވާނޭ. މާހިރުން ދައްކާ ކޮންމެ ވާހަކައަކީ ވަރަށް ބޮޑަށް ވިސްނާފައި ދައްކާ ވާހަކައަކަށް ވާންވާނޭ.
މާހިރަކަށް ވަނީ ދާއިރައަކުން އާދަޔާ ޚިލާފަށް މޮޅުވީމަ. ނުވަތަ ވަކި ކަމަކާއިބެހޭ މަޢުލުމާތު އެހެން މީހުންނަށް ވުރެން ބޮދަށް ލިބިފައި ހުރީމަ. އަޅުގަނޑުމެންގެ ތެރޭގައިވެސް މިފަދަ މާހިރުން އެބަ އުޅުއްވަ. އެކި ދާއިރާތަކުން މަތީ ފާސްތައް ނަންގަވައިގެން ވަޑާއިގެން އުޅުއްވާ ބޭފުޅުން އެބަ އުޅުއްވާ. އެތައް އަހަރެއްގެ ތަޖުރިބާގެ ސަބަބުން މާހިރުންނަށް ވެވަދައިގެން ތިއްބެވި ބޭފުޅުން އެބަ އުޅުއްވަ. މި ބޭބޭފުޅުންގެ ކޮނޑުފުޅުގައި ވަރަށް ބޮޑު ޒިންމާއެއް އޮވޭ. އެއީ މާހިރުންގެ ގޮތުގައި ނުހިމެނޭ މީހުންނަށް އޮޅުން ފިލުވައި ދެއްވުމުގެ ޒިންމާ. އެފަދަ މީސްމީހުންގެ ތެރެއަށް އެކި ސިފަސިފައިގައި ނެރުއްވާ ވާހަކަފުޅު ތަކަކީ މީހުން ތަކުރާރު ކުރައްވާނޭ ވަހަކަފުޅު ތަކެއްކަން އެނގިވަޑައިގެން ތިއްބަވައި ދައްކަވާ ވާހަކަފުޅެއް ދެއްކެވުމަކީ ވަރަށް މުހިންމު ކަމެއް.

އެއްކަޅިން ތާރީޚު                

މިބައިގައި އަޅުގަނޑުމެން މި ބަލައިލަނި ދިވެހި ސަގާފީ ބައެއް ކުޅިވަރު ތަކާއިބެހޭ ގޮތުން. އެގޮތުން މިރޭ ބަލައިލާނީ ތެލަބަގުޑިއާއި ބެހޭ ގޮތުން.
ތެލަބަގުޑިއަކީ އިންޑިޔާ ނުވަތަ އޮޅުދޫ ކަރައިގެ ހިސާބު ގަނދަކުން ދިވެހިރާއްޖެއަށް ގެނެވިގެން ދިވެހިކަން އައިސްފައިވާ ކުލިވަރެއް ކަމަށް ބުނެވޭ. މި ކުޅިވަރުގެ ފެށުން ސޯޅަ ވަނަ ގަރުނުގެ ކުރިއަށް ގެންދެވޭ ކަމަށް ބެލެވޭ. މާލެއާއި ރާއްޖެތެރޭގެ އެކިއެކި ރަށްރަށުގައި ކުޑަ ތަފާތަކާއި އެކު މިހާރުވެސް ޢީދުފަދަ މުނާސަބަތު ތަކުގައި މި ކުޅިވަރު ހިނގަމުންދޭ. ތެލަބަގުޑިއަކީ ޒުވާން ފިރިހެނުންގެ މައިދާނީ ފަންތި ކުޅިވަރެއް. އެވޭލާގައި މިކަމަކީ ދިވެހި ހެވިކަމަށް ހޭނުވުމުގެ ތެރޭ ހިމެނޭ ކުޅިވަރު ތަކުގެ ތެރެއިން ކުޅިވަރަކަށްވޭ.

މި ކުޅިވަރަށް ބެނުންވާ ސަރަޙައްދުގެ ބޮޑު މިނެއް ކާބަފައިން ކަނދައަޅައިގެން ބުނެފައެއް ނެތް. ސާޅީސް ފޫޓް ސާޅީސް ފޫޓްގެ ހުސް ބިމެއް ރަނގަޅުވާނޭ ކަމަށް މި ޖީލުގެ މިކަމުގެ ތަޖުރިބާ ކާރުން ބުނޭ. އަކިރިއާއި ގަލާ އެފަދަ އެނޫންވެސް ހަށިގަނޑަށް އަނިޔާއެއް ވެދާނޭ ތަކެތިން ސާފު ވެފައިވާ ބިމަކަށްވުން ކޮންމެހެން ބޭނުންވޭ. ކުޅޭބިން ކުރީގައި ބުނެވި ދިޔަ ބޮޑުމިނުން  ނުވަތަ އެކަށީގެންވާ ބޮޑު މިނެއްގައި ވަށާ އޭރިޔާ ރޯނު ފަށެއް ފަދަ އެއްޗެއް ބިންމަތީގައި ދަމައި ސަރަޙައްދު ވަކި ކުރުން ރަނގަޅު. މި ކުޅިވަރަކީ ގިނަ އާލާތްތަކެއް ބޭނުންވާ ކުލިވަރެއް ނޫން. އެވޭލާގައި މި ކުޅިވަރުގެ ހެދުމަކީ ކަކޫމަތި ފޮތިގަނޑު އެޅި ދޫ ހަރުވާޅެއް. ބައިވެރިން ތިބެނީ ހުސް ހަށްޓާ. އުނަގަނޑުމަތީގައި ތުނިކޮށް ކާށި ތެޔޮ ލާފައި ތިބޭ. ހަށިގަނދަށް ލިބިދަނޭ އަނިޔާއަކަށް ޓަކައި ކުއްލި ބޭހެއް އަތްމަތިކޮށްފައި ހުރެދޭ. ކުޅެން ބޭނުންވުމުން ބައިވެރީންގެ ޢަދަދު ކަނދައަޅައި ވަރުން އަޅައިގެން ދެފަންތިއަށް ބަހައި، ކޮންމެ ބަޔަކަށް މުއްޕަނެއް އިސްކުރަނީ. ބަޔަކަށް ސަތާރަ ނުވަތަ އެކާވީސް މީހުންނަކީ ކަމަށް ބޭނުންވާ ވަގުތާއި ފޯރީގެ ގޮތުން ރަނގަޅު މިންވަރެއް ކަމަށް ތަޖުރިބާ ކޮށްފައިވޭ. ބައިކޮށްލެވުނު ދެ ފަންތި، އެއްބަޔަކު ކުޅޭއިރު އޭރިޔާގެ މެދެއްހާ ތަނުގައި ފަޅި ބުރެއްގެ ސިފަޔަށް އެތުރިލަނީ. އަނެއްބައި ކުރިމަތިން ސަރަޙައްދުން އެތެރޭގައި އެތުރިލަނީ. އެތެރޭ ގޮނީގައި ނުވަތަ ފަޅި ބުރުގައި ވަނި ޙަމަލާ ފަންތި. މި ފަންތިއަށް ދަނޑިމަތި މިހެން ކިޔަ. އަނެކުންނަކީ ރެކޭ ފަންތި. ހޮވުމަށް ނުވަތަ ކުޅުމަށް އިސްނަގަން ދެ މުއްޕަނުންގެ މެދުން ގޮތެއް ނިންމަނީ. މުއްޕަން ހުންނާނީ ބައިގެ ކަނާތްމަތިން ކޮޅުގަ. އަމުރުވެރިޔަކީ އަދި ނިޔަ ކަނޑައަޅާނީ މުއްޕަނުން. ދެމީހުންގެ މެދުގައި މައްސަލައަކަށް އެއްބަސް ނުވިނަމަ، އިސްމީހަކަށް ބެލެވޭނީ ކުޅެން ފެށުމުގައި އިސް ލިބުނު މުއްޕަނަށް. ދަނޑިމަތީގެ ނުވަތަ ގޮނނިބުރުގެ ދެކޮޅުގެ ނަމަކީ ތުންމަތި. އެންމެ ގަދަ މީހުން ދެކޮޅު މައްޗާއިމެދުގައި ތިބޭ. ކުޅެން އެރުމުގެ ކުރިން ރެކޭ ފަންތިގެ މިހުން ކުޅެން އަރާނޭ ތަރުތީބުން ފަހަރަކު މީހަކު ދެމީހަކު ގޮތަށް ރާވާފައި އޮންނާނެ. ކުޅެން އެތުރިފައި ބޭރު ދަނޑި ނުވަތަ ރެކޭ ފަންތިން ކުޅެން ނުކުންނަ މީހާ ހުޝިޔާރު ބައިބަލާ ވަންނަނީ މިހެން ބަރަށް ގޮވާލައި ދުވެފައި ގޮސް ގޮށި ފަޅާލާފައި ނުކުންނަން ދިމާކުރަނީ. ހަމަލާ ފަންތި ނުވަތަ ދަނޑިމަތީ ފަންތި މި ގޮނި ހުރަސް ކުރިޔަ ނުދީ  މަތަ ކުރެވިއްޖެނަމަ، ކަމުފޮޅުނީ ނުވަތަ ކާމިޔާބުވީ. ބައިބަލާ އެރިމީހަ ނުވަތަ އެ ދެމީހުން ބަލިކޮށްލުމަކި ބަނޑު ބިންމަތީ ޖެއްސުން.  ނުވަތަ އެމިހެއްގެ ފައި ބިމުން މައްޗަށް އުފުލައި ބަރު ކަނޑުވާލުން. ބަލިވުމުން އެމީހަކު މައިދަނުން ނުކުންނަނީ. ދެމީހުންނަށް ވުރެން އިތުރަށް ބައިބަލާއެއް ނޭރޭނޭ. މިގޮތަށް ކުރިއަށް ގެންގޮސް ދެފަންތިއަށް ހޮވުމާއި ކުޅުމަށް ދަނޑިވަޅު ދީ  ބުރު ވަށާ ޖެހުމުން ކުޅުން ހަމަވީ. ދެ ފަންތީން ބައިވެރީންގެ ތެރެއިން މަތަނުވެގެން ކަމުފޮޅި މީހަކީ ނުވަތަ ބަޔަކީ އެހެން ބަދަލުވުމަކުން ދެރަ ނުވާހާ ދުވަހަކު އެރަށުގެ ބަދަވީން ނުވަތަ ބަތަލުން. ތެލަބަގުޑީގައި  ގޮނި ފަޅާ ނުކުންނަ ކަކޫ މައްޗަށް ތިރިވެ ވަކި ސިފަޔަކަށް ކަކުނި ދުވާހެން  ދެ އަރިމައްޗަށް ދުވޭ. މިކަމަށް ކަކުނި ދުވެލި ކިޔާ. 

Programme 28

އިންސާފުން ކަންތައްތައް ދުނިޔޭގެ ފެންވަރުގައި ބައެއް ގައުމުގެ ފެންވަރުގައި އަދި އަފުރާދުންގެ ފެންވަރުގައި ވެސް ނޯންނަ ވާހަކަ އަކީ މިހާރު އެންމެ ގިނައިން ދެކެވޭ އެއް ވަހަކަ. ނަމަވެސް އިންސާފަކީ ހަމަ ކޮންމެ ކަމެއްގައި ގިނަ މީހުން އެންމެ ލިބެން ބޭނުންވާ އަދި އެއަށް ޓަކައި އެތައް ހަނގުރާމައެއް ހިނގާ ކަމެއް. ވީއިރު އިންސާފަކީ ކޮބައިބާ؟ އަދި އިންސާފު ޙާސިލު ކުރާނީ ކިހިނަކުންބާ؟ މިއީ ހަމައެކަނި މިހާރު ކުރެވޭ ސުވާލުތަކެއްނޫން. އަބަދުވެސް އިންސަނުން ކުރަމުން އައިސްފައިވަ ސުވާލުތަކެއް. އަޅުގަނޑު ދެކޭގޮތުގައި ގޮތުގައި އިންސާފަކީ ގަބޫލުކުރެވޭ ވަކި ހަމަތަކަކާއި ޚިލާފުނުވާ ގޮތަށް ކަންތައްތައް ހިނގުމުން ކިޔާއެއްޗެއް. އިންސަނާގެ ޙަޔާތުގެ ހުރިހަ ދާއިރާއެއްގަ. އިޖްތިމާޢީ، އިގްތިސާދީ، އަދި ސިޔާސީ ދާއިރާގަ. އިންސާފަށް މުޖްތަމަޢުއެއްގެ ގިނަ ބަޔަކު ޢަމަލު ނުކުރާނަމަ، އެ މުޖުތަމަޢު އަކު ދާއިމީ ސުލްޙައެއް ނޯންނާނެ. އިންސަފުގެ އަނެއް ކޮޅަކީ ބޭއިންސަފު. ކޮންމެ ބައެއްގެ ތެރޭގައިވެސް ހިތްހަމަ ޖެހުމާއި، އުފާވެރިކަން އަދި ހަމަޖެހުން އޮންނާނީ އިންސާފުވެރި ގޮތަކަށް ގިނަ ކަންތައްތައް ހިނގާކަމަށް ޢާންމުކޮށް ގަބޫލު ކުރެވިގެން. ގާނޫނާ ގަވާޢިދުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވެގެން. އެކަކު އަނެކަކަށް އަޅާލައިގެން. ތިމާއާއި އެއްވަރަށް ހެޔޮ ގޮތްތައް ތިމާގެ އަޚުންނައި އުޚުތުންނަށް ވާން އެދިގެން. ވަކިބައެއް ނުވަތަ ޢާއިލާ ތަކަކީ ޚައްސަ ޢިނާޔަތްތަކެއް ލިބިފައިވާ ބަޔަކަށް ނުވެ، އެންމެންނަށް ހަމަހަމަ ފުރުސަތު ތައް ހުޅުވާލެވިފައި އޮވެގެން. 
އަޅުގަނޑު ދެކޭ ގޮތުގައި މުޖްތަމަޢުއެއްގައި އިންސާފަށް ލޯބި ކުރާ އަދި ޢަމަލުކުރާ ބަޔަކު އުފެއްދުމަކީ ވަކީން ޚާއްސަކޮށް ވަކި ބަޔަކުގެ ކޮނޑުގައި ބޮޑަށް އެޅިފައިވާ މަސްއޫލިއްޔަތެއް. އެއީ މައިން ބަފައިން. މުދައްރިސުން. އެކި ދަރަޖަ ތަކުގައި އަމުރު ކުރުމާއި ކަންތައްތައް ހިންގަން ތިބޭ ވެރީން. ޝަރީޢަތުގެ ދާއިރާގައި އުޅުއްވާ ބޭފުޅުން. އަޅުގަނޑު އަނހާ މިސާލެއްގައި އަޅުގަނޑުމެންގެ ޢަގީދާގައި އިންސާފުގެ ފުރިހަމަކަން އޮންނަން ޖެހޭ ގޮތުގެ މިސާލަކީ ވަކި މީހަކީ މޮޅު މީހަކަށްވާތީ އެމީހައާއި މެދު ދެރަ ގޮތެއް ހެދުމެއް ނެތުން. ނުވަތަ އެމީހާ އަކީ ދެރަ މީހަކަށް ވާތީ ވަކި މޮޅުގޮތެއްވެސް އޭނާ އާއިމެދު އިންސާފު ކުރުމުގައި ހެދުމެއް ނެތުން. އިންސަފުގެ ކުރިމަތީގައި އެންމެންގެ ޙައްގުތައް ރައްކަތެރި ކުރެވެންވާނެ. ފުރިހަމަ ބާއްޖަވެރި ޙަޔާތެއް ގާއިމު ކުރުމަށް ކިހާ ބާރު އަޅާ އުސޫލެއްތޯ؟ އިންސަނީ ޙަޔާތުގެ އެންމެ މައިގަނޑު އެއް މަގުސަދަކީ އުފާވެރިކަން ހޯދުން. ދީނީ ނަޒަރަކުން ބަލާނަމަ، ރަޙުމަތް. އެއްވެސް މީހަކަށް ލޯތްބާއި އަޅާލުމާއި އަމިއްލަ އެދުމެއް ނެތް ގޮތެއްގައި ޢަމަލު ކުރެވިގެން އަދި އިންސަފަށް ލޯބިކޮށްގެން މެނުވީ ޙަގީގީ އުފާވެރިކަމެއް  ޙާސިލު ނުވަނޭ ކަމީ ޝައްކެއް އޮތް ކަމެއްނޫން. އެހެން މީހުންނަކީވެސް ތިމާފަދަ ކިތަންމެ ގޮތަކުން އެއްގޮތް މީހުންކަން އިޙުސާސް ކުރަންޖެހޭ. އަދަބުވެރިކަމާއި އޯގާތެރިކަމާއި އަމަނާތްތެރިކަން ނުހުންނަ ނަމަ، އަދި ޚާއްސަކޮށް "ވިތާހިރު މޮޅު އެ ރަންމުތަކީ އިތާގެ ބަނޑުން ވިހޭ ދަރިއެއް" ފަދަ  ފިލާވަޅުތައް ދަސްކޮށްގެން މެނުވީ ޙަގީގީ އިންސަފުވެރިކަމާއި ހަމައަށް ތިމާގެ ހިތާއި ޢަމަލު ތަކެއް ނުގެންދެވޭނޭކަން ކަށަވަރު. އަޅުގަނޑުވެސް ގަބޫލު ކުރަން ޙަގީގީ އިންސަފު ލިބޭނޭ ދުވަހެއްވޭ. ނަމަވެސް އަޅުގަނދުމެންގެ ޙަޔާތުގެ ކޮންމެ ދުވަހަކުވެސް އިންސަފުވެރި ވުމަށް މަސައްކަތް ކުރަންޖެހޭނެ. ނަމަވެސް ދުނިޔޭގައި އިންސަފު ޙާސިލުކޮށްދިނުމަށް މަސައްކަތްކުރާ މީހުންނަށް އެންމެ ބޮޑަށް ބޭއިންސަފާއި ކުރިމަތިލާންޖެހޭ ކަމަކީވެސް ޙަގީގަތެއް. އަޅުގަނޑުމެންގެ ހިތްތިރި ކުރައްވައި ޢިލްމާއި ވިސްނުން މިންވަރު ކުރައްވާށި! އަދި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަކީ އިންސާފަށް ލޯބިކުރާ ބައެއް ކަމުގައި މާތްރަސްކަލާނގެ ލައްވާށި!

އެއްކަޅިން ތާރީޚު               

މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖޭއާއިމެދު. އެގޮތުން މިރޭ އަޅުގަނޑުމެން ބަލައިލާނީ ދިވެހި ސަގާފީ ކުޅިވަރު ތަކުގެ ތެރެއިން މަންގަލަން ދަނޑިއާއި ބެހޭ ގޮތުން.
މަންގަލަން ދަނޑިއަކީ މަންގަލަން ދަނޑި ޖެހުން. މިއީ ފިރިހެނުންގެ ގެއިން ބޭރު ގްރޫޕް ކުޅިވަރެއް. ދެކުނު އިންޑިޔާއިން ގެނެވިފައިވަ ކުޅިވަރެއް ކަމުގައި ބުނެވޭ. ބޭރުން ގެނެސް ދިވެހި ކޮށްފައިވަ މި ކުޅިވަރަކީ ޢީދުފަދަ އެކިއެކި މުނާސަބާގައި ހުސް ބޮޑެތި މައިދާން ތަކުގައި މީހުން އެއްވެގެން ކުޅޭ އެންމެ ގިނަ މީހުން ބައިވެރިވެގެން ކުޅޭ ކުޅިވަރެއް. މި ކުޅިވަރު މީގެ ދެ ގަރުނު ކުރިން ފެށިފައިވާ ކަމަށް ވެދާނެ.
މަންގަލަން ދަނޑި ކުޅިވަރަކީ މައިދާނެއް، އެކަމަށް އޭރިޔާ ކަނޑައެޅިގެން ކުޅޭ ކުޅިވަރެއްނޫން. މީސްތަކުން އެއްވެވޭ ގޮތަށް އޮންނަ ބޮޑެތި ހުސް ބިންބިމުގައި ބާއްވަ ކުޅިވަރެއް. މަންގަލަން ދަނޑި ޖެހުމުގައި ބޭނުން ކުރަނި ތާރަ އާއި ދުންމާރި އާއި އަދި ކޮންމެ މީހަކަށް ގާތްގަނޑަކަށް ދޭއް ޕޮއިންޓް ފަހެއް ފޫޓް ދިގު މިނުގެ ދަނޑިއަކާއި ހަތަރު ފޫޓް ދިގު މިނުގެ ދަނޑިއެއް. އަދި އިތުރަށް ދިވެހި ހެވި ކަމުގައި ބޭނުންކުރާ ހަލާ ދަނޑިއާއި ކަނޑި އައްޑަނަ ބޭނުންކުރޭ. މި ކުޅިވަރުގެ ދިވެހި ހެދުމަކީ ހަރުވަޅުމަތިން މުންޑެއް އަރުވާ ޖަހާފައި އުނަގނޑުން މަތީގައި ގަންޖުފަރާސް ނުވަތަ ދިވެހި ލިބާހެއް. ބޮލުގައި ހުދު ފޮށައެއް. މުޅި ހެދުން ހުދު ކުލައިގައި ހުރެފައި ހަރުވާޅު ރަތް ނުވަތަ ކަޅުން. ހަރުވާޅު ކަކުލުން ތިރިޔަށް ފައިކުރި ބަނދެފައި ދެން ހުސް ފަޔާ.

މަންގަލަން ދަނޑީޣައި ކިޔާނީ  ހަރުބީ ލަވަ. ހަރުބީ ލަވަ ހަދާފައި ހުންނަނީ ދިވެހީންގެ ތަރަ ޖެހުމުގެ ހަމަތަކަށް ދިވެހި ބަހުން. ލަވަ ބަދަލުކުރުން އޮންނާނެ. މަންގަލަން ދަނޑި ޖެހުމުގައި ނުވަތަ ކުޅުމުގައި ފުރަތަމަ ޙަރަކާތްވާނީ ކުޅިވަރު އޮންނަ މައިދާނުގެ ފަންސާހަކަށް ފޫޓް ދުރުން. ދެފައްޗަށް ތިބެގެން ހަރުބީ ހަމަޔަށް ފައި ދުރަށް ޙަރަކާތް ކުރަމުން ނެށުމެއްގައި ފުރަތަމަ ދެ ސަފަށް ކުރިޔަށް ދަނީ. އަދި އަތުގައިވަ ދިގު ދަނޑިން ކުރިޔަށާއި ދެ އަރިއަށް ހަރުބީ ހަމަޔަށް ވާގޮތަށް ޙަރަކާތްވަނީ. މިގޮތަށް ކުރިޔަށް އައިސް ކުޅިވަރު ބާއްވާ އޭރިޔާ ތެރެއަށް ވަންނަނީ. އެހިސާބަށް އެ ލަވަ ހުއްޓުނީ. މި ޙަރަކާތަށް ކިޔަނީ ދިގުމަގު ނެގުން. އެއްބަޔަކު ތާރައިގައި އެއްހަމަޔަށް ތިން ލަވަ ކުޅޭ. އެ ހަމަޔަށް ސާޅީސް ނުވަތަ ސާޅީސް ފަސް މީހުންގެ ގްރޫޕް ތިން ގުރޫޕަކަށް ބަހާލެވިގެން. ތިންބާވަތެއްގެ އާލާތާއެކު ޙަރަކާތް ކުރަމުން ގެންދާނެ. އެއީ ގާތްގަނދަކަށް ފަހަކުން ދިހަޔަކާއި ދޭތެރޭގެ ޙަރަކާތްތަކެއް. އެއް ގްރޫޕެއް ކުރު ދަނޑިން ޙަރަކާތް ކުރަނީ. އަނެއް ގްރޫޕް ދިގު ދަނޑިން. އަނެއް ގްރޫޕް ދިވެހި ހެވިކަމުގެ އެކިއެކި އާލާތުން. އެއީ ކަލާ ދަނޑިޔާއި ކަނޑިއައްޑަނަ އާއި އަދި ލޮންސިއާއި ސިލޭހައިން. އެ އެއްޗަކަށް އެންމެ ކުޅަދަނަ މީހަކު ނުވަތަ ދެތިން މީހުން އެ އެއްޗަކާއެކު ޙަރަކާތް ކުރާނީ. ހެވިކަމުގެ އާލާތްތައް ހިފައިގެން ތިބޭ މީހުން ކުޅެމުން ގެންދަނީ ހެވިކަމުގެ އެކިއެކި ޙަރަކާތް. މިސަލަކަށް ލޮންސިން އަމާޒު ކުރާންވީ ގޮތް. އައްޑަނައިން ދިފާޢުވެވިގެން ކަނޑިން ޙަމަލާދޭ ގޮތް. ބޮންތި އަނބުރައި ބުރު ނޭނގޭ ވަރު ކޮށްގެން، އަންނަ ހަތިޔާރުން ސަލާމަތްވާ ގޮތް ދައްކައި ލަވަ ހަމަޔަށް ކޮރުލަމުން ގެންދަނީ. އަނެއް ގްރޫޕުން ދިގު ދަނޑި ވަށްބުރެއްގެ ސިފަ ގެނެސްގެން ލަވަ ހަމަޔަށް ފިރިހެން ނެށުމަކުން ނަށާނީ. ކުރުދަނޑި ގްރޫޕް ކޮންމެ ދެމީހަކު ދެމީހަކާއި އެނބުރުމަކުން ހަރަކާތް ކުރަމުން އަދި މިހެން ގޮސް ތިންމީހުން ހަތަރު މީހުންނަށް ދަނޑި ކަތިކޮށް ޖައްސައި ޙަރަކާތް ކުރަނީ. މިކަން ހިނގާނީ ތާރައިގައިތިބޭ ތިން ނުވަތަ ފަސް މީހުން ލަސް ހަމައިން މެދު ހަމަޔަށް. އަދި އެންމެ ފަހުން އަވަސް ހަމަޔަށް ގެނެސްފައި އެންމެންގެ ޙަރަކާތް  އެއް ޙަރަކާތަކަށްވެ ހަމަޔަށް އެޅިގެން ދެ މިނިޓަށް ވީމާ ކުލިވަރު ހުއްޓުނީ. ކުލިވަރު ހުއްޓާނި ތާރަވެރީން. ދެން ތާރައިގައި ދިގުމަގު ނެގުމުގެ ލަވަޔަށް އަޅުވައި، އެންމެން ދެ ސަފަށްވެ، މައިދާނަށް އައި ހަރަކާތުގައި ހަރުބީ ހަމަގައި އެނބުރި ދާނީ. މީހުން ރޫޅި ވަކިވާނީ އެމީހުންގެ މަރުކަޒަށް ގޮސްފަ. 

Programme 27

އާނއެކޭ ބުނެވުމަކީ އެއްބަސް ވެވުމެކެވެ. ވީމަ، މިބަސް ބުނަންވާނީ ވަރަށް ޒިންމާދާރު ގޮތަކަށް. ކަމަކަށް އެއްބަސް ނުވަހާ ހިނދަކު އާނއެކޭ ބުނާކަށް ހެޔޮނުވާނެ. ބައެއް މީހުން ވާހަކަ ދެއްކުމުގެ ތެރޭގައި އަނެކާ ދައްކާ ވާހަކަޔަށް މާބޮޑަކަށް ނުވަތަ ބައެއް ފަހަރަށް އެއްގޮތަކަށްވެސް އަޑު ނާހާ އާނއެކޭ ބުނޭ. މިއީ ވަރަށް ހިތާމަވެރި ގޮތެއް. މިއީ އަނެއްކޮޅުން ވަރަށް ބޮޑު އޮޅުމެއްމެ. ބުނާ އެއްޗަކަށް ފުރިހަމައަށް އެއްބަސް ނުވެ، އާނއެކޭ ބުނަނީ. މިއީ ޚިޔާނާތްތެރި ވުމެއް. މިގޮތުން ބުނާ އާއި ކަމަކު ނުދާނެ.
ބައެއް ފަހަރަށް ލޯބިވާ ދެމީހުން އެކަކު އަނެކަކަށް ބުނާ އެއްޗެއް ނާހައި އާނއެކޭ ބުނުމުން، އެ ދެމީހުންގެ މުޅި ޙަޔާތް ބަރުބާދު ވުމަކީވެސް ވެދާނޭ ކަމެއް. ބަސްއެހުމުގެ ގޮތުން އަޅުގަނޑުމެންގެ ތެރޭގައި ބުނާ އާނއެކޭވެސް، މަދެއްނޫން. ބައެއްފަހަރު އެއީ އެ ބުނާ އެއްޗެއް ރަނގަޅު ކަމުން ނުވަތަ ގަބޫލުކުރަތީ ބުނާ އާނއެކޭ ނޫން. ނަމަވެސް އެބަސް ބުނާ މީހެއް ނުވަތަ ތަނެއްގެ ގޮތުން އާނއެކޭ ބުނުމަށް ޓަކައި އާނއެކޭ ބުނެލަނީ. ހިތުގެ އަޑިން ބުނާ އާނއެކޭނޫން. ވައި އެޅުވުމުގެ ގޮތުން ނުވަތަ ކޮންމެވެސް މީހަކު ދެރަކޮށްލުމުގެ ގޮތުން ބުނެލާ އާނއެކޭގެ އެއްބަސްވުމެއް. ރަނގަޅު ހެޔޮލަފާ ކޮންމެ ކަމަކަށް އަޅުގަނޑުމެން އާނއެކޭ ބުނަންވާނެކަން އަޅުގަނޑު ދެކެން.
ރަނގަޅު ހެޔޮލަފާ ކަންތައްތަކަކީ ކޮބައިތޯ ސުވާލު ކުރެވިދާނެ. އެއީ ތިމާޔާއި ތިމާގެ އަޚުންނާއި އުޚުތުންނަށް ގެއްލުން ނުލިބޭނޭ ގޮތުން ހުއްދަ ކޮންމެ ކަމެއް. ޝަރީޢަތާއި ގާނޫނާއި ގަވާޢިދާއި ޚިލާފުނުވާ  ކޮންމެ ކަމެއް. ސަގާފަތާއި އާދަކާދައެއްނޫން އިނގޭތޯ. ސަގާފަތާ އާދަކާދަޔަކީ ޒަމާނާއެކު ބަދަލުވަމުން ދާން ޖެހޭ އެއްޗެއް. އަނެއްކާ އަޅުގަނޑުމެންގެ ޒުވާން ދަރީން އެކި ސަގާފަތާއި އާދަކާދަތައް ގެންގުޅޭ މާޙައުލުގައި ބޮޑުވެ ރާއްޖެއަށް އަންނަ އިރު، މާ ރަގަނޅު ސަގަފަތާ އާދަކާދަ ދަތުންވެސް އެކަށީގެންވޭ. މިސާލަކަށް ޔޫރަޕް ޢަރަބި ދުނިޔެ ނުވަތަ އެމެރިކާ ނަގަމާ ހިންގަވާ. ވިއިރު، މި ކުދީން ނުވަތަ މީހުން ބުނާ އާނއެކޭ އަދި މާ ރަނގަޅުވުން އެކަށީގެންވޭ.
ކޮންމެއަކަސް އަޅުގަނޑުގެ ވާހަކައަކީ އާނއެކޭ ބުނަންވާނި ވަކި މީހަކު ބުނާ ކޮންމެ ވާހަކަޔަކަށް ނޫން. ކޮންމެ މީހަކު ބުނި ނަމަވެސް ހެޔޮލަފާ ނުވަތަ ރަނގަޅު ވާހަކަޔަކަށް އާނއެކޭ ބުނުމަކީ އެންމެ މޮޅު އެންމެ އަޚުލާގީ ގޮތުން ރަނގަޅު ގޮތް. ބައެއްފަހަރު ބައެއް މީހުން އަނެކާ ލައްވައި އާނއެކޭ ކޮންމެވެސް ގޮތަކުން ބުނުވާ ގޮތަށް މަސައްކަތް ކުރޭ. އެއީ އަނެކާ އަށާއި ތިމާގެ އަމިއްލަ ނަފްސަށް ކުރެވޭ ކިހާ ބޮޑު ޚިޔާނާތެއްތޯ؟ ޝައްކެތްނެތް. އާނއެކޭ ބުނުމާއި ނުބުނުމުގެ ޙައްގަކީ އިންސާނާއަށް މިނިވަން ކޮންމެ މުޖްތަމަޢުއެއްގައި ލިބިފައިވާ ޙައްގެއް. މީހަކު ގަބޫލުކުރާ ގޮތަކާއި ޚިލާފަށް ނުވަތަ  ޙަގީގަތާއި ޚިލާފަށް އާނއެކޭ ބުނާކަށް ހެޔޮނުވާނެ. އަދި ބުނުވުމަކީ އެއަށްވުރެން ބޮޑު ފާފައެއް. އެފަދަ ފަރާތްތަކަށް އާޚިރުގައި ކާމިޔާބީއެއް ނެތް. އަދި އެ ފަރާތްތަކަށް މާތްރަސްކަލާނގެ ލަޢުނަތް ލައްވާށި!
އަޅުގަނޑު އެދެނި އަޅުގަނޑުމެން އެންމެންނަކީ އެކަކު އަނެކަކު ދައްކާ ވާހަކަ ރަނގަޅަށް އަޑު އެހުމަށްފަހު، ހެޔޮ ކަންތަކަށް އާނއެކޭ ބުނުމުގެ ހިތްވަރު ލިބޭ ބައެއް ކަމުގައި މާތްﷲ ލެއްވުން. އަދި ހެޔޮ ހުރިހާ ކަމަކަށް އާނއެކޭ ބުނުމުން ލިބޭ ނިޢުމަތް އިތުރު ކުރެއްވުން.
ކޮންމެ ހެޔޮ ކަމަކަށް ޖަވާބެއް ދެއްވާށޭ ހެޔޮ ހިތުން.
އާނއެކޭ ކިޔުމުން ފަޒާ ގުގުމާލުމަށް ހިނިތުންވަމުން.

އެއްކަޅިން ތާރީޚު               

މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖެއާއިމެދު.  އެގޮތުން މިރޭ އަޅުގަނޑުމެން ބަލައިލާނީ ގާއޮޑި ނެށުމަށް.
ގާއޮޑި ނެށުމަކީ އެކިއެކި ޚާއްސަ މުނާސަބަތާއި  ގުޅޭ ގޮތުން ކުޅޭ ފިރިހެނުންގެ ގެއިން ބޭރު ކުޅިވަރެއް. ބެރުޖެހުމާއި މާބޮނޑިލީ ދަނޑިން ގޮތް ހަދަމުން ކޮޅަށް ތިބެގެން ނަށާ ނެށުމަކާއެކު ލަވަކިޔުން ހިމެނިގެންވާ ކުޅިވަރެއް. މި ކުޅިވަރުގައި ބޭނުންކުރާ ލަވަޔަށް އަންބާލަވަ މިހެން ކިޔަ. ކުރީ ޒަމާނުގައި ގެންގުޅުނީ ޢަރަބި ލަވަ. ގާއޮޑި ލަވަޔަށް ނެށުން ނުވަތަ ގާއޮޑި ނެށުން އުފެދުން މާލޭގައި އެތެރޭ ބަނދަރުގެ ފުރަތަމަ ތޮށި ލެވުނު ދުވަސްވަރާއި ހަމަޔަށް ގެންދެވޭ ކަމަށް ބުނެވޭ. އެއީ ގާތްގަނޑަކަށް ސޯޅަ ސަތޭކަ ތިރީސްވަނަ އަހަރު ހާ ތާނގައި. ބޮޑުރަސްގެފަނުގެ ރަސްކަމުގައި ކަމަށް ބުނެވޭ. އެ ބުރަ މަސައްކަތް ނިންމާފައި މާލޭގެ ރައްޔަތުންގެ ފަރާތުން ޒުވާނުންގެ ގްރޫޕެއް މަސައްކަތު ހެދުމުގައި ނަށާފައި ގަނޑުވަރު ދޮށަށް ގޮސް ކީރިތި މަހާރަދުންގެ ވެދުން ބަލައިގަތް ކަމަށް ބުނެވޭ. މި ކުޅިވަރުގެ ނެށުމެއްގެ ތެރޭ މި ވެދުން ބަލަގަތުމަށް ބިލަތްދަފި ނެގުން ކިޔާ. މިއީ ފަންސަވީސް މީހުންގެ މައްޗަށް ގްރޫޕް ހަމަޖެހިފައިވާ ސަގާފީ ކުޅިވަރެއް. މީގެ ތެރެއިން ސޯޅަ މީހުންނަކީ ނަށާ މީހުން. މިކަމުގެ އިހު ގޮތުގައި ލަވަ ހަމަކޮށް ލޯ ކަދާވާގައި އަޑު ނެރެގެން އެ ހަމަޔަށް ބޮޑު ފަސްބެރުގައި ދަނޑިވަޅު ފާހަގަ ކުރަމުން ތަފާތު ލަވަތައް ކުޅޭ. އިސް ބެރެއްވެސް މީގެ ތެރޭގައިވޭ. އެ ބެރު ޖަހާނީ މުއްޕަން.

މި ކުޅިވަރު، އެ މަސައްކަތެއްގައި ތިބި ގޮތަށް ނުކުމެވެސް ކުޅެފާނެ. ޢިއްޒަތުގައި މިކަން ކުރަނި އެންމެން އެއް ހެދުމެއްގައި ތިބެގެން. ރަތް ހަރުވާޅުގެ ބޭރުން ހުދު މުންޑަކުން އަރުވާ ޖަހައިގެން. ހުދު ގަންޖުފަރާހުގައި ބޮލުގައި ކަންގަނޑު ލައިގެން ގާންދީއަށް ހުދުފޮށާ އޮޅައިގެން ނަށަނީ. މިކަމުގައި ފުރަތަމަ ޒަމާނުގައި ކިޔައި އުޅުނީ ޢަރަބި އަންބާ ލަވަ. ނަވާރަ ސަތޭކަ އަށްޑިހައިން ފެށިގެން ދިވެހި ލަވަޔަށް ބަދަލުވި. މިއީ އެފްރިކާގެ ނެށުމެއް އަސްލަކަށް ބަލައިގެން ދިވެހިން އުފެއްދި ނެށުމެއްކަމަށް ބެލެވޭ. މި ނެށުމުގައި ކުރު ދަނޑިޔާއި ދިގު ދަނޑި ބޭނުން ކުރާނެ. ފުރަތަމަ ދިގު ދަނޑި ހިފައިގެން ދެ ބަރިޔަށް، އެއް ބަރިޔަށް، ތިން ބަރިޔަށް އަދި ވަށް ބުރަށް ލެނބި، ގުދުވެ ނަށާނެ. ނެށުން މިހިސަބަށް ދާއިރު ލަސް ލަވައިން މެދު ލަވަޔަށް ބަދަލުވެގެން ދާނެ. މެދު ލަވައިގައި ކުރު ދަނޑިޔަށް ބަދަލުވެގެންދާނެ. ދެން އިސް ބެރުން އަވަސް ލަވަޔަށް ބަދަލު ކުރަނީ. އެވަގުތު ދަނޑިބައި ދޫކޮށްލާފައި، އަތުން އަތްތިލަ ބަޑީގައި އެކި އަތަށް ލެނބި ގުދުވެ، ވަށްބުރަށް ނަށަމުން ދަނިކޮށް ވެދުން މަލާފަތް ހިފައިގެން މީހަކު އައިސް ސަފު ހުރަސްކޮށް ވަދެ، މެދުގައި ބެހެއްޓުމުން، އޭގެ ވަށައިގެން އަތްތިލަ ބަޑި ޖަހާ ނަށަމުން އޭގެތެރެއިން މީހަކު އެއްކަލަ މަލާފަތް  ބޯމައްޗަށް ލައިގެން ބުރުގެ މެދުގައި އެހެން މީހުންނާއި އެކުގައި ނަށަމުން ދަނިކޮށް އިސްބެރު ހުއްޓާލަފާނެ. އެއާއިއެކު ނެށުން ހުއްޓޭ. ދެން ވެދުން ހިފައިގެން ދެ ބަރިއަށް ތިބެގެން ހިނގާފައި ދެ ގްރޫޕްގެ މަރުކަޒަށް ދަނީ. ނަށާ ތަނަކަށް އަންނަނީވެސް މި ގޮތަށް ދެ ސަފަށް ތިބެން. 

Programme 26

ހުވަފެނަކީ ޙަގިގަތެއްނޫން. އެހެންނަމަވެސް ހުވަފެން ނުދެކޭ މީހަކު ނޫޅެ. އެއީ ކީއްވެގެންތޯ؟ އިންސާނާއަކީ އެދުމުން ފުރިފައިވާ މީހެއް. އެހެންވާ އެންމެ ބޮޑު ސަބަބަކީ އޭނާއަށް ލިބިފައިވާ މިނިވަން ސިކުނޑި. ބޭނުންކަމެއް ބޭނުން ގޮތަކަށް ކުރުމަށް އޭނާއަށް ދެއްވާފައިވަ އިޚުތިޔާރު. މިނިވަންކަމާއި އިޚުތިޔަރުގެ ސަބަބުން ހުވަފެން ދެކެނީ. އޭނާގެ ޙައިސިއްޔަތާއި ފެންވަރަށް ވުރެން މޮޅު ހުވަފެން ދެކޭ މީހުން މަދެއްނޫން. އެފަދަ ހުވަފެންތައް ޙަގީގަތަކަށް ހަދާ މީހުންވެސް އެހައި ގިނަ. ހުވަފެން ދުށުމަކީ ނުބައި ކަމެއް ނޫން. އަދި ދެރަ ކަމެއްވެސް ނޫން. އެހެންނަމަވެސް އެ ހުވަފެން ޙަގިގަތަކަށް ހަދާން ހަދާން ކުރަ މަސައްކަތުގައި އެހެން މީހެއްގެ ޙައްގަކަށް އަރައިގަތުމަކީ އެއްގޮތަކަސްވެސް ރަނގަޅު ކަމެއްނޫން. ދިރިއުޅުން ބާއްޖަވެރި ކުރުމަށް ޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ހެވަސް ނުބަޔަސް ކުރުމަކީ ވަޖިބެއް ކަމަށް ދެކޭ މީހުން އުޅޭ.
އިންޑިޔާ މީހަކު ކޮމްޕިޔުޓަރ ޕްރޮގްރާމެއް ހެދުމުގައި ވަރަށް މަތީ ކަމިޔަބެއް ހޯދި. އޭނާގެ ނަމަކީ ޖާވީދު ބާޝާ. އޭނާގެ ކޮމްޕިޔުޓަރ ޕްރޮގްރާމް ހަދާ ކުންފުނި ބޮޑުވެގެން ގޮސް އިންޑިޔާގެ ސަރުކާރުގެ ބޮޑު ބޭންކެއްގެ ޕްރޮގްރާމެއް ހެދުން އޭނައަށް ލިބިއްޖެ. އެއީ އެތައް ލައްކަ ރުޕީސްއެއްގެ އަގުހުރި މަޝްރޫޢުއެއް. މަޝްރޫއުއަށް އޭނާ ކުރިމަތިލީމާ އޭނާއަށް ލިބޭން އޮތީ ބޮޑު ދެތިން މީހަކަށް ރިޝްވަތު ދީގެން. މިއީ އޭނާ ގަބޫލުކުރާ އުސޫލަކަށް ނުވި. ރިޝްވަތުދޭން އެއްބަސް ނުވުމުގެ ސަބަބުން އެ މަޝްރޫޢު އޭނާގެއަތުން ބީވެގެން ދިޔައީ. އަދި މަޝްރޫޢު ލިބޭނޭކަމަށް އޭނާ އެތައް ޚަރަދެއް ކޮށްފައިވުމާއެކު، އޭނަގެ ކުންފުނިވެސް ބަނގުރޫޓުވީ. ޖާވީދުގެ ރައްޓެއްސަކު މިކަމާއި ނުރުހުންވެގެން ވާހަކަ ދެއްކި. އޭނާއަށް ފެންނަ ގޮތުގައި ރިޝްވަތު ދީގެން ނަމަވެސް އެ މަޝްރޫޢު ހޯދުމަކީ ޖާވިދުއަށް ވާޖިބު ކަމެއް. މި ވަހާކަ ދެއްކީމާ ޖާވިދު ބުނި. ދެމީހުންގެ ޢަގީދާ ތަފާތު. ރިޝްވަތު ދިނީމާ ފަހުންވާނޭ ގޮތް އަހުރެންނަށް އެނގޭ. އެއީ ކަލޭ ގަބޫލުކުރާ ގޮތެއްނޫން. އެހެންވީމާ، ކަލެއަށް ރިޝްވަތު ދީގެން އުޅެވިދާނެ. ރިޝްވަތުދީގެން ހޯދާ އެއްޗެއް ކައިގެން ދިރިހުރުމަކީ އަހުރެންގެ ޒަމީރު ގަބޫލު ކުރާނޭ ކަމެއްނޫން.
މިއީ ތެދެއް. ރިޝްވަތާއި، އެނޫންވެސް ނުބައި ކަންތައް ކުރުމުގައި އޮންނަ ޙަގީގީ ސަބަބަކީ ހިތުގައި އޮންނަ ޢަގީދާ. ޢަގީދާއަކީ ރަނގަޅު ޢަގީދާއެއް ކަމުގައި ވެއްޖެނަމަ، ނުބައި ކަމަކުން ސަލާމަތް ވުމަކީ އުނދަގޫ ކަމަކަށް ނުވާނެ. މިއާއި ޚިލާފަށް އަގީދާ ބަލިކަށި ވެއްޖެނަމަ ނުބައި ކަމެއް ކުރާކަށް ޖެހިލުމެއް ނުވާނެ. އަދި ކީއްތޯ؟ ބައެއް ފަހަރަށް ނުބައި ކަމެއް ކުރުމަކީ ވާޖިބެއް ކަމަށް ގަބޫލުވެސް ކުރެވޭނެ. ވުމާއެކު، ނަފްސު އިސްލާޙު ކުރުމުގައި އަޅާން އޮންނަ ފުރަތަމަ ފިޔަވަޅަކީ ޢަގީދާ ވަރުގަދަ ކުރުމުގެ ފިޔަވަޅު. އެ ފިޔަވަޅު އެޅިއްޖެނަމަ، ދެން އަޅާ ކޮންމެ ފިޔަވަޅެއް އެޅޭނީ ހެޔޮ މިސްރާބުން.

އެއްކަޅިން ތާރީޚު                 

މިބައިގައި އަޅުގަނޑުމެން މި ބަލާލަނީ ދިވެހި ރާއްޖޭގެ އެވޭލާ ކުޅިވަރު ތަކާއިބެހޭ ގޮތުން. އެގޮތުން މިރޭ އަޅުގަނޑުމެން ބަލައިލާނި ލަނގިރި ޖެހުމާއި ބެހޭ ގޮތުން.
ލަނގިރި ކުޅިވަރު ފެށިފައިވަނީ ގާތްގަނޑަކަށް މިލާދީން ނަވާރަ ސަތޭކަ ސައްބީސް ހާ ތާނގައި. މި ކުޅިވަރު އުފެއްދެވީ މަލޭ ޙުސެން ޢަލިކަލޭފާނު ކަމަށްވޭ. މީނާއަކީ ވިހިވަނަ ގަރުނުގެ ދިވެހި ސަގާފީ ކުޅިވަރުތަކުގެ އެންމެ މަތީ އުސްތާޒު ކަމުގައިވި ޝަމްސުއްދީން ރަދުންގެ އަރިސް ބޭކަލެއް. ފުރަތަމަ މި ކުޅިވަރު އުފައްދާފައިވަނީ އަޑު ނެތް ބައިސްކޯފު ރާއްޖޭގައި ދެއްކި އިރު އެއިން ފެނުނު އިންޑިޔާ އަންހެނުންގެ ނެށުމަކުން. އެ ޒަމާނަކީ ދިވެހި އަންހެނުންގެ ފަރުދާގެ ދުވަސްވަރެއް ކަމުން އެންމެ ފުރަތަމަ މި ކުޅިވަރު ކުޅުނީ ޒުވާން ފިރިހެނުން. މިއީ ސްޓޭޖްގައި ދައްކާ ގްރޫޕް ކުޅިވަރެއް.
ލަނގިރީގެ ތަކެއްޗަށް ބަލާލާއިރު، މާބޮނޑި ލީ ދިގު ދަނޑިޔާއި، މާބޮނޑި ލީ ކުރު ދަނޑިޔާއި، މާފައްޗާއި މާބޮނޑި ހިމެނޭ. ހެދުމަށް ބަލާލާއިރު މި ކުޅިވަރުގެ ހެދުމަކީ އެ ދުވަސްވަރެއްގެ ޒުވާން އަންހެނުންގެ ދިވެހި ހެދުން. ބައިވެރިންނަށް ބަލާލާއިރު ޓީމުގައި ބައިވެރިވާނީ ކެޕްޓަނަކާއިއެކު މަދުވެގެން ވިހި މީހުން. ގިނަވެގެން ސައުވީސް މީހުން. އެއީ ނެސުމުގައި ބާރަ ނުވަތަ ސޯޅަ. އިތުރަށް އެހީތެރިންނަށް އަށް މީހުންނަށް. ވަގުތު ކަނޑައަޅަނީ ހަތެއް ނުވަތަ ދިހަ މިނިޓްގެ މައްޗަށް.
ކުޅުމަށް ބަލާލާއިރު ލަނގިރި ބެހިގެންވަނީ ބައްތިރީސް ޙަރަކާތުގެ މައްޗަށް. ސްޓޭޖަށް ނުކުންނާނީ ދެބަރިއަށް ތިބެގެން. ދިގު ދަނޑިން ލަސް ޙަރަކާތުގައި ކޮންމެ ދެމީހަކު ދަނޑިވަޅު ހަމަކޮށް ކުޅެމުން. ސްޓޭޖްގައި މިގޮތަށް ބުރެއް ދެ ބުރެއް ޖަހައި، ދެން ދެ ސަފަށް ވާގޮތަށް ބެލުންތެރީންނަށް ކުރިމަތިކޮށް އިށީންނާނީ. އެއަށްފަހު، ދެ ސަފު ކުރިމަތިވާ ގޮތަށް އެނބުރިގެން އިށީނދެ ތިބެ، ކުރު ދަނޑިން ޙަރަކާތް ހިންގެވުމަށްފަހު، ދަނޑިވަޅު ހަމަކޮށް ދެން ބޭނުންވާ މާފަތި ނަގައި، ދަނޑިވަޅަށް ހަމަވާގޮތަށް ދެ ސަފު ކުރިމަތިކޮށް ތިބެގެން ދެއަތް މައްޗަށާއި އަދި ކުރިއާއި ފަހަށް ލެބި ލަވަ ކިޔަމުން މާފަތިން ގޮތް ހަދަމުން ގެންދާނީ. މާފަތި އަދި މާބޮޑީގެ  ކުޅިތަކަށް ހަރަކާތްވާނީ ލަވައިގެ ހަމަޔަށް. ކުރު ދަނޑީގެ ކުޅިތައް ހަދާނީވެސް ކެމްޓާ ހަމަޔަށް. މިއީ އިށީނދެ ތިބެ ކުރާ ޙަރަކާތާއި ކޮޅަށް ތިބެ ކުރާ ޙަރަކާތް.
ދިގު ދަނޑިން ކުޅޭނީ އަށް ހަރަކާތް. ކޮޅަށް ތިބެ ކުރާ ހަތަރު ޙަރަކާތާއި އިށީނދެ ތިބެގެން ކުރާ ހަތަރު ޙަރަކާތް. އެންމެ މަތީ ދަރަޖައިގެ ދެއްކުމެއްނަމަ، ކުޅިވަރު ނިންމާނީ އަދަބީ ސަލާމުގެ ޙަރަކާތުން. 

Programme 25

ބުއްދިވެރިއަކު ބުނެފައިވޭ. ދުނިޔެގައި އުޅެނި ދެބަވަތެއްގެ މިހުންނޭ. އެއްބާވަތަކީ ކޮޓަރިއަކަށް ވަދެފައި އަހުރެން މި އައީއޭ ބުނާ މީހުންނެވެ. ދެވަނަ ބާވަތަކީ ކޮޓަރިއަކަށް ވަދެފައި ތިބަ އަތުވެއްޖައީމު ދޯއޭ އަހާލާ މީހުންނެވެ. ވަކިވަކިން ބަލާލާއިރު މި ދެ ސުވަލުގައި މާބޮޑު ތަފާތެއް ނެތް ކަމުގައި ވިޔަސް، ފުންކޮށް ވިސްނާލާއިރު ވަރަށް ބޮދު ތަފާތެއް އެބަހުރި. ތެދުތެދަށް ދަންނަވަނަމަ، ކަންކަމާމެދު މީހާ ދެކޭ ގޮތް މި ދެ ސުވާލުން ވަރަށް ރަނގަޅަށް ފާހަގަ ކުރެވޭނެ. ފުރަތަމަ މީހަ މި ބުނަނި އަހުރެން މި އައީއޭ. މާނައަކީ ނިކަން ބަލައިބަލާށޭ އަހުރެންގެ މައްޗަށް ސަމާލުކަން ދޭށޭ. އަނެއްމީހާ ބުނަނި ތިބަ އަތުވެއްޖައީމު ދޯއޭ. މާނައަކީ ޙާލު ކިހިނެއް ހެއްޔޭ. ތިބާގެ ވާހަކައިން ނިކަން ޚަބަރު ކޮށްބަލާށޭ.
މިވާހަކަ އެހެން ގޮތަކަށް ދަންނަވައިލާނަން. އެކަކު ބުނަނި އަހުރެން މީ މާ ޚާއްސަ މީހެކޭ. އަނެއްމީހާ ބުނަނި ތިބާއަކީ މާ ޚާއްސަ މީހެކޭ. އެކަކު ދެކެނީ ދުނިޔެ އެނބުރެނީ އޭނާގެ ވަށައިގެންކަމޭ. އަނެއްމީހާ ދެކެނީ ތިމަންމީ އެހެންމީހުންނަށް ޚިދުމަތްކުރަން ހުރި މީހެއްކަން.
ކޮންމެ އިންސަނަކީ ހިއްސުތަކެއް ދެއްވާފައިވާ މަޚުލޫގެއް. އެހެންވިމާ، އަސަރު ކުރުމުގެ ބާރު ކޮންމެ މީހެއްގެ ކިބައިގައިވެސް ހުރޭ. އެކި މީހުންނަށް އެކި ކަހަލަ އަސަރު ކުރާނި އެކި ވަރަށް. ވަރަސް ރީތި ސިފަ ތަކާއި މާތް އަޚުލާގެއްގެ ސަބަބުން މީހުންގެ ހިތް އަތުލައި ގަތުމަކީ އުނދަގޫ ކަމެއް ނޫން. އެއީ މިދެންނެވިހެން އިންސާނުންނަކީ އަސަރުކުރަ ބަޔަކަށް ވާތީ. ގިނަ މީހުންނަކީ މީހުންގެ ތެރޭގައި ގަދަރުވެރި މީހުން އިޙުތިރަމު ކުރުމުގެ އެދުން ހިތުގައި އޮންނަ ބައެއް. މީހުން އިޙުތިރާމް ކުރަނި ކޮންކަހަލަ ބަޔަކަށްތޯ؟ މިއީ ވިސްނައިލާންޖެހޭ ކަމެއް.
ވަކިކަހަލަ ބާރެއް ލިބިފައިވާ ބަޔަކަށް މީހުން އިޙުތިރަމްކުރުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް ގިނަ ފަހަރަށް ވެފައި އޮންނަ ގޮތަކީ އެ ބަރެއް އެމީހެއްގެ ކިބައިން އުނިވެގެން ދިއުމާއެކު، އެއްކަލަ އިޙުތިރާމުވެސް ގެއްލިގެންދަނީ. މިއީ ކިހިނެއްވެގެން މެދުވެރިވާ ގޮތެއްތޯ؟ އެއީ އިންސަނެއްގެ ހިތުގެ އެންމެ ފުންމިނަށް ވާސިލު ނުވެވޭތީ ވާގޮތެއް. މީހެއްގެ ހިތަށް އަސަރު ކުރާނި އަމިއްލަ އެދުމެއް ނެތި ކުރާ ކަމަކުން. މީހަކަށް އެހިތެރިކަމުގެ އަތެއް ދިއްކޮށްލާހިނދު އަމިއްލަ އެދުމަކާއި އެކު ދިއްކޮށްލާނަމަ، އެ އެހީއެއްގެ ސަބަބުން ލިބެނޭ ގަދަރެއް ނޯންނާނެ. ކޮންމެ ހެޔޮކަމެއް ގަބޫލު ކުރުން ނިޔަތުގެ މައްޗަށް ބިނަވެފައި އޮންނަ އޮތުމަކީވެސް މިއީ.
އިޚުލާސްތެރިކަމަކީ ކޮންމެ ހެޔޮކަމެއްގެ އަސްލު. ރަނގަޅު ހެޔޮލަފާ މީހަކަށް ވާން ބޭނުންނަމަ، ކޮންމެ މީހަކުވެސް މަސައްކަތް ކުރާންޖެހޭނީ ކުރިން ދެންނެވުނު ދެވަނަ ބާވަތުގެ މީހަކަށް ވެވޭތޯ. އާދެ، ތިމާއަކީ މާ ޚާއްސަ މީހަކަށް ނުބަލައި އެހެން މީހުންނަކީ ވަރަށް ޚާއްސަ ބައެއް ކަމުގައި ބަލާ މީހުންނަކީ އެންމެންގެ ގަދަރު ލިބޭނޭ މީހެއް.

އެއްކަޅިން ތާރީޚު                 

މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖޭގެ އާއި ބެހޭ ގޮތުން. އެގޮތުން މިރޭ އަޅުގަނދުމެން ބަލައިލަނި ދިވެހި ރާއްޖޭގެ އެވޭލަ ކުލިވަރު ތަކުގެ ތެރެއިން މާލި ނެށުމާއި ބެހޭ ގޮތުން.
ދިވެހި ބަހުގައި މާލި އެއީ މީހާ ހުރިގޮތް ނޭނގޭ ގޮތަށް ހެދުމަކުން ނުވަތަ އެއްޗަކުން ސިފަ ބަދަލު ކުރުން. މިގޮތަށް މީހުންގެ ސިފަ ބަދަލު ކޮސްގެން އެކިއެކި މުނާސަބަތުގައި ދޭދޭ މީހުން އަދި ޖަމާޢަތް އެއްވެ ރަށުތެރޭ ހިނގާ ބިގާވެ، އަދި ގޮތްގޮތަށް ހަރަކާތްތެރިވެ، ނަށާ އުޅުނު. މިކަމަކީ ސައުތު އެފްރިކާ ކަރައިން ކަނޑުތައް ހުރަސްކޮށް، މި ދީބަށް އައި ކަމެއް ކަމުގައި ލަފާކުރެވޭ. ކަންއޮތީ މިހެން ކަމުގައިވާނަމަ، މާލި ހެދިގެން ނެށުން އަދި އެކަމުގެ ވައްތަރު ތަކާއި ގޮތްގޮތް ފުރަތަމަ އައިސްފައި އޮންނާނީ އެ ތަނަކުން. މާލި ނެށުމުގެ ދެ ވައްތަރެއް އޮވޭ. އެއީ މާލި ނެށުމާއި ކަދާ މާލި ނެށުން. މާލި ނެށުމަކީ އެފްރިކާގެ ސޯމާލީންގެ ނެށުމަކާއި ދާދި އެއް ސިފަޔަށް ދިވެހިންގެ ތެރޭގައި އޮންނަ ކަމެއް. ދިވެހި މާލި ނެށުމުގެ ކޮންމެ ނެށުމަކީ ފިރިހެނުންގެ ފަންތި ކުޅިވަރެއް. މިކަން ފެށިގެން އައި ޒަމާން އިސްކަންދަރު މަހާރަދުންނާއި ހަމައަށް ގެންދެވޭ ކަމަށް ވެސް ބެލޭ. އަދި މި ނެށުން އެ ޒަމާނުން ފެށިގެން މަލިކު މީހުންނާއި ގުޅިގެން ހިނގާފައިވާ ކަމަށް ވެސް ބުނެވޭ. މާލި ނޭށުން މި ނަމުގައި މާލެ އާއި ރާއްޖެތެރޭގައި އެކިއެކި ޢީދާއި އަދި ރަށުގެ ޚާއްސަ ޢީދު ކަމަށްވާ ބޮޑު މާލޫދުގެ ތެރޭގައި އުފާ ފާޅުކުރުމުގެ ގޮތުން އެކި ރަށްރަށުގައި ތަފާތު ގޮތްގޮތަށް ބޭނުން ކޮށްފައި އެބަހުރި.
މި ނެސުމަށް ބަލާލާއިރު ނެށުން އޮންނާނީ މިޔުޒިކާއި ގުޅާފަ. މާނަޔަކީ ލަވަޔަކާއި ގުޅާފަ. ކުރީ ޒަމާނުގައި މި ކުލިވަރުގައި ބެނުންކުރާ ލަވަ މުޅީންހެން ހުރީ އެފްރިކާގެ ނެށުން ތަކުގެ ހަމަޔަށް ފައްތާފަ. އެމީހުންގެ ބަހުރުވަޔާއި މިޔުޒިކަށް ފައްތާފަ. އެކަމަކު މިހާރު އަޅުގަނޑުމެން އަމިއްލަ ގޮތްގޮތަށް މިކަން ހަމަޖައްސާފައިވޭ. މި ތަފާތު އެކި ރަށްރަށުގައި އެކި ގޮތަށް ހުރޭ.
އަދައިގައި މާލި ނެށުމަކީ ގެއިން ބޭރު ހުސް މައިދާނެއްގައި ކުޅޭ ފަންތި ކުރިވަރެއް. އަދަވެގެން ފަންސަވީހުން ފެށިގެން ސާޅީސްވަރަކަސް މިހުންނާއި ހަމައަށް މިކަމުގައި ބައިވެރިވޭ. މިކަމުގައި މުޅީންވެސް އޮންނަނި މިހުންގެ ސޫރަ ނޭނގޭ ހެދުމެއްގައި އެތައް ބަޔަކު އެކުގައި ނެށުމާއެކު، ބެރާއި ލަވައިގެ ހަމަޔަށް ޙަރަކާތް ކުރުން. ނަށާމީހުން ފަނުން އެކި ސިފަޔަށް އެއްޗެހި ވިޔެގެން  އެއަށް އެރި ތިބެގެން ނަށާ.
ކަދާ މާލި ނެށުމަށް ބަލާލާއިރު، ކަދާ މާލި ނެށުމުގައި ނަށާމީހުން މަޢުދަނީ ފޯއްޔަކުން ރަންވަން ލޮއިން ހުންނަ ބޯތައްޓެއް ކަދާގައި ޖަހަމުން ލަވަ ހަމަކޮށް ކުޅެމުން ބެރާ ލަވަޔާއެކު ނަށާ. ކަދާ މާލި ނެށުމުގައި އަންނަ ފޭއްޔާއި ހުދު ދިގު ލިބާސް ނޫނީ ސާޔާ ދެން ބޮލުގައި ނައުރުމާ ބަނދެގެން ކުޑަފޮށާ އޮޅައިގެން ހެދުން ފުރިހަމަކޮށްގެން ނަށާ. ކަދާމާލި ނެށުމޭ ކިޔަނި ކަދާ ހިފައިގެން ނަށާތީ. ކަދާއަކީ ބޯތައްޓެއް ފާޑުގެ އެއްޗެއް. މާލި ނެށުމުގެ އެއްވެސް ވައްތަރަކީ އަދި މާ ދިރުންހުރި ކުޅިވަރެއްގެ ގޮތުން ފެތުރެމުންދާ ކަމެއްނޫން. 

ހަރުދަނާ މީހުންގެ ދޫދު މަތިން ބުނަމުން އައި ގޮތުގައި މާލިނެށުން އޭގެ އަސްލު ގޮތްތަކާއި އެއްގޮތަކަށް ބޭނުން ކުރަމުން އައީ މީގެ ސަތޭކައެއްހާ އަހަރު ކުރީން ސުރެން އަރިއަތޮޅު ފެރިދޫގަ. އެކަމަކު މިހާރު އެރަށުންވެސް އަދި އެހެން ތަންތަނުންވެސް  ކުރީން ދެންނެވިހެން މުޅީން މިނެށުމަށް ބަދަލު ގެނެސްފައިވޭ. ފެރިދޫގައި މިކަމެއް ފެށުނި މުޢީނުއްދީނުލް އައްވަލުގެ ރަސްކަމުގައި އެ ރަށަށް މިނިވަން ކުރައްވަފައި ފޮނުވަލައްވާފައި ތިބި ބަބުރުންގެ ފަރާތުން ކަމަށް ބުނެވޭ. 

Programme 24

ޔުއަރ ލައިފް އެވެ. ނަމަކަށް ކިޔާ މަޖައްލާގައި ލިޔެފައިވޭ. އެއްދުވަހަކު ސްކޫލަށް ދާން ހިނގާފައި ދިޔަ ކުޑަކުޑަ ދެ އަންހެން ކުދިންނެވެ. މި ދެ ކުދީން ގޭން ނުކުތް އިރު ގަޑި ޖެހެން ވަރަށް ގާތް ވެއްޖެއެވެ. ގަޑި ނުޖެހި ސްކޫލަށް ދެވޭނޭ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އެވަގުތު ދެ ކުދީންގެ ތެރެއިން އެއް ކުއްޖަކު ބުންޏެވެ. އަހަރެމެން ގަޑި ނުޖެހި ސްކޫލަށް ފޮނުވައިދެއްވާތޯ މިތާނގައި ހުއްޓި ތިބެގެން ދުޢާ ކުރަމާހިނގާ. އަނެއް ކުއްޖާ ބުނި. ހުއްޓި ތިބޭނޭ ކަމެއް ނެތް. ދުއްވައިގަންނަމާ ހިނގާ. ދުވަމުން ދާއިރުވެސް ދުޢާ ކުރާނީ.
ދުޢާ އިޖާބަ ނުކުރައްވައިގެން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ޝަކުވާ ކުރާތީ އަޑު އިވޭ. ރާއްޖޭގެ ވަރަށް މަޝްހޫރު ފުޓްބޯޅަ ކޯޗަކު އަޅުގަނޑުގެ ކައިރީގައި އެއްދުވަހަކު ބުނި. ފައިނަލް މެޗެއް ކުޅޭ ދުވަހު އެ މެޗަކުން މޮޅުވޭތޯ އަހަރެން ވަރަށް ގިނައިން ދުޢާ ކުރަމޭ. އެކަމަކު ގިނަ ދުވަސްދުވަހު ދަނޑުން ފައިބަނި ދެރަވެގެންނޭ.
ދުޢާ އިޖާބަ ކުރައްވާނޭ ކަމުގައި ﷲ ވަނީ އަންގަވާފަ. އެހެންވީމާ، އިޖާބަ ކުރައްވާނޭ ކަމާއިމެދު ޝައްކެތްނެތް. ދުޢާ އިޖާބަ ކުރައްވާ ތިން ގޮތެއް އޮވޭ. އެއްގޮތަކީ އެމީހަކު އެ އެދުކަމެއް އެދުނު ފަދައިން ފުރިހަމަވުން. ދެވަނަ ގޮތަކީ އެ އެދުނު ކަމެއްގެ ބަދަލުގައި އެއަށްވުރެން މޮޅު ކަމެއް ފަހިވުން. ތިންވަނަ ގޮތަކީ އެ ދުޢަގެ ބަދަލު އާޚިރަތްދުވަހުން ދެއްވުން.
ދުޢާ ކުރުމަކީވެސް ވަކި ހަމަ ތަކެއް އޮންނަ ކަމެއް. ދުޢަ ކުރުމަށްފަހު، އެމީހަކު އެދުނު ކަމެއް ފުރިހަމަ ވާނޭ ކަމުގެ އުއްމީދުގައި، އަތްއުރާލައިގެން ހުރުމަކީ ކޮށްގެންވާނޭ ކަމެއްނޫން. ދުޢާ ކުރި ކަމުގައި ވިޔަސް އެކަމަށް ކަނޑައެޅިފައި އޮންނަ ހަމައެއްގެ މަތީން މަސައްކަތްކުރާން ވާނެ. މުއްސަނދިވާން ދުޢާ ކޮށްފައި މުއްސަނދިވާން މަސައްކަތް ނުކުރުމަކީ ހަމަޖެހޭ ކަމެއް ނޫން.
މަތީގައި ދެންނެވުނު ދެ މިސާލަށް ބައްލަވާ ލައްވާ. ގަޑި ނުޖެހި ސްކޫލަށް ދާން ބޭނުން ވިއްޔާމު. ގަދި ނުޖެހި ސްކޫލަށް ދާން ބާރަށް ހިނގައިގަންނާން ވާނެ. އެއާއި އެކު ދުޢަވެސް ކުރަންވީ. އެކަމުން ހުއްޓި ހުރެގެން ދުޢާ ކުރުމަކީ ރަނގަޅު ކަމަކަށް ނުވާނެ.
ފުޓްބޯޅަ މެޗަކުން މޮޅުވާނީ ރަނގަޅަސް ނުވަތަ މޮޅަސް ކުޅޭ ބައެއް. ކޯޗު ދުޢާ ކުރި ކަމުގައި ވިނަމަވެސް ކުޅުންތެރީން އެކަށީގެންވާ މަސައްކަތެއް ނުކުރާނަމަ، މޮޅެއް ނުޥާނެ. ވުމާއެކު ދުޢާ ކޮށްފައި އައިސް ދަނޑަށް އަރައި ހިތްވަރާއެކު ކުޅޭންވީ.
އާދެ، ދުޢާ ކުރައްވާ. އެއީ އަޅުކަމެއް. އެކަމަކު އެދޭ ކަމެއް ޙާސިލުކޮށް ގަންނާން މަސައްކަތްވެސް ކުރައްވާ. އެއީ ވެސް އަޅުކަމެއް.

އެއްކަޅިން ތާރީޚު                           

މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖޭގެ އެވޭލާ ބައެއް ކުޅިވަރު ތަކާއިބެހޭ ގޮތުން. އެގޮތުން މިރޭ އަޅުގަނދުމެން ބަލައިލަނި ކުރުފަލި ޖެހުމާއި ބެހޭ ގޮތުން.
ކުރުފަލި ޖެހުމޭ ކިޔަނި ވަކި މިންތަކަކަށް ބައްޓަމަކަށް ބަނދެފައިވާ ދޯންޏެއްގައި ޚައްސަ ވެގެންވާ މިންތަކަކުން ވަކި ސިފަ ޔަކަށް ހަދާފައި ހުންނަ ފަލިބަޔަކުން ދުއްވާ ހަރަކާތް ކުރުމަކަށް. އެކަމުގައި ދިވެހި އަންބާ ލަވަތަކުގެ ހަމަ ތަކާއި ޙަރަކާތާއި އަދި ލަވަ ބޭނުން ކުރޭ. މި ރާއްޖޭގައި މިކަން ފެށުނުގޮތެއް ސާބިތުކޮށް އެނގޭނޭ ގޮތެއް ނެތް. ބައެއް ހޯދުން ތެރިން ބުނެފައިވާ ގޮތުގައި ޕޯޗުގީޒުން ދިވެހި ރާއްޖޭގައި ވެރިކަންކުރި ޒަމާނާއި ހަމައަށް މިކަމުގެ ފެށުން ހިނަގައިދާނޭ ކަމަށްވޭ. މި ރާއްޖޭގައި ފަހަކަށް އައިސް ކުރުފަލި ޖެހުން އޮންނަނީ  ޚާއްސަ ޢިދު ނުވަތަ ގައުމީ ފެންވަރުގައި ބޭއްވޭ ކުޅިވަރުގެ ޕްރޮގްރާމް ތަކުގައި. ރާއްޖެތެރޭގައި ބޮޑު މައުލޫދު ކިޔައި އުޅުނު ޒަމާނުގައި، އުފާ ކުރުމުގެ ތެރޭގައި ބެއް ރަށް ރަށުގައި މި ކުޅިވަރު ބޭއްވުނު. ފަހަކަށް އައިސް ގައުމީ މަތީ ފެންވަރުގައި ފުރިހަމަކޮށް މިކަން ބޭއްވުނީ. ފުރަތަމަ ދިވެހި ޖުމްހޫރިއްޔާ އިޢުލާން ކުރުމުގެ މުނާސަބާގެ ތެރޭގައި.
ކުރުފަލިޖަހާ ދޯންޏަސް ބަލާލާއިރު، ދޯނީގެ ދިގު މިނަކީ ގާތްގަނޑަކަށް، ސާދަ ރިޔަން. އަނގަމަތީގެ ފުޅާ މިނަކީ ތިން ރިޔަން. އުސް މިނަކީ ފެން މައްޗަށް ދެ ފޫޓް. ބަނދެފައި ހުންނަނީ ތިލަކޮށް ފެންމައްޗަށް ގަދަ ގޮތަށް. ދެކޮޅު މައްޔާ ހުންނަނީ ތެދަށް. ހުންގާނު ހުންނަނީ ފަޅި ބުރު. ހުންގާނު ދޫންޏަކީ ތިލާފަތު ހުންގާނު ދޫނި. ދެކޮޅުގަ ދެ މާގަނޑު ހުރޭ. ދޯނީގައި ވަތް ބައިކޮށްފައި ހުންނައިރު ހުންނަނި އެގާރަ ވަތަށް. ނަގިއްޔާއި، ދިޔަ ހިއްކާ ފަޔާއި، ވާވެލާވެލި ހުރޭ. ކުނބެއް، ކުނބު ފަތެއް، ފަރުމާނެއް، ދަނޑިއެއް ނުހުންނާނެ. ކޮޅުފަސްކޮޅު މަޅުބައި ހުންނަނީ ފޮއްޓަކަށް ބޭނުން ކުރެވޭ ގޮތަށް ވަތްލައި ތައްޔާރު ކޮށްފައި. މަޅުދަށުގައި ހުންނާނީ ކުރުފަލި ޖެހުމަށް ޚައްސަވެގެންވާ ތަކެތި. ދޯނީގެ ބޭރުގައި ހުންނާނީ ހުދު ދަވާދު ލާފައި. ބަރީ ފަށުގައި އިސްކަންދަރީ ކުރެހުން އެއް ކޮޅުން އަނެއް ކޮޅަށް ކުރަހައި ނަލަ ކޮށްފައިހުރޭ. ކުރެހުން ފަވާފައި ހުންނަނީ ރީނދުލާއި ރަތުން. ރީނދު ކުލަ މާނަ ކުރަނީ ރަންކުލަ ކަމަށް.
ފަލި ބަޔަށް ބަލާލާއިރު، ފަލީގެ ދިގުމިނަކީ ދުލާއި ތަންޑާއި އެކު ގާތްގަނޑަކަށް ތިން ފޫޓްބައި. ފަލީގެ ދޫ ތުނިކޮށް ބޮއި ފަތް ބުރަށް ފަހަތުކޮޅު ހަދައި، މެދަކާއި ހަމައިން ކުރިއަށް ވަށާލާފައި ހުރުމާއެކު، ދުލުގެ އެންމެ ކުރި ހުންނާނީ މަޑިކޮށް. ފަލީގެ ދެބައިކުޅަ އެއްބައި ހުންނާނީ ހުދު ދަވާދު. ފަލި ތަންޑުން ދަވާދަށް ފޭށޭ ހިސާބުގައި، ތިން އިންޗި ފުޅާމިނުގެ ބަންދެއް އިސްކަންދަރީ ކުރެހުމުން ފަވާފައި ހުރޭ. އަދި ފަލީގެ ދުލުގައި އިސްކަންދަރީ ކުރެހުމުގެ އަލަނާސި ރަތާއި ރީނދުލުން ކުލަކޮށް ދައްކާފައި ހުންނާނެ. ފަލި ތަންޑު ހުންނާނި ނިރޮޅުން. ދަވާދުލީ ހިސާބު މަތިން ހުންނާނި އޮމާންކޮށް މަށައި ފާލީސް ކޮށްފަ.

ކުރުފަލި ޖެހުމުގެ ހެދުމަށް ބަލާލާއިރު، މި ކަމުގެ ހެދުމަކީ އިހުގެ ނާފަހަރުގެ ފަޅުވެރި ހެދުން. ދޯނީގެ ހުންގާނު ހިފާ މީހާ އާއި ފެން ފިލާ މީހާގެ ހެދުމަކީ ނައު ސަރަނގުގެ ހެދުން. ފަލިމީހުންގެ ހެދުމަކީ ހުދު ދިގު ހަރުވާޅާއި  ނޫ ގަމީހާއި ހުދު ފޮށާ. އެއީ ފަޅުވެރި ހެދުން. ފޮށާ އަޅާނީ ނައުފަޅުވެރިންގެ ފޮށަޔަށް. ގަމީހުގެ ބޭރުން ނޫ ކުލައިގެ ސިދު ރިޔާ. ކެޔޮޅާ މުއްޕަނާ އާއި ފެންފިލާ މީހާ ހުންނާނީ ސަރަނގު ހެދުމަކަށް ލާބަ ލިލީ  ބޮލު ފޮށަޔާއި ރަތްކުލައިގެ ސިދުރިޔާ ހިމެނޭ. ކުރު ފަލި ޖަހާ ޓީމެއްގެ ޢަދަދަކީ ކެޕްޓަނާއެކު ސާދަ މީހުން. ނުވަތަ މުއްޕަނާއެކު ސާދަ މީހުން. އެއީ ދޯނީގެ ހުންގާނު މީހާ އާއި، ދިރުބާ މީހާ އައި އެކުގަ. ކުރުފަލި ޖަހާއިރު ތިބޭނީ ފަރާތެއްގައި ހަ މީހުން. ކުރު ފަލި ޖެހުމަކީ ލަވަ ހަމަކޮށް ކުރާ ކަމެއް. މިކަމުގައި ބޭނުން ކުރާނީ އަންބާލަވަ. ނަގައި ކިޔާ މީހާ، ލަވަ ފެށުމާއެކު ދެ ފަތީގައި ތިބޭމީހުން ފަލިޖަހާ ބީދައަން ހެލެން ފަށާނެ. ލަވައިގެ ޒުވާބާއިއެކު ފަލީގެ ޙަރަކާތް ހިނގާނެ.  މިގޮތުން ލަވައިގެ ހަމަޔަށް  ފަލިން ކުޅި ހަދަމުން، ފަލި ދުލުން ފެނުގައި އަޅުވަމުން ދަނޑިވަޅު ހަމަކޮށް ފަލިތަންޑުން ފުލުން ޖަހަމުން އިންނަ ފަތުގައި ކުރިއަށް ގެންދާނެ. ފަލި ދުލުން ފެނުގައި އަޅުވާ ކޮންމެ ފަހަރަކީ ދޯނީގެ ދުވެއްޔަށް ގެނެވޭ ޙަރަކާތެއް. މި ކުޅިވަރުގައި ދޯނި ދުއްވާނީ، އުނިޔަ ދުވެލީގައި. އަންބާ ކިޔުމުގައި ކަޑިއެއް ތިންފަހަރަށް ކުރަންވާނެ. ލަވައެއްގައި އޮންނާނި ދެ ކަޑި. ލަވަ ބައިން ލަސްލަވަ، މެދު ލަވަ، ދެން.  އަވސްލަވަ. ކުޅި ދައްކާނީ ކެޕްޓަން ނުވަތަ މުއްޕަން. ފެންފިލާގައި އިންނަ މީހާ ދިރުނބަކޮޅުން އަތުގައި އޮންނަ ކުޑަ ފޮށައިން ކުޅި ހަދާ މީހުންނަށް ޙަރަކާތް ދައްކަމުން ގެންދާނެ. 

Programme 23

ޖާހިލަކަށް ޢިލްމުވެރިއަކު ވިދާޅުވާތީ އަޑުއިވުނު. ﷲ ހަނދުމަކޮށް ގަނެވޭނީ ތިމާގެ ހިތުގެ އެދުންތަކުގެ މައްޗަށް ބަރުފޯރުވިގެންނެވެ. ނުވަތަ އެ އެދުންތަކާއިމެދު ދެކޮޅު ހެދީމައެވެ. އޭނާއަށް މި ވާހަކަތައް އަޑު އިވުމާއެކު، ދުނިޔޭގެ ހުރިހާ ކަމެއް ދޫކޮށްލާފައި ގޮސް ވަނީ ޖަންގައްޔަށް. ޖަންގަލީގައި ހުރެގެން އަޅުކަން ކުރަނީ. އެހެން ހުރުމުގެ ތެރޭގައި އެއްދުވަހަކު ވަރަށް މީރުކޮށް ކައިލާހިތް ވެއްޖެ. އެހެންނަމަވެސް އެއްކަލަ ޢިލްމުވެރިޔާގެ ވާހަކަ ހަނދާންވެފައި ކެއުމުގެ ޚިޔާލު ދޫކޮށްލި. އޭގެ އަނެއް ދުވަހު އޭނަގެ ހިތުގައި ހިނގައިގަތީ ރީތި ހެދުމެއް ގަނެގެން ލުމުގެ އެދުން. އެކަމަކު ޢިލްމުވެރިޔާގެ ވާހަކަ ހިތަށް އަރާފައި އެ ޚިޔަލުވެސް ދޫކޮށްލީ. ތިންވަނަ ދުވަހު އޭނަގެ ހިތަށްއެރީ މީރުވަސްދުވާ އަތަރެއްގެ ބޭނުންކުރަން. އެކަމަކު ޢިލްމުވެރިޔާގެ ވާހަކަ ހަނދާންވެފައި، އެކަމެއްވެސް ނުކުރި. އެންމެފަހުން ހަށިގަނޑަށް އެއްވެސް ކަހަލަ ފައިދާއެއް ނުކުރާ ކާނާ ކައިގެން ބާވެ، ހަސްނެތިފައި އޮތް ހެދުންގަނޑެއް ލައިގެން މުޅި ގައިން ނުބައިވަސްދުވާ ޙާލު އަޅުކަންކުރަން ޖަންގަލީގައި ހުރި.
އެއްދުވަހަކު އެއްކަލަ ޢިލްމުވެރިޔާއަށް އޭނާ އަޅުކަންހުރި ތަނަށް ވަޑައިގަނެވިއްޖެ. އޭނާއަށް މި މަންޒަރު ފެނިވަޑައިގަތީމާ، އެކަމާއި ސުވާލު ކުރެއްވި. ތިބާއަށް ވެފައި ތިޔަހުރީ ކިހިނެއް ހެއްޔެވެ؟ އެމީހާ ދެންނެވި. ﷲ ހަނދުމަކޮށް ގަންނަން ބޭނުންނަމަ ހިތުގެ އެދުންތަކާއި ދެކޮޅުހަދާށޭ މަނިކުފާނު ވިދާޅުވީމެއް ނޫންތޯއޭ. އެހެންވިމާ، އަޅުގަނޑު އެ ވާހަކަފުޅާއި އެއްގޮތަށް ޢަމަލުކުރަނީއޭ. މިހެން ދަންނަވާފައި އޭނާ ޢަމަލުކުޅަގޮތް ވަރަށް ތަފުސީލުކޮށް ދަންނަވައިފި. ޢިލްމުވެރިޔާ ވަރަށް ބޮދަށް ކޯފާވެފައި ވިދާޅުވި. އޭ މިހަރަ މޮޔަޔާއޭ. ވާހަކައެއް އަޑު އިވުނިމަ، އެންމެ ފުރަތަމަ، އެ ވާހަކައިގެ ތަފްސީލު ހޯދާށޭ. ޢަމަލުކުރާންވާނީ އޭގެ ފަހުންނޭ. ހިތުގެ އެދުމޭ ބުނެވޭ ބަހުގެ މުރާދަކީ ނުބައި އެދުމުގެ ވާހަކައެވެ. އެއްވެސް އުފަލެއް އަރާމެއް ލިބި ނުގަތުމުގެ ވާހަކައެއް ނޫނެވެ. ތެދެކެވެ. ޢަމަލު ނުކުރާ ޢިލްމާއި، ޢިލްމެއް ނެތި ކުރާ ޢަމަލާއި އެއްވެސް ތަފާތެއް ނުހުންނާނެއެވެ. ވާހަކައެއް އަޑު އިވުމާއެކު އެ ވާހަކައެއްގެ އަސްލާއި ހަމައަށް ދެވޭތޯ ބެލުމަކީ ކޮންމެހެން ބޭނުން ކަމެއް. ޙަގީގަތް ރަނގަޅަށް އޮޅުން ނުފިލުވައި، އެއްވެސް ވާހަކައެއްގެ މައްޗަށް ޢަމަލުކޮށްގެން ނުވާނެ.

އެއްކަޅިން ތާރީޚު                 

މިބައިގައި އަޅުގަނޑުމެން ބަލާލަމުން މި ގެންދަނީ ދިވެހި ރާއްޖޭގެ އެވޭލާ ކުޅިވަރު ތަކާއިބެހޭ ގޮތުން. އެގޮތުން މިރޭ އަޅުގަނޑުމެން ބަލައިލާނި ގުލަމަތި ހިފުމާއި ބެހޭ ގޮތުން.
ގުލަމަތި ހިފުމަކީ ދިވެހި ހެވިކަމުގެ ތެރޭގެ ކަމެއް. ހެވިކަމަށް ފަށައިގަތުމުގައި ހަށިގަނޑު ދުޅަހެޔޮ ކުރުމުގެ ގޮތުން ކުރާ އެކި ކަސްރަތުގެ ތެރޭގައި ހިމެނޭ ފަހުލަވާނީ ކަމެއް. މިކަމުގެ ޚާއްސަ ހުނަރުތައް ލިބިގަތީ މަލަބާރު ކަރައިގެ މީހުންގެ ގަދަބައްޔަށް ހިފުމުގެ ކުޅިވަރު ތަކުގެ ތެރޭން ކަމަށް ދޫދޫ މަތިން ބުނެވޭ.
މި ކުޅިވަރު މި ރާއްޖެއަށް ގެނެވުނު ގޮތެއް، މިކަން ފެށުނު ދުވަސްވަރެއް ސާފުކޮށް އެނގޭން ނެތަސް ފުރަތަމަ މިކަން ހިނގައިގަތި ދިވެހި ލަޝްކަރުގެ ކަމެއްގެ ގޮތުން ކަމާއި، ލަޝްކަރުގެ ކޮށިތައް އުވިގެން ދިޔުމުން ރަސްމީ ގޮތުން މިކަން އުވިގެން ދިޔައީ ކަމަށްވޭ. އޭގެފަހުން ފަހުލަވާނި ކުލިވަރެއްގެ ގޮތުން އަމިއްލަ އެކިއެކި ޖަމާޢަތުގައި ކޮންމެވެސް ވަރަކަށް މިކަން ދެމެހެއްޓިފައިވޭ. މިގޮތުން ވިހިވަނަ ގަރުނުގެ ފަހުކޮޅަށް އެޅުނު އިރު ގުޅަމަތި ހިފުން ދިވެހި ޒުވާނުންގެ ފަހުލަވާނީ ކަމެއްގެ ގޮތުގައި މުލަކު އަތޮޅު މަޑުއްވަރީއާއި އެ އަތޮޅުގެ ބައެއް ރަށް ރަށުގައި އަދި މާލެ އަތޮޅު ކާށިދޫގައި މިކަމުގެ މީހުން އުފެދުނު.
މަލަބަރު ކަރައިގެ ދަށުގައި މި ގައުމު އޮތް ކުދަ ދުވަސްކޮޅު، މާލޭގައި ކޮންމެވެސް ވަރަކަށް މިކަން ފެށުނު ކަމާއި، މާލޭން ރާއްޖެތެރއަށް ފގޮސް ފިރިހެނުންގެ މައިދަނީ ގުރޫޕު ކުލިވަރެއްގެ ގޮތުގައި މިކަން ހިނގައިގަތްކަމަށް ބުނެވޭ. އެކިއެކި ޢީދުގައި ކުޅިވަރެއްގެ ގޮތުން އެކިއެކި ރަށްރަށުގައި ގުޅަމަތި ހިފުން އޮވޭ.

ހިފާ މީހުންނަށް ބަލާލާއިރު، ގުޅަމަތި ހިފުމުގައި ބައިވެރިވާނީ، ވަރުން އަޅައި ހޮވިގެން އިރުއްޓޭ ކޮށް ޖޯޑު ހަމަވާ ގޮތަށް. ތިބޭނީ އުނަގަނޑުމަތިން ހުސްގަޔާ އޭގެ ތިރިން ކަކޫމަތި ފޮތިގަނޑު އެޅި ހަރުވާޅެއްލާފަ. ހށިގަނޑުގެ އެއްވެސް ތާކު ތޫނުކަމެއް ނުވަތަ ޙަރަކާތަށް އުނދަގޫވާ ކަހަލަ އެއްޗެއް އޮވެގެން ނުވާނެ. ދެ ޓީމަކަށް ބެހިގެން އެބައެއްގެ އަމުރުވެރިޔާ ކައިރީގައި ދެބައި ވަކިން ފަސްގަނޑުގައި ކޮޅަށް ތިބޭނީ. ހިފަން ނުކުންނާނި ގުރުޢަތުން ފުރަތަމަ މީހަ ނެރެންވީ ބައެއް ހޮވިގެން. އެއީ އިސްނަގާމީހަ ހޮވުން. ގުޅަމތިހިފުމަށް ދޮންވެލީގެ ދޫފަސް ބިންކޮޅެއް ބޭނުންވޭ. ގާތްގަނދަކަށް ފަނަރަ ފޫޓް ފަނަރަ ފޫޓުގެ. އުސްތުނބަށް ނަރުވާތިރި އަންބަލަމެއްހެން އޮތް ތަނެއްވެސް ރަނގަޅު. އޮށްގާފަދަ ހަށިގަނދަށް ގެއްލުމެއް އުނދަގުލެއް ވެދާނޭ އެއްޗެއް ކުޅޭ ބިމުގައި ހުރެގެން ނުވާނެ. ކެޕްޓަން ވަރުން އަޅާފައި ހަމައިން ފަހަރަކު ދެމީހުން ފަސްގަނޑު މައްޗަށް ނުކުންނަނީ. މި ނުކުމެފައި ފަސްގަނޑުގައި ކުރިން ބުނެދިޔަ ފަދައިން އިސްނެގުނު މީހާ ދެން ހުރި މީހާ ކަނައަތް މައްޗަށް އުކުޅަށް އަރުވައި ކޮނޑުމަތިން އެއްލާނީ. މި އެއްލުމުން އެމީހާ އެއްލެވޭ މީހާ ފަސްގަނޑު މައްޗަށް ޖެހޭނީ މަޑިޔަކަށް. ހަމައެވަގުތު ކޮއްޅުން ހުރި މީހާ މަޑިޔަށް ޖެއްސުވި މީހާ އަނެކާގެ ބުރިކަށި މަތިން ބައްދައި ކަނާތް ދަށުން އެމީހާ ފަހަތަށް ކޮށްޕާލާނީ. މިހެން ހަދަނީ އެމީހާގެ ބޮލުގައި ވާތުން ހިފާފަ. ދެން ކަނާތް މައްޗަށް ގެނެސް ކިހިލިފަތް ދަށަށް އެމީހާގެ ބޯ ލައްވައި ހިފަހައްޓާލަނީ. މި ހުނަރުވެރިކަމަށް ކިޔަނީ ހަކާތު އެރުވުން. މި ހިސާބުން އޭނާގެ ކިހިލިފަތް ދަށުގައިވާ މީހާ ބަލިވީ. ދަނޑުން ނުވަތަ ފަސްގަނޑުން އޭނާ ފައިބާނީ ދެން ގަދަވި މީހާ އިދިފުށުން އެއްލާފައި މަޑިޔަކަށް ޖެހިފައި ބޯ ހިއްލާލައިގެން ބަލަން އޮއްވައި އަލުން މީހަކު ފަސްގަނޑަށް އަރައި ޙަމަލަދޭނީ. މިގޮތަށް ގަދަވުމުން ބަލިކުރަމުން ގޮސް ދެޓީމު ހުސްވަންދެން ހިފާނީ. ކުލަދާނަ މޮޅުމީހަކީ މުޅި ޓީމާއި ހިފަމުން ބަލިކުރަމުން ދާއިރު އެމީހެއްގެ ޙަރަކާތް ރީތި އަދި އުކުޅު ފުރިހަމަ ގަދަ މީހަ. މީހާގެ ގަދަފަދކަން ދެއްކުމަށްވުރެން ބޮޑަށް މިކަމުގައި ބައިވެރިވާ ދެމީހުންވެސް ދެއްކޭތޯ ބަލަނީ ހުނަރުގެ މޮޅުކަމާއި ރީތިކަން. 

Programme 22

މަހާތުމާ ގާންދީ އެންމެ ފުރަތަމަ ދެކުނު އެފްރިކާގެ ނަތާލްއަށް ކުރެއްވި ދަތުރުފުޅުގައި ދެވަނަ ދަރަޖައިގެ ރެސްޓޯރަންޓަކުން ފަރީއްކުޅުވި. ފަރިއްކުޅުއްވައި އަވަދިވެ ވަޑައިގެން ވެއިޓަރާއި ދިމާލަށް ވިދާޅުވި. ތިޞާގެ ޚިދުމަތަށް ޓަކައި ވަރަށޤ ބޮޑަށް ޝުކުރު އަދާކުރަމޭ. ވެއިޓަރު ދެންނެވި. ސާހިބާއޭ. ތިޔަ ބަސްފުޅު އަޅުގަނޑު ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަމޭ. އަޅުގަނޑި މި ވަޒީފާ އަދާކުރާތާ ފަންސަވީސް އަހަރު ވެއްޖެއޭ. އެކަމަކު ދުވަހަކުވެސް އަޅަގަނޑާއި ދިމާލަށް ތިޔަކަހަލަ ޝުކުރުގެ ބަހެއް އެއްވެސް މީހަކު ބުނެފައެއް ނެތޭ. ހެޔޮ ބަހެއް ބުނެލުމަކީ އެހާ އުނދަގޫ  ކަމެއްނޫން. އެކަހަލަ ބަހެއްގެ ސަބަބުން ނުކުންނަ ނަތީޖާއަކީ މީހެއްގެ ހިތަށް ލިބޭ ހަމަޖެހުމެއް. ބުނެލެވޭ ބަހެއްގެ ބަދަލުގައި މިއަށްވުރެން ވަކިން ބޮޑު އަގެއް ލިބޭނެތޯ.
މީހެއްގެ ފަރާތުން ކަމަކަށް އެދިވަޑައި ގަންނަވާއިރު، އެއީ ކޮންމެ ދަރަޖައެއްގެ ކޮންމެ މީހެއް ކަމުގައި ވިޔަސް، ހިތްހެޔޮކަމާއި މަޑުމައިތިރިކަމާއެކު، އެކަމަކަށް އެދިވަދައިގަންނަވާ. ހަމައެހެންމެ މީހެއްގެ ފުށުން ލިބޭ އެހީތެރިކަމެއް ނުވަތަ އެއްޗެއްގެ ބަދަލުގައި ހިތްޕުޅުގެ އެންމެ އަޑިން އިޚުލާސްތެރިކަމާއެކު ޝުކުރިއްޔާއޭ ވިދާޅުވެ ލައްވާ. އަމުރުވެރިކަމާއި ހަރުކަށިކަމަކީ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމަށް ބުރު އަރާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް. ޢާންމުކޮށް މީހުން އެއީ ރަނގަޅު މީހެކޭ ބުނާ މީހުންގެ ފުށުން މިދެންނެވި ހަރުކަށިކަމެއް ނުފެންނާނެ. އަމުރުވެރި ގޮތެއް އެމީހުންގެ ކިބައިން ފެންނާކަށް ނުހުންނާނެ.
ކިތަންމެ މަތިވެރި މަގާމެއްގައި ހުއްޓަސް އެފަދަ މީހަކު އިޚުތިޔާރު ކުރާނީ، މަޑުމައިތިރި ކަމާއި ހިތްހެޔޮކަން.  ކަމަކަށް އެދޭއިރު މީހެއްގެ ހިތުގައި ނުޖެހޭ ގޮތަށް އެދުމަކީ އެތައް ގަޑިއިރެއް ވާންދެން ތަޢުރީފު ކުރުމަށް ވުރެން އެމީހަކު އުފާވާނޭ ކަމެއް. ހަމައެހެންމެ ހިތްހެޔޮކަމާއެކު ޝުކުރިއްޔާއޭ ބުނެލުމަކީވެސް ހަމަ މިފަދަ ކަމެއް.
ފްރޭޔާރ ސްޓާފް ވިދާޅުވެފައިވޭ. ރީތި އަޚުލާގަކީ ވިޔަ އަކުރުގައި އޮންނަ ސުމެއް ކަހަލަ އެއްޗެކެވެ. ސުމަކީ އެކަނި އޮންނައިރު އެއްވެސް އެއްޗަކަށް ނުވިނަމަވެސް އެހެން އަކުރުތަކާއި ގުޅުވައިލީމާ، އެ އަކުރު ތަކުގެ އަގު ވަރަށް ބޮޑުކޮށްދޭ އެއްޗެކެވެ. އާދެ، ރީތި އަޚުލާގަކީވެސް މީހަގެ އަގު އެތައް ގުނައަކަށް ބޮޑުކޮށްދޭ އެއްޗެއް.

އެއްކަޅިން ތާރީޚު               

މިބައިގައި އަޅުގަނޑުމެން ބަލާލަމުން މިގެންދަނީ ދިވެހިރާއްޖޭގެ އެވޭލާ ކުޅިވަރުތަކުގެ މައްޗަށް. އެގޮތުން މިރޭ އަޅުގަނޑުމެން ބަލައިލަނީ ބޮލި މަލާފަތު ނެށުމާއި ބެހޭ ގޮތުން.
ބޮލި މަލާފަތު ނެށުމަކީ ބޮލި މަލާފަތާ ދިއުން. މިކަން ނަމޫނާއަކަށް ބަލައިގެން އުފައްދާފައިވާ ކަމެއް. މިކަން ނެށުމަކަސް ހެދީ އިހުޒަމާނުގައި އަންހެނުން ނެށި ނެށުމަކާއިވެސް ގުޅިގެން. ފަހުން ލަނގިރީގެ ބައެއް އިތުރު  ކޮށްގެން ކަމަށްވޭ. މި ނެށުމުގެ އަސްލަކީ ހިންދީ މުޖުރާގެ ނެށުމެއް ކަމަށް ބެލެވިދާނެ. ނަމަވެސް މިހާރު މި ނެށުން ހިމެނިފައި މިވަނީ މިޒަމާނުގެ ދިވެހި އަންހެނުންގެ ސަގާފީ ނެށުމެއްގެ ގޮތުގައި. މިޒަމާނުގެ ދިވެހި އަންހެނުންގެ އަތްމަތިން މި ނެށުމަށް މިއުޒިކާއި ޙަރަކާތްތައް އިތުރުކޮށް ޗަބްކާ ކެމްޓާގެ ހަމަޔަށް މި ނެށުން ހަމަޖެއްސި. މި ނެށުން މިގޮތަށް ބަދަލުކުރީ އަމީނިއްޔާ ސްކޫލުގެ އިސްދަރިވަރުން. ރަސްމީގޮތުން މިނެށުން ޒަމާނީ ގޮތަށް ފުރަތަމަ ދެއްކުނީ ދެކުނު އޭޝިޔާގެ ޚާރިޖީވަޒީރުންގެ އެއްވެ ވަޑައިގަތުމެއްގައި މީލާދީން ނަވާރަ ސަތޭކަ އަށްޑިހަ ހަތަރުވަނަ އަހަރު، މާލޭ ދާރުލް ޢުލޫމުގަ.
މިޒަމާނުގެ ބޮލިމަލާފަތު ނެށުމަކީ ސއުވީހަކަށް އަންހެނުންގެ މައްޗަށް އެކުލެވޭ ގްރޫޕް ނެށުމެއް. ސްޓޭޖް ޝޯވްގައި ދެއްކުމަށް އެކަށީގެންވާ ގޮތަށް ރާވާފައިވާ ޝާހީ ނެށުމެއް. މި ކުޅިވަރުގެ ހެދުމަށް ބަލާލާއިރު، މި ކުޅިވަރުގެ ހެދުމަކީ ދިވެހި އަންހެނުންގެ ކަސަބު ބޯވަޅުއެޅި ހެދުން. އެ ހެދުން އެންމެ މަތީ ދަރަޖައިގައި މުއްސަނދިކޮށް ބޭނުންކުރި ދުވަސްވަރު  އަށާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރުން ފެށިގެން ނަވާރަ ސަތޭކަ ތިރީސް ނުވަޔަކަށް ބޭނުންކުރި ގޮތުގައި. އެއީ ގަދަ ރަތް ނުވަތަ ގަދަ ދަނބު ކުލައިގެ ސާޓަނު ލިބާސް ފޮތީގައި ރަން ހަ ހިރިޔާއި ރިހި ދެ ހިރިޔާއި ހަ ބަގިޔާއާއި މެދު ރޮދި ގަނޑަކާއެކު، ކަސަބު ބޯވަޅުއަޅައި އަދި ވަށްބަގިޔާ ކަސީދާ ކޮށްގެން ލިބާސް. ދެން ރަން ކަސަބުން ނަލަ ހިރު ދެމި އަންނަ ފޭއްޔެއް. ބޮލުގެ އިސްތަށިގަނޑުން ނިއްގަނޑުލައި ހަންހުދުކުރި ތެޔޮ ރުމާފަޅިއަޅައި، ރަތްއެސްޖެހި ރަންދަތިން އެ ހުޅީގައި އެރުމާ ހަރުކޮށްފައި. ކަންފަތުގައި ރަތްއެސްޖެހި ކަންފަތު މުދި އަދި އަތުގައި ފިތްޖެހި އުޅާ ބައި އަތެއްގައި ހަތަރު އުޅާ އަޅާގޮތަށް. ކަރުގައި ފަންސަވީސް ފަށްލައި ތިރިއަށް މައްސާއި ހަތް ފޮށްޗާއި ހުދުފޮތިލީ ފައްޓަރުބައި. ދެފައިގައި ރަން ތަކަހޮޅި އަޅާފައި ހުސް ފަޔާ.
ނެށުމަށް ބަލާލާއިރު ބޮލި މަލާފަތު ނެށުމުގައި ދުރުން އަޑު ފޮނުވައިގެން އޭގެ މިޔުޒިކު ހަމަވާ ގޮތަށް ނަށާމީހުން ލަވަކިޔަމުން އަތުން ގިގުނިފަތި ހަރަކާތް ކުރަމުން ނަށަނީ. ރާގުގެ ހަމަ، ރާގުގެ ހަމައިގައި ބާނި ރިދަމްއަށް ހަށިގަނޑުން  އެކި ޙަރަކާތްކުރޭ. އެ ސަފުގައި ބޭނުން ކުރަނީ މުޖުރާ. ކިޔަނީ ލަސްލަވަޔާ މެދު ލަވަޔާއި، ދެން އަވަސް ލަވަ.
ލަވައިގައި ހިމަނަނީ ދިވެހި އަންހެނުންގެ ގައުމީ ޝުޢޫރު، ނެށުމުގެ ވަގުތަކީ ހައެއްކަ މިނިޓް. ނެށުމުގައި ޙަރަކާތް ފަތްކުރަމުން ދާއިރު، ދައުރު ތަކުރާރު ނުވާ ގޮތަކަށް ހަމަޖައްސަ. ނެށުމުގައި ކުރިއަށް ފަހަށް އަރިޔަށް ހިނގައި ލެނބި ގުދުވުމުގައި ފަނަރަ ވަރަކަށް ހަރަކާތް އެކުލެވިގެންވޭ. ލަސް ލަވައިގެ ނެށުމެއްގައި ސްޓޭޖަށް ނުކުތުމާއެކު އެ ނެށުމުގައި އެއް ސަފަށް، ދެ ސަފަށް އެތުރި ސަފު ބަދަލު ކުރުން. އަދި ކޮންމެ ތިންމީހަކު ވަކިން ކުޅި ހެދުން އެ ނެށުމުން އޯޑިއަންސަށް ކުރިމަތިވާ ގޮތަށް ޔޫ އެއްގެ ސިފައިގައި ކުޑަ ކޮއްޅުން ތިބެގެން ލެނބި ގުދުވެ ޙަރަކާތްކުރުން. އެ ޙަރަކާތުން ތެދުވެ ވަށްބުރެއްގައި ނެށުން. ބުރުގެ ތެރެއިން ކުޑަ ބުރެއް ހަދައި ދެ ބުރު ވަށްކޮށް ނެށުން. އަދި އެ ޙަރަކާތުގެ ތެރެއިން ކޮންމެ ދެމީހަކު، ކުޅި ހެދުން އޮވޭ. ޙަރަކާތުގެ ތަރުތީބުން އަވަސް ލަވަޔަށް ބަދަލު ކޮށްގެން ދުރުކޮށް ކުރިޔަށް ފައި އަޅާ އަވަސް ނެށުމަކަށް ދެ ސަފަށް ނަށަމުން އެންމެން ފަށް ކުރަމުން، ސްޓޭޖްގެ ދެކޮޅަށް ދައުރުކޮށް ނަށަމުން އެނބުރި އައިސް އޯޑިއަނުންނަށް ނޫނީ ދެބަރިއަށް ކުރިމަތިލައި ގުދުވެ ސަލާމް އިޝާރާތްދީ، ތެދުވެ ދެބަރިއަށް ލަސް ހަމައަށް ބަދަލުކޮށް ނަށަމުން އެނބުރި ފަރުދާވެގެންދާނީ. މި ގްރޫޕް ނެށުމުގެ މެދުމިނުގެ ޢަދަދަކީ ބާރަ މީހުން. 

Programme 21

ދުނިޔޭގައި އުޅެނީ ދެ ބާވަތެއްގެ މީހުން. އެއްބާވަތަކީ އަމިއްލަ ނަފްސު ބިނާކުރާ މީހުން. ދެވަނަ ބާވަތުގެ  މީހުންނަކީ ތާރީޚު ބިނާކުރާ މީހުން ނުވަތަ ތާރީޚުގައި ފާހަގަ ކޮށްލެވޭފަދަ ކަންތައްތައް ކުރާ މީހުން. 
އަމިއްލަ ނަފްސު ބިނަކުރާ މީހުން މަސައްކަތް ކުރާނީ ތިމާގެ އަމިއްލަ ނަފްސު މަތިވެރި ކުރެވޭތޯ. ތާރީޚު ބިނާ ކުރަ މީހުން މަސައްކަތް ކުރާނީ މުޅި އިންސާނިއްޔަތަށް ޚިދުމަތް ކުރެވޭތޯ. އަމިއްލަ ނަފްސު ބިނާ ކުރާ މީހާގެ ހުރިހައި ޚިޔަލެއް އެނބުރޭނީ އޭނާގެ އަމިއްލަ ނަފްސުގެ ވަށައިގެން. އޭނާ އުޅޭނީ އަމިއްލަ އެދުމެއް ފުރިހަމަ ނުކުރެވިގެން. އަމިއްލަ ފައިދާ ނުލިބޭ ތަނަކަށް ނުދާނެ. ފައިދާއެއް ލިބޭފަދަ ތަނެއް ވެއްޖިއްޔަ އެތަނަކަސް ދުވެފައި ދާނެ. އަމިއްލަ އެދުމެއް ފުރިހަމަ ކުރެވުނީމަ އުފަލުން ފޮޅޭނެ. އެދުމެއް ފުރިހަމަ ނުކުރެވިއްޖެނަމަ، އުފަލެއް ނުވާނެ. އޭނަގެ ސިކުނޑީގައި އެންމެ އިސް މަގާމެއް ދެވިފައި އޮންނާނީ އަމިއްލަ އެދުމަށް. އަމިއްލަ އެދުމެއް ފުރިހަމަ ކުރުމަށް ޓަކައި އޭނާ ކިތަންމެ ބޮޑު ގުރުބާނީއެއްވެސް ވެދާނެ. އޭނާ އަކީ އެއްވެސް ކަހަލަ އުސޫލެއް ގަބޫލުކުރާ މީހަކަށް ނުވާނެ.  ވަޢުދެއް ފުއްދުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލެއް ނުކުރާނެ. ރީތި އުސޫލު ތަކާއި ހިފަހައްޓަންޖެހޭ ހަމަތައް މުގުރަލާފައި އޭނާ ކުރިއަށް ދާނީ އަމިއްލަ އެދުމުގެ ފަހަތުން. އެ ދެދުމެއް ފުރިހަމަ ކުރަން އަޅަ ފިޔަވަޅުގައި އެހެން އެއްވެސް ކަމެއްގެ މަތީން ހަނދާނެއް ނުކުރާނެ.
ތާރީޚު ބިނާ ކުރާ މީހުންނަކީ މިދެންނެވި ފަދަ މީސްތަކުންނާއި ތަފާތު ބައެއް އޭނާ ދިރިއުޅޭނީ އަމިއްލަ ނަފްސަށް ޓަކައެއް ނޫން. އޭނާގެ މަގްސަދު އޮންނާނީ އެއްވުރެން މާ މަތިވެރި ދަރަޖައެއްގައެވެ. އޭނާ ހުންނާނީ ވަކި ހަމަތަކެއްގެ މަތީގައި. ތިމާއަށް ލިބިދާނޭ ފައިދާއަކަށް އޭނާއެއް ނުވިސްނާނެ.  އޭނާއަށް ޒާތީ ކަމިޔާބެއް ނުވަތަ ނާކާމިޔާބެއް ލިބިދާނޭތީ ފަހަރެއްގައިވެސް ފިކުރެއް ނުކުރާނެ. އޭނައަށް އެންމެ މުހިންމު ކަމެއް ކަމުގައި އޮންނާނީ އޭނާގެ ޢަގީދާ ތަންފީޒު ކުރުން. އޭނާ ހުންނާނީ އެންމެހާ އަމިއްލަ އެދުންތަކުން ސަލާމަތް ވެގެން. މުޅި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި އަތުކުރި އޮޅާލައިގެން. ތާރީޚުގައި ރަން އަކުރަކުން ނަން ލިޔެވޭ މީހަކަށް ވުމަށް ޓަކައި ކޮންމެ މީހަކަށްމެ ޖެހޭނީ އަމިއްލަ އެދުންތައް ގުރުބާން ކޮށްލަން. އަމިއްލަ އެދުންތައް އިސްކުރުމުން ދުރުހެލިވުމާއެކު އެމީހަކަށް ހުރެވޭނީ އިންސާނިއްޔަތަށް ފައިދާ ކުރަނިވި މަގަކަށް ނުކުމެވިފަ. އެފަދަ މީހަކީ ޒާތީ ހިތާމަތައް އެއްފަރާތް ކުރަމުން ގެންދާ މީހަކަށް ވާނެ. އަމިއްލަ އެދުން ތަކަކީ އޭނާގެ ކުރިމައްޗަށް އަންނަ މުހިންމު ކަންތައްތަކެއް ކަމުގައެއް ނުވާނެ. އަމިއްލަ ކަމެއް ނުފުދުމަކީ އޭނާ ހިތާމަކުރާ ކަމެއް ކަމުގައި ނުވާނެ.
ތާރީޚުގައި ރަން އަކުރަކުން ލިޔެވޭނީ މިދެންނެވިފަދަ މީސްމީހުންގެ ނަން. އެ މީސްމީހުންނަކީ އަމިއްލަ އިޚުތިޔާރުގައި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ މަގު ޚިޔާރު ކުރާ މީހުން. އެފަދަ މީހުންނަކީ އަމިއްލަ ޙައްގުތަކެއް ނުލިބިގެން ޝަކުވާކުރާ ބައެއް ނޫން. އަމިއްލަ އެއްޗެއް ސަލާމތް ނުވެގެން ކޮޅުކޮޅުމައްޗަށް ދުވާ ބައެއްނޫން. އެފަދަ މީހުންގެ ކުރިމަތީގައި އޮންނާނީ މަސްއޫލިއްޔަތެއް އެކަނި. ކިތަންމެ ބޮޑު އުނދަކަލަކާއި ކުރިމަތިލާން ޖެހުނަސް އޮތް މަސްއޫލިއްޔަތު އުފުލައިގެން ކުރިއަށް ދިއުމަކީ އެފަދަ މީހުން އާދައަކަށް އޮންނަނީ ވެފަ.

އެއްކަޅިން ތާރީޚު               

މިބައިގައި އަޅުގަނޑުމެން ޚާއްސަ މިކޮށްލަނީ ދިވެހި ސަގާފީ ކުޅިވަރުތަކާއި ބެހޭ ގޮތުން. އެގޮތުން މިރޭ އަޅުގަނޑުމެން ބަލައިލަނީ ބަށި ކުޅުމާއި ބެހޭ ގޮތުން.
ބަށި ކުޅުމަކީ މާލެއާއި ރައްޖެތެރޭގެ ހުރިހާ ފެންވަރެއްގެ ޒުވާން އަންހެނުންގެ ފަންތި ކުޅިވަރު ތަކުގެ ތެރެއިން ގިނައިން ބޭނުންކުރާ ހަވީރީ ކުޅިވަރެއް. މި ކުޅިވަރުގައި ބޭނުންކުރާ އާލާތް ކަމުގައިވާ ބައްޓަކީ އެވޭލާގައި ދިވެހި ރުކުގެ ފަނުން އިލޮށި ދަމައިގެން އޭގެ ވަތުން ހަތަރު އަރިއަށް ވާގޮތަކަށް ގާތްގަނޑަކަށް އަރިއެއްގައި ދެ އިންޗީގެ ބޮޑު މިނުގައި އަންހެނުން ވިޔާ ބޯޅައެއް. މެދު ޒަމާނުގައި ފޮތިން ބޮޑުމިނުގައި ބޯޅައެއްގެ ސިފައިގައި ބޮނޑި ބަނދެގެން ބަށީގެ ގޮތުގައި ބޭނުން ކުރި. އޭގެ ފަހުން މިހާރު މީލާދީން ނަވާރަ ސަތޭކަ ފަންސާސް އެއްވަނަ އަހަރުން ފެށިގެން ޓެނިސް ބޯޅަޔާއި އޭގެ ރެކެޓް ބޭނުން ކޮށްގެން ކުޅެމުން ގެންދޭ. މިގޮތަށް ކުޅެން ފެށުމުން ކުޅޭ ގަވާޢިދެއް ލިޔެ އެކަށައެޅިގެން މަދަރުސާ ބަށި މި ނަމުގައި ކުޅެވޭ.
ކުޅޭ މީހުންނަށް ބަލާލާއިރު ބަށި ކުޅެނީ ދެ ބަޔަކަށް ނުވަތަ ދެ ޓީމަކަށް ބެހިގެން ކޮންމެ ބަޔަކަށް ވެރިޔަކު އިސްކޮށްގެން. އެވޭލާގައި ކުޅެނީ ދިވެހި އަންހެން ހެދުމެއްގަ. އަދި ހުސްއަތާ ހުސްފަޔާ ތިބެގެން.
ކުޅޭ ބިމަށް ބަލާލާއިރު ބަށި ކުޅެނީ ތަނަވަސް ހުސް ބިމެއްގަ. ގާތްގަނޑަކަށް މި ޒަމާނުގެ ޓެނިސް ކޯޓެއްގެ ބޮޑު ސަރަޙައްދެއްގައި ދޮންވެލިން ރޮނގުއަޅައި އޭރިޔާ ވަކި ކޮށްގެން އަދި ބިމުގެ، ބަށިކޯޓުގެ ގާތްގަނޑަކަށް މެދެއްހާ ތާނގައި، ހުރަހަށް ރޮނގެއް ނުވަތަ ކަނޑު އޮވޭ. އެ ރޮނގުގެ މެދަކާއި ހަމައިން ސިދާވާ ގޮތަށް ކޯޓުގެ ކޮޅުން، ބޭރު ރޮގުގައި ހައެއްކަ ފޫޓު ހަމަވާ ހިސާބުގައި ކުޅޭ މީހުންނަށްވީ މުގޯލި ފާހަގަ ކޮށްފައި ހުންނާނެ.
މި ކުޅިވަރު ކުޅޭ ގޮތަށް ބަލާލާއިރު، ދެބައިގެ މެދުގައި ގުރުއަތުލައިގެން ކުޅޭ ބަޔާއި ހޮވާ ބައި ހަމަޖައްސާނީ. ދެން ކެޕްޓަންގެ ރޭވުމުގެ މަތީން ކުޅޭ ބައިން ފަހަރަކު މީހަކު ކުޅޭ މީހާގެ މުގޯއްޔަށް އަރައި ހޮވަމީހުންނަށް ފުރަގަސްދީގެން ހުރެ ބަށި ބޯމަތިން ދާ ގޮތަށް ކަނާއަތުން އެއްލައި ޖަހަމުން ގެންދަނީ. ކަނޑު ހުރަސްކޮށް ދާ ބޯޅަ ނުވަތަ ބަށި ހޮވާ މީހުން ހިފައިފިނަމަ، ނުވަތަ ކަނޑުން ބޭރު ނުވިނަމަ ކުޅޭ މީހާ ނުބައިވީ. ނުބައި ނުބައި ނުވެ ބާރަ ފޯލި ނުވަތަ ބާރަ ބޯޅަ ހުރަސް ވެއްޖެނަމަ، ސައްޕު ވައަތްމަތިން ހުރަސް ރޮނގަށްވީ ފަރާތަށްވާ ގޮތަށް ހުރެގެން ބޯޅަ އަތްމަތީން އެއްލައި ކަނާއަތުން ޖެހުން ޖަހަންވީ. އެ ފޯލި ކަނޑުން ބޭރުވެގެން ގޮސް ހޮވާ މީހުންނަށް ނުހިފިއްޖެނަމަ، ލަނޑެއް ދެވުނީ. މި ދެންނެވި ގޮތަށް އެއްބަޔަކު ކުޅެ ނިމިގެން އަނެއްބަޔަކު ކުޅެ ނިންމައި ހިސާބުކޮށް ހަދާއިރު ގިނަ ލަނޑު ދެވުނު ބަޔަކު އެ ކުޅުމުން ނުވަތަ އެ މެޗުން މޮޅުވީ.